އޮއިވަރު ބަދަލުވަނީ؛ ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަން އާންމުންގެ މެދުގައި ދަށްވަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެތެރޭގެ މަސްލަހަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.
ޕީއެންސީގެ ސީނިއާ ބައެއް މެންބަރުން އަދަދު ނޫހަށް ބުނި ގޮތުގައި ދާދި ފަހުން ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ. ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން މުއިއްޒުގެ މި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނެވެ.
"މިއީ ރައީސްގެ ހުށަހެޅުމެއް ފާސްނުވި ފުރަތަމަ ފަހަރު،" ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ. 
މި ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ.
މި ކޮމިޓީ އެކުލަވާލުމުގައި ރައީސް މުއިއްޒު އެންމެ ގަޔާނުވާ އަދި އެމަނިކުފާނު ބޭނުންފުޅު ނުވާ ބައެއް މީހުން ވެސް ހިމަނާފައިވާ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ މެންބަރުން ވިދާޅުވި އެވެ. 
މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމުކުރުމަށް ނެގި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް، ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު، މިލަންދޫ ދާއިރާގެ ހަސަން މުފީދު، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ހިމެނިވަޑައިގަންނަވަ އެވެ. 
ރައީސް މުއިއްޒުއާ ދެކޮޅަށް ޕާޓީގެ އެތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި އަދި އެއްވެސް ހަރަކާތެއް ނުފެނުނު ކަމުގައި ވިޔަސް، މެންބަރުންގެ މެދުގައި ބޮޑެތި ނުތަނަވަސްކަން އެބަހުރި ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި އެ ޕާޓީގެ ބައެއް މެންބަރުން ބުންޏެވެ. 
މުއިއްޒުގެ މަގުބޫލުކަން ދަށްވެފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގުނީ އޭޕްރީލް 4 ގައި ބޭއްވި ރިފަރެންޑަމްގައި، ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ހުށަހެޅުއްވި ބަދަލުތައް ތަސްދީގުކުރަން ނުފެންނަ ކަމަށް 70 ޕަސެންޓު މީހުން ވޯޓު ދިނުމުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕީއެންސީ އަށް ލިބުނީ ބޮޑު ނާކާމިޔާބެކެވެ. 
ރައީސް މުއިއްޒުގެ ހުށަހެޅުމަކަށް ޕީއެންސީގެ ސެނެޓުން ދެކޮޅު ހެދިއިރު، މުއިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރައްވާކަމަށް ކުރީގެ ތިން ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ