ފިލިޕީންސްގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 35 އަށް

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ރަށުގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، މަދުވެގެން 35 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 07:37 ގައި 7.8 މެގްނިޓިއުޑް ބާރުމިނުގަ އެވެ. ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ، ޖަޕާން އަދި އޮސްޓްރޭލިއާއަށް ސުނާމީގެ އިންޒާރު ނެރުނެވެ. 
އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތައް ވަނީ ބިމާހަމަވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓެއް ކަމަށްވާ "ޖޮލިބީ" ގެ އައުޓްލެޓެއް މުޅިން ސުންނާފަތިވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ފިލިޕީންސްގެ އޮފީސް އޮފް ސިވިލް ޑިފެންސްއިން ހޯމަ ދުވަހުގެ މެންދުރު ފަހު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރެއިން 31 މީހުންނަކީ ސޮކްސާޖެން ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. އަދި ބާކީ ހަތަރު މީހުން މަރުވީ ދަވާއޯ ސަރަހައްދުންނެވެ.
އޮފިޝަލުން ބުނީ މި ހާދިސާގައި މަދުވެގެން 134 މީހުންނަށް އެކިވަރުގެ އަނިޔާތައް  ، ގާތްގަނޑަކަށް 10،000 އާއިލާއެއް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފަ އެވެ.
މިންޑަނާއޯއަކީ ބޮޑުމިނުގެ ގޮތުންނާއި އާބާދީގެ ގޮތުން ބަލާއިރު ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ. އެ ރަށުގައި ގާތްގަނޑަކަށް 26 މިލިއަން މީހުން ދިރިއުޅެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދުތައް ކަށަވަރުކުރުމުގެ މަސައްކަތް އެ ގައުމުގެ ގައުމީ ކާރިސާތަކާ ބެހޭ އިދާރާއިން ދަނީ ކުރަމުންނެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކާރިސާއާ ގުޅިގެން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބިންހެލުން އައި ދުވަހަކީ ފިލިޕީންސްގެ ދިރާސީ އައު އަހަރު ފެށުނު ދުވަސް ކަމަށްވީ ނަމަވެސް، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް މާކޯސް ވަނީ އަމުރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ