މާރުކޭޓުގެ ތެރޭގައި ނަޖިސް ހުއްޓައި މަސް ވިއްކި މައްސަލަ ބަލާނަން: ސިޓީ ކައުންސިލް

މާލޭގެ ލޯކަލް މަސް މާރުކޭޓު ތެރެއަށް ނަޖިސް ލީކު ވެފައި ވަނިކޮށް އެތަނުގެ ތެރޭގައި މަސް ބަހައްޓައިގެން ވިއްކި މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މާރުކޭޓުގައި ހުންނަ އެމްޑަބްލިއު އެސްއީގެ ޖަންގްޝަނެއް ފުރިގެން އެތަނުގެ ތެރެއަށް ނަޖިސް ލީކްވީ މައްސަލައެއް އިއްޔެ ހެނދުނު ކުރިމަތިވުމާ ގުޅިގެން އެތަން ސާފުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ ކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގާން މެދުވެރިވީ މާރުކޭޓުގެ ތަޅުންގަނޑުގެ އަޑީގައި ހުންނަ ޖަންޝަނާއި މާރު ކޭޓު ހޮޓަލުން ގުޅާފައި ހުންނަ ހޮޅިއެއް ބެދިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ހަމީދު މިއަދު ވިދާޅުވީ މާރުކޭޓުގެ ތެރޭގައި މަސްތައް ބަހައްޓައިފައިވާ ސަރަހައްދުގައި ނަޖިސް ހުއްޓައި، އެތަނުގެ ތެރޭގައި މަަސް ވިއްކަމުން ގެންދާ ކަމުގެ ޝަކުވާތަކެއް ކައުސިލަށް ހުށަހެޅިގެން އެތަން ބަލާން ދިޔައިރު އެކަންތައް ހުރީ ހަމަ އެގޮތަށް ކަމަށެވެ.
ހަމީދު ވިދާޅުވީ މާރުކޭޓު ހިންގައި އެތަން ތަރައްގީ ކުރުމަށް މިހާރު ހަވާލުކޮށްފައިވާ ކުންފުނިން އެގްރީމަންޓާ އެއްގޮތަށް އަމަލު ކުރަމުން ނުގެންދާތީ އެމީހުންނާ އެކު ވެފައި ވާ އެގްރީމަންޓް ބާތިލް ކުރުމަށް މާދަމާ އޮންނަ ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
" މާރުކޭޓު ތެރޭގައި ނަޖިސް ހުއްޓައި، މަސް ވިއްކަމުން ގެންދާ ކަމުގެ ޝަކުވާތަކެއް ހުށަހެޅިގެން އެކަމުގެ ހަގީގަތް ބެލުމަށް އަޅުގަނޑު މެން އެތަނަށް ދިޔައިރު ކަންތައްތައް ހުރީ ހަމަ އެގޮތަށް، އެހެންވެ އެކަމާ މެދު ފިޔަވަޅު އަޅާން ނިންމައިފައި ވާނީ،" ހަމީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ