ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުގައި ސަލާމަތީ ބާރުތަކާއި އާންމުންގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި 11 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ހޯމަ ދުވަހު ހާމަކުރައްވައިފިއެވެ.
މި ހަމަނުޖެހުންތައް ފެށުނީ ސިޔާސީ ހައްގުތަކާއި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއެއްގެ ކުރިން، އެ ސަރަހައްދުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އާދީއްތަ ދުވަހުއެވެ. ކޯޓުން ނިންމާފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ ކަޝްމީރުގެ ރެފިއުޖީންނަށް ޚާއްސަކޮށްފައިވާ 12 ގޮނޑިއަކީ ގާނޫނުއަސާސީން ރައްކާތެރިކަން ލިބިގެންވާ ގޮނޑިތަކެއް ކަމަށާއި، ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެސް އެ ގޮނޑިތައް އުވާނުލެވޭނެ ކަމަށެވެ.
މި ނިންމުމާ ދެކޮޅަށް، މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭ.އޭ.އޭ.ސީ) އިން ދަނީ އަޑުއުފުލަމުންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ރެފިއުޖީންނަށް ދީފައިވާ މި ގޮނޑިތަކުގެ ސަބަބުން ސިޔާސީ ނުފޫޒު ވަކި ފަރާތަކަށް ބުރަވެއެވެ.
ޕޫންޗް ސެކްޓަރުގެ ކޮމިޝަނަރު ސަރުދާރު ވަހީދު ޚާން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަތިޔާރު އެޅި ބަޔަކު ފުލުހުންނަށް ދިން ހަމަލާތަކެއްގައި ހަތަރު ފުލުހުންނާއި މަގުމަތިން ދިޔަ އާންމު ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ރައްދުގައި ދިން ހަމަލާތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހަ މީހަކު މަރުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕޮލިސް ޗީފް ލިއާގަތު މާލިކް ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ 23 އޮފިސަރުންނާއި 50 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަމަލާތަކާ ގުޅިގެން 30 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ރާވަލަކޮޓް ސިޓީގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ވަށާލައި، ސިއްހީ ޚިދުމަތްތަކަށް ހުރަސްއަޅައި، ސަރުކާރާއި އަމިއްލަ މުދަލުގައި ހުޅުޖަހާފައެވެ.
ޖޭއޭއޭސީގެ ލީޑަރު ޝައުކަތު ނަވާޒް މީރު ވަނީ އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި، ސަރުކާރުން ރައްޔިތުން ”ގަތުލުއާންމު“ ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ގާނޫނާއި ގަވާއިދު ނެގެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ ޖޭއޭއޭސީ އަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގެ ކުރިން އެ ސަރަހައްދަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ސަރަހައްދު ދޫކޮށް ދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކެއްގައި 11 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ