ސަރުކާރާމެދު ރައްޔިތުން ހިތްހަމަޖެހޭ، އުއްމީދު ބޮޑު: ސާވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ނެރުވުނު ނަތީޖާތަކާމެދު ރައްޔިތުން ހިތްހަމަޖެހޭ ކަމަށާއި، އަދި ސަރުކާރުގެ އިގުތިސޯދީ ތަސައްވަރާމެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނަމަވެސް، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި)ގެ ސެންޓާ ފޮ އިންސައިޓްސް އިން ސާވޭ ރިސާޗު (ސީއައިއެސްއާރު) ރާއްޖޭގައި ހެދި ސާވޭއެއްގައި، ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަނާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ކަމަށް ބުނެފައިވެ އެވެ.
ސީއައިއެސްއާރުން ރާއްޖޭގައި ހެދި ފުރަތަމަ ސާވޭ އިން ދައްކާ ގޮތުން، އެ ސާވޭގައި ބައިވެރި ރައްޔިތުން ރައީސް ސޯލިހުގެ ސަރުކާރަށް 61 އާއި 56 ޕަސަންޓާ ދެމެދުގެ ތާއީދު ކުރެ އެވެ.
ގާތްގަނޑަކަށް 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެ ސާވޭއިން ކޮރަޕްޝަން ހުއްޓުވުމަށާއި، އަދުލު އިންސާފުގެ ނިޒާމު އިސްލާހު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅި އަހަރެއްގައި، ރައީސް ސޯލިހު ރާއްޖޭގެ އިގުތިސޯދު ގެންދަވާ މިސްރާބާމެދު ރައްޔިތުންގެ އުއްމީދު ބޮޑުކަމަށްވެސް ދައްކަ އެވެ.
އެ ސާވޭގެ ބައިވެރިންގެ ތެރެއިން 75 ޕަސަންޓް މީހުން ބުނެފައިވަނީ ރައްޖޭގެ އިގުތިސޯދީ ހާލަތު "ރަނގަޅު" ނޫނީ "ވަރަށް ރަނގަޅު" ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު އިގުތިސޯދު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް 63 ޕަސަންޓް މީހުން ގަބޫލުކުރާކަމަށް ސާވޭގެ ނަތީޖާއިން ދައްކަ އެވެ.
އެ ސާވޭއާ ގުޅޭގޮތުން އައިއާރުއައި އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރު ޖޮއާނާ ކާއޯ ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރާމެދު ރައްޔިތުން ހިތްހަމަޖެހޭކަން ސާފެވެ.
"ނަމަވެސް، ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމަށްޓަކައި، ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަނާމެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމަށް ރައީސް ސޯލިހު ހައްލުހޯއްދަވައި ދެއްވަންޖެހޭ،" ކާއޯ ވިދާޅުވި އެވެ.
އެ ސާވޭ އިން ދައްކާ ގޮތުން، 63 ޕަސަންޓް މީހުން ބުނަނީ އެ މީހުންގެ އާންމު ދިރިއުޅުމަށް ކޮރަޕްޝަންގެ އަސަރު މިހާރު ނުކުރާ ކަމަށެވެ. ނަމަވެސް، ކޮރަޕްޝަނަކީ އަދިވެސް ވަރަށް ސީރިއަސް މައްސަލައެއްކަމަށް 97 ޕަސަންޓް މީހުން ގަބޫލުކުރެ އެވެ.
ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި، ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ހަމަނުޖެހުމާއި އެތެރޭގެ ކޯޅުންތަކެވެ.
އަދި ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަސްތުވާތަކެއްޗާއި، ވަޒީފާގެ ދަތިކަމަކީ ސަރުކާރުން މިހާރުން މިހާރަށް ހައްލު ހޯދަންޖެހިފައިވާ މައްސަލަތައް ކަމުގައި އެ ސާވޭގެ ބައިވެރިން އިތުރަށް ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ