ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިލިމާލެ ސަރަހައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ރަށުގައި ތަރައްގީކުރާ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެފްއެސްއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ވިލިމާލޭގައި ގާއިމުކުރަނީ އެ ކުންފުނީގެ އައު މޮޑަލްގެ ފިއުލް ސްޓޭޝަނެކެވެ. މި ސްޓޭޝަން ހުޅުވުމާއެކު، ވިލިމާލޭގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރުން ކަނޑު އުޅަނދުފަހަރަށްވެސް ފަސޭހަކަމާއެކު ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މި ސިޔާސަތުގެ ދަށުން އެސްޓީއޯ އާއި އެފްއެސްއެމް ގުޅިގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ސްޓޭޝަންތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން 7 ރަށެއްގައި ޚިދުމަތް ފަށާފައިވާއިރު، އޭގެ ތެރޭގައި ދ. މީދޫ، ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުއްޓާއި، ށ. މިލަންދޫގެ އިތުރުން ފ. ނިލަންދޫ ހިމެނެއެވެ.
އެފްއެސްއެމް އިން މިހާރުވެސް މާލޭގެ ތިން ސަރަހައްދެއްގައި ފިއުލް ޝެޑްތައް ހިންގަމުން ގެންދެއެވެ. ވިލިމާލޭގައި އަލަށް މި ފެށޭ މަސައްކަތަކީ މާލެ ސަރަހައްދުގެ ތެލުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ވިލިމާލޭގައި އެފްއެސްއެމްގެ އައު ފިއުލް ސްޓޭޝަން އެޅުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ