ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ.] 1

ތައުލީގަކާއިއެކު ތަގުރީރުގެ ދިވެހި ޚުލާސާއެއް:
އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
(އޮކްޓޯބަރ 24އާ ގުޅޭ )ކޮންމެއަކަސް، އިލްމާއި ސައިންސަށް ހަވާލާދީ، ދީނާ އިދިކޮޅަށް ލިޔެވޭ ވާހަކަތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންވެއްޖެ ކަމެކެވެ. މިކަމާ ބެހޭ ލިޔުންތައް ހޯދައި، ކިޔައި ފަހުމުކޮށް، އެ ލިޔުންތަކާމެދު ތަންގީދީ ނަޒަރުން ބަލައި، މިފަދަ ލިޔުންތަކުގައި ދީނީ އިއުތިގާދުތައް ބާތިލުކުރާފަދަ އެއްވެސް ހުއްޖަތެއް، އިލްމީ ހެއްކެއް ނެތްކަން ދެނެގަތުމަށްޓަކައެވެ. މިފަދަ ހުރިހާ ވާހަކަތަކެއް އާޚިރުގައި ގޮސް ގުޅެނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައީ ކޮންކަހަލަ އަމަލިއްޔާތުތަކެއް މެދުވެރިވެގެންކަމާ ތަބީއީ މަޒާހިރުތަކުގެ ހަގީގަތް ގުޅެނީ ކަނޑައެޅިފައިވާ ވަކިކަހަލަ ގާނޫތަކަކާއި ކަމެވެ. ނަމަވެސް މިއަމަލިއްޔާތުތަކާއި މިގާނޫނުތައް ވުޖޫދަށްއައީ ކިހިނެއް ކަމެއް ސައިންސަކަށް ބުނެދެވިފައި ނުވެއެވެ. އަދި، ޕރ. ލެނޮކްސް ވިދާޅުވަނީ މިކަމެއް ސައިންސަކަށް ކޮށެއް ނުދެވޭނޭ ކަމެވެ.
ދީނީ ނަޒަރަކުން ސައިންސުގެ މިފަދަ ހޯދުންތަކަށް ބަލާލާއިރު، ހިތަށް އަންނަނީ، މާތްﷲ އެއްޗެއް ޚަލްގުކުރައްވައި އުފައްދަވަން އިރާދަކުރައްވައިފިނަމަ އެކަން ކުރައްވާ ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާ އާޔަތެވެ. އާދެ، إنما أمره إذا أراد شيئا أن يقول له كن فيكون (ކަމެއް ވުމަށް އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކަންކުރައްވާ ގޮތަކީ އެކަން ‘ވާށޭ’ ވަހީކުރެއްވުމެވެ. ދެން އެކަމެއް ވެދެއެވެ. [ޔާސީން ސޫރަތުގެ 82ވަނަ އާޔަތް]) އާދެ، ވަކި ހަމަތަކަކާއި ގާނޫނުތަކެއް ކަނޑައަޅުއްވައި، ލައްވަވައި، އެހަމަތަކާއި ގާނޫނުތަކުގެ މަތިން ކަންތައްތައް ވުމަށް އަމުރުކުރައްވަނީއެވެ. އެހެންވެ، ކަންކަން އޮޅުންފިލުވައިދިނުމުގައި އިންސާނީ ވިސްނުމާއި ފިކުރު ގެންގޮސްދޭ އެންމެ ފަހުގެ މަންޒިލަކަށްވަނީ ކަންކަން ހިނގާ ގޮތުގެ އަމަލިއްޔާތުތަކާއި އެކަމާ ގުޅޭ ހަމަތަކާއި ގާނޫނުތައް ދެނެގަނެވުމެވެ. މިއެނގުން، ފަހަރެއްގައިވެސް، މިފަދަ އަމަލިއްޔާތުތަކާއި ހަމަތަކާއި ގާނޫނުތައް އެންމެ ފުރަތަމައިން ކަނޑައަޅުއްވައި ލެއްވެވި ފަރާތެއްވާކަން އިންކާރުކުރުން ލާޒިމެއް ނުކުރެއެވެ. އަދި ކިއެއްތަ، މިއެނގޭ އެނގުން ލާޒިމުކުރަނީ އެކަންކަން ކަނޑައަޅުއްވައި ލެއްވެވި ފަރާތެއް ވާކަމެވެ. އާދެ، ސައިންސުގެ ހޯދުންތައް ގޮވާލަނީ މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުމަށެވެ. އެހެންވެ، މިވާހަކަތަކުގެ ތެރެއަށް ވަދެ، މިކަންކަން ބެލުމުގެ ބޭނުމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް މިކަމުގެ ހަގީގަތް ހޯދައި ދެނެގަތުމެވެ. ހަދާސަތު ކުރިމަތިކުރުވާ ގޮންޖެހުމާއި ކުރިމަތިލައި، އިސްލާމީ އާ ޒިހުނީ ސަގާފަތެއް ބިނާކުރުމަށްޓަކައެވެ. މިސަބަބަށްޓަކައި މި ވާހަކަތަކުގެ ޖުމްހޫރަކީ، މިވާހަކަތައް އަމާޒުކުރެވޭ ބަޔަކީ،  ދީން ގަބޫލުކުރާ ދީނަށް ލޯބިކުރާ، މީހުންނެވެ.
ބައެއް މަފްހޫމުތަކުގެ މާނައާއި މެދު: ދެން ބައެއް މަފްހޫމުތަކުގެ ދިވެހި ތަރުޖަމާގެ މައްޗަށް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ތީސްޓާއި އެތީސްޓުގެ މަފްހޫމުގެ ދިވެހި ތަރުޖަމާގެ ގޮތުން ބޭނުންކުރެވިފައިވާ ދެ ލަފުޒާމެދުގައެވެ. ‘ތީސްޓު’، ‘ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހާ’، މި ލަފްޒުގެ އަސްލަކީ ގުރީކުގެ ‘ތިއޯސް’ މިއެވެ. މާނައަކީ ‘އިލާހު’ އެވެ. ދެން ‘އިސްޓު’ އިތުރު ކުރެވިފައިވަނީ އެކަން ގަބޫލުކުރުމަށް ނިސްބަތްކޮށެވެ. އެހެންވެ، އެ ލަފްޒުގެ މާނައަކީ ‘ކަލަކު ވޮޑިގެންވާކަން ގަބޫލު ކުރާ މީހާ’އެވެ. ތީސްޓުގެ ދިވެހި ތަރުޖަމާއަކަށް އަޅުގަނޑު އިޚްތިޔާރުކުރީ ‘އިލާހީއެއް’ މި ލަފުޒެވެ. އާދެ، އިލާހަކު ވޮޑިގެންވާކަން ގަބޫލު ކުރާމީހާއެވެ. އެހެންވެ، ‘ތީއިސްމް’ގެ ދިވެހި ތަރުޖަމާއަކަށް އިޚުތިޔާރުކުރީ ‘އިލާހިއްޔަތު’ މި ލަފުޒެވެ. މި މަފްހޫމުގެ އިދިކޮޅު ‘އެތީސްޓު’ އުފެދިފައިވަނީ ތީސްޓު، މި ލަފުޒުގެ ކުރިއަށް ‘އެ’ އިތުރުކުރެވިގެންނެވެ. ‘އެ’ގެ މާނައަކީ ‘ނުލައި’ މިއެވެ. އެހެންވީމާ އެތީސްޓަކީ ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހާއެވެ. މި ލަފުޒުގެ ދިވެހި ލަފްޒަކަށް އަޅުގަނޑު އިޚުތިޔާރުކުރީ ‘ލާއިލާހީއެއް’ މި ލަފުޒެވެ. ‘އެތީއިސިމް’ގެ ދިވެހި ލަފުޒަކަށް އަޅުގަނޑު އިޚުތިޔާރުކުރީ ‘ލާއިލާހިއްޔަތު’ މި ލަފުޒެވެ.
ދެން އޮތް ލަފުޒަކީ ‘ވާރލްޑްވިއު’ މި ލަފުޒެވެ. މި ލަފުޒުގެ ދިވެހި ތަރުޖަމާއަކަށް އަޅުގަޑު އިޚުތިޔާރުކުރީ ‘ދުނިޔަވީނަޒަރު’ މިއެވެ. މީގެ މާނައަކީ ދުނިޔެއާ ދޭތެރޭ ޖުމްލަގޮތެއްގައި މީހަކު ދެކޭ ގޮތެވެ. ބައެއް މީހުން ދެކޭ ގޮތުގައި ހަމައެކަނި ހަގީގަތަކީ ކައުނާއި ކައުނުގައިވާ އެއްޗެކެވެ. އިންސާނާ ދިރިއުޅެން އޮތް ހަމައެކަނި ހަޔާތަކީ ދުނިޔަވީ ހަޔާތްކަމެވެ. މިއީ އެމީހުންގެ ‘ޥާރލްޑްވިޔު’އެވެ. އެމީހުންގެ ދުނިޔަވީނަޒަރެވެ. އަނެއްބަޔަކު ދެކެނީ ހަގީގަތަކީ ހަމައެކަނި ކައުނާއި ކައުނުގައިވާ އެއްޗެއް ނޫންކަމެވެ. މީގެ އިތުރުން މިއެއްޗެހި އުފެއްދެވި ފަރާތެއް ވެސް ވާކަމީ އެމީހުން ދެކޭ ގޮތުގައި ހަގީގަތެކެވެ. އަދި ދުނިޔަވީ ހަޔާތަށް ފަހު އެހެން ހަޔާތެއް، އާދެ، އުޚުރަވީ ހަޔާތެއް، އޮތްކަމީ ވެސް އެމީހުން ދެކޭ ގޮތުގައި ހަގީގަތެކެވެ. މިއީ މިފަދަ މީހުންގެ ‘ވާރލްޑްވިޔު’އެވެ. އެމީހުންގެ ދުނިޔަވީނަޒަރެވެ. ކޮންމެ ބައެއްގެ ވެސް ބަހާއި އަމަލުތައް ގުޅެނީ އެބަޔެއްގެ ދުނިޔަވީނަޒަރާއެވެ. ދުނިޔެއާ ދޭތެރޭ އެބަޔަކު ދެކޭ ގޮތާއެވެ.
ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ޝާއިއުކުރެވުނު ލާއިލާހިއްޔަތުގެ ފިކުރުގެ އެންމެ މުހިއްމު ފޮތްތަކުގެ ތެރޭގައި ހިމެނޭ ހަތަރު ފޮތް. މީގެ ތެރެއަށް ސްޓެފަން ހޯކިންގެ ‘ދަ ގްރޭންޑް ޑިސައިން’ އިތުރުކޮށްލެވިދާނެއެވެ.
ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ޝާއިއުކުރެވުނު ލާއިލާހިއްޔަތުގެ ފިކުރުގެ އެންމެ މުހިއްމު ފޮތްތަކުގެ ތެރޭގައި ހިމެނޭ ހަތަރު ފޮތް. މީގެ ތެރެއަށް ސްޓެފަން ހޯކިންގެ ‘ދަ ގްރޭންޑް ޑިސައިން’ އިތުރުކޮށްލެވިދާނެއެވެ.
ދެން އޮތީ ކަންކަން އޮޅުންފިލުވައިދިނުމުގައި ބޭނުންކުރެވޭ ދެގޮތެއްގެ ވާހަކައެވެ. އެއްގޮތަކީ ‘ބޮޓަމް އަޕް އެކްސްޕްލެނޭޝަން’ – ތިރިން މައްޗަށް އޮޅުންފިލުވައިދޭ ދިނުމެވެ. ހުރިހާ އެއްޗިއްސަށާއި ކަންކަމަށް ވަކިވަކިން ބަލައި އެއެއްޗެހީގެ ހަގީގަތާއި އެކަންކަން ހިނގާގޮތް އޮޅުންފިލުވައިދިނުމެވެ. ދެން އޮތީ ‘ޓޮޕް ޑައުން އެކްސްޕްލެނޭޝަންއެވެ. ވަކިވަކިން އެއްޗިއްސަށާއި ކަންކަމަށް ބަލައި އޮޅުންފިލުވައިދިނުމުން އިސްތިންބާތުކުރެވޭ (އިންފަރ ކުރެވޭ) ކުރުމަކީ ކޮބައިތޯ ބަލައި މިކަމުގެ އަލީގައި ޖުމްލަގޮތެއްގައި ހުރިހާ އެއްޗަކަށް ބަލާލައި އޮޅުންފިލުވައިދޭ ދިނުމެވެ. ތަގުރީރުގެ ޚުލާސާ ގެނެވޭއިރު، މި އޮޅުންފިލުވައިދިނުމުގެ ވާހަކައިގެ ސިޔާގުގެ ތެރޭގައި މިދެ ބާވަތުގެ އޮޅުންފިލުވައި ދިނުން އިތުރަށް ސާފުކޮށްދިނުމުގެ ފުރުސަތުލިބޭނެއެވެ. އެހެންވެ، އެތަނުގައި މިކަމާ ބެހޭ އިތުރު ވާހަކަކޮޅެއް ގެނެވޭނެއެވެ.
މުގައްރިރުގެ ތައާރުފެއް: ދެން އަޅުގަނޑު ހުށަހަޅާލަން ގަސްދުކުރާ ތަގުރީރުގެ މުސައްނިފު ޕރ. ޖޯން ލެނޮކްސްގެ ކުރު ތައާރުފެއް ލިޔެލާނަމެވެ.
ޕރ. ލެނޮކްސް އަކީ ކެމްބުރިޖު ޔުނިވަސިޓީގެ ހިސާބު އިލްމުގެ ޕުރޮފެސަރެކެވެ. އަދި ސައިންސާއި ދީނުގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާ މަސީހީ ދީނުގެ އިލާހީއެކެވެ.
ޕ. ލެނޮކްސް އުފަންވެވަޑައިގަތީ 1947ވަނަ އަހަރު އަޔަރލަންޑުގައެވެ. އަދި އަޔަރލަންޑުގައި މަދްރަސީ ތައުލީމީ ހަޔާތް ނިންމެވުމަށްފަހު، ޖާމިއީ ތައުލީމުގެ މަރުހަލާތައް ފުރިހަމަ ކުރެއްވީ އިނގިރޭސިވިލާތުގެ އެކިއެކި ޔުނިވަރސިޓީތަކުގައެވެ. ކެމްބުރިޖު ޔުނިވަރސިޓީއާއި ކާރޑިފް ޔުނިވަރސިޓީއާއި އޮކްސްފޯރޑް ޔުނިވަރސިޓީ އާއި ސަރޭ ޔުނިވަރސިޓީގައެވެ. ތައުލީމީ މި މުއައްސަސާތަކުން އިލްމީ ފާސްތައް ހާސިލުކުރެއްވިއެވެ. މާސްޓާރސްގެ ދެ ޑިގުރީއަކާއި ޕީ.އެޗް.ޑީގެ ތިން ޑިގުރީއެކެވެ. ހިސާބު އިލްމުގެ ރޮނގުންނާއި ސައިންސުގެ ރޮނގުންނާއި އަދި އަޚުލާގިއްޔާތުގެ (އެތިކްސްގެ) ރޮނގުންނެވެ.
އޭނާއަކީ ގިނަ ފޮތްތަކާއި އިލްމީ މަގާލާތުތަކުގެ (އާރޓިކަލްތަކުގެ) މުސައްނިފެކެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި ‘ގޯޑްސް އަންޑަރޓޭކަރ: ހޫ ހޭސް ބެރީޑް ގޯޑް؟ (2009)؛ ގޯޑް އެންޑް ސްޓީވަން ހޯކިން: ހޫސް ޑިސައިން އިޒް އިޓް އެނީވޭ؟ (2011)؛ ގަނިން ފޯ ގޯޑް: އަ ކްރީޓީކް އޮފް ނިއު އެތީޒަމް (2011)؛ ޑިޓާރމިންޑް ޓު ބިލީވް: ދަ ސޮވެރިނިޓީ އޮފް ގޯޑް، ފެއިތު، ފުރީޑަމް އެންޑް ހިޔުމަން ރެސްޕޮންސިބިލިޓީ (2018)؛ ފައިންޑިން އަލްޓިމޭޓް ރިއަލިޓީ: އިން ސާރޗް އޮފް ދަ ބެސްޓް އާންސްވާރސް ޓު ދަ ބިގަސްޓް ކުއެސްޗަންސް (2018)، މިފޮތް ފޮތް ހިމެނެއެވެ.
ލާއިލާހިއްޔަތުގެ ފިކުރަށް ރައްދުދީ ލިޔެވިފައިވާ މުހިއްމު ބައެއް ފޮތްތައް
 
ކިޔަވައިދެއްވުމާއި ފޮތް ލިޔުއްވުމުގެ އިތުރުން، ޕރ. ލެނޮކްސް ވަނީ މުނާޒިރެއްގެ (ޑިބޭޓަރެއްގެ) ގޮތުންވެސް ފާހަގަކުރެވި މަޝްހޫރުވެފައެވެ.  ޚާއްސަ ގޮތެއްގައި ޕރ. ރިޗާރޑް ޑޯކިންސް އާއި މރ. ކްރިސްޓޮފަރ ހިޗިންސް އާއި ޑރ. މައިކަލް ޝާރމަރ ފަދަ ދީނާއި އިދިކޮޅު ލާއިލާހިއްޔަތުގެ އިލްމުވެރިންނާއި ދީނާއި މެދު ޝައްކުކުރާ އިލްމުވެރިންނާއި މުނާޒަރާކުރައްވާ އިލްމުވެރިޔެއްގެ ގޮތުގައެވެ. (މި މުނާޒަރާތައް ޔޫޓިޔުބުން ބަލާލެވޭނެއެވެ.)
ތަގުރީރުގެ ޖުމްލަ މާނައިގެ މައްޗަށް ބަލައިލުން: މި ތަގުރީރުގައި ބަލާލެވެނީ ސައިންސާއި ދީނާއި ދެމެދުގެ ގުޅުމުގެ މައްޗަށެވެ. ތަގުރީރުގައި ސާބިތުކޮށްދޭން މަސައްކަތްކުރެވެނީ ސައިންސާއި ދީން ފުށުނާރާކަމެވެ. އަދި ސައިންސުގެ ހޯދުންތައް ކަލަކު ވޮޑިގެންވާކަމަކީ ބާތިލު ކަމެއްކަން ސާބިތު ނުކޮށްދޭކަމެވެ. އަދި ކުރިން ބުނިފަދައިން، ސައިންސުގެ ހޯދުންތަކަށް އެކަން އެ ގޮތަށް ސާބިތު ނުކޮށްދެވޭނޭ ކަންވެސް ޕރ. ލެނޮކްސް ބަޔާންކޮށްދެއްވައެވެ. މިކަމުގެ ތަފްސީލު ތަގުރީރުންނާއި އަދި ތަގުރީރުގެ ޚުލާސާއިން ވެސް އެނގިގެންދާނެއެވެ.
ލާއިލާހިއްޔަތުގެ ފިކުރަށް ރައްދުދީ މުސްލިމުން ލިޔުނު ބައެއް ފޮތް
މިބައި ނިންމާލުމުގެ ގޮތުން ބޭނުންވަނީ ލާއިލާހިއްޔަތުގެ، ދީނާ އިދިކޮޅު ވާހަކަތައް، މައިގަނޑުގޮތެއްގައި އަމާޒުވަނީ ކޮންކޮން ކަންތަކަކަށްތޯ ފާހަގަކޮށްލުމެވެ. ކަލަކު ވޮޑިގެންވުމުގެ މައިގަނޑު އެއް ހެކި ގުޅެނީ ކައުނާއި (ޔުނިވާރސާއި) ކާއިނާތުގެ އުފެއްދެވުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގައި ވެސް، ކައުނާއި ކާއިނާތުގެ އުފެއްދެވުމުގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގުމަށް ބާރުއެޅިފައިވެއެވެ. ކަލަކު ވޮޑިގެންވާކަން ދެނެގަތުމަށްޓަކައެވެ. މިސާލަކަށް ޒުމަރު ސޫރަތުގެ 38ވަނަ އާޔަތުގައި އައިސްފައިވެއެވެ. ولئن سألتهم من خلق السماوات والأرض ليقولن الله (އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ އެމީހުން ކުރެން އަހައިފި ނަމަ [އެއެއްޗެހި އުފެއްދެވީ] މާތްﷲއޭ ހަމަކަށަވަރުންވެސް އެމީހުން ބުނާނެއެވެ.) އަދި ޠާރިޤު ސޫރަތުގެ ފަސްވަނަ އާޔަތުގައި އައިސްފައިވެއެވެ. فلينظر الإنسان مم خلق (އިންސާނާ ނަޒަރުހިންގައި ބަލާހުށިކަމެވެ. އޭނާ އުފެދިފައިވަނީ ކޮންއެއްޗަކުން ކަމާ މެދުގައެވެ.) މިއާޔަތްތަކުގައްޔާއި، އަދި މިފަދަ މާނަ އެކުލެވޭ އެހެން އާޔަތްތަކުގައި ވެސް، ކައުނާއި ކާއިނާތުތަކާ މެދު ވިސްނާ ފިކުރުކުރުމުގެ ނަޒަރު ހިންގާލުމަށް ގޮވާލެވިފައިވެއެވެ. އެއެއްޗެހި އުފެއްދެވި ފަރާތެއް އޮތްކަމާ ހަމައަށް ބުއްދީގެ އަލީގައި ވާސިލުވެ ދިޔުމަށްޓަކައެވެ. މީގެ އިތުރުން، ކައުނުގައްޔާއި އަދި ކާއިނާތުތުތަކުގައި ލެއްވިފައިވާ ހަމަތަކާއި ގާނޫތަކުގެ މައްޗަށްވެސް ވިސްނުމުގެ ނަޒަރު ހިންގުމަށް އިޝާރަތްކުރެވިފައިވެއެވެ. މިކަންކަމީ ހަމަ ހުރެފައި އަމިއްލައަށް ނުވާނޭކަމެއްކަމާއި މިކަންކަން ވުޖޫދަށް ގެނައި ފަރާތެއް ވެސް އޮންނަން ޖެހޭނޭކަން ދެނެގަތުމަށްޓަކައެވެ. މިސާލަކަށް މުލްކު ސޫރަތުގެ ތިންވަނަ އާޔަތުގައި އައިސްފައިވެއެވެ. … ما ترى في خلق الرحمن من تفاوت … (ރަހުމާނުވަންތަކަލާނގެ އުފެއްދެވި އުފެއްދެވުމެއްގައި އެއްވެސް އުނިކަމެއް ފެންނާކަށް ނޯންނާނެއެވެ.) މި ފުރިހަމަކަން އަންނަނީ ކަނޑައެޅިފައިވާ ވަކި ހަކަތަކަކާއި ގާނޫނުތަކެއްގެ ދަށުން ތަބީއީ ކަންކަން ހިނގާތީއެވެ. ކައުނުގައި އިރާއި ދުނިޔެއާއި އެހެނިހެން ކައުކަބުތަކުގެ ދުރު ކައިރި މިނުގެ މައްޗަށް ނަޒަރު ހިންގަވާލައްވާށެވެ. މިއާޔަތުގައި އިޝާރަތްކުރާ ހަގީގަތް ފެނިގެންދާނެއެވެ. މިސާލަކަށް ދުނިޔެއާއި އިރާ ދެމެދު އޮތް ދުރުމިނަށް ބަދަލެއް އައިސް، އެ ދުރުމިން ކައިރިވިނަމަ ނުވަތަ ދުރުވިނަމަ ދުނިޔޭގައި އެއްވެސް ކާއިނަކަށް ދިރިއެއް ނުހުރެވުނީހެވެ. މިކަމުގެ ތަފްސީލު އޭ. މޮރިސަންގެ ‘މޭން ޑަސް ނޮޓް ސްޓޭންޑް އެލޯން’ މިފޮތުން ލިބޭނެއެވެ. މީގެ އިތުރުން އަޚުލާގީ ގޮތުން ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި މާނަވީގޮތެއްގައި ކަނޑައަޅާލުން ވެސް އިލާހަކު ވޮޑިގެންވުން ލާޒިމުކުރެއެވެ. އެހެންނޫނީ މިކަމަކީ ހާލަތު ނިޔާކުރާ ގޮތުން، އަބަދުމެ، ބަދަލުވެ ބަދަލުވެ އޮންނަ ކަމަކަށް ވެދާނެއެވެ. އަދި އާޚިރުގައި އިންސާނާ އޭނާގެ އަމަލުތަކަށް މަސްއޫލުވާކަށް ވެސް ނުޖެހޭނެއެވެ. އެހެން ކަމަށްވާ ނަމަ މީހުން މެރުމާއި ނުމެރުން، ވައްކަން ކުރުމާއި ނުކުރުން، ތެދުބުނުމާއި ދޮގުހެދުން މިކަންކަމުގައި އެއްވެސް ތަފާތެއް ނެތެވެ. އަދި ތިމާގެ ނުވަތަ ތިމާގެ ޖަމާއަތުގެ މަސްލަހަތު ނިޔާކުރާކަމަށް ވަންޏާ، ރަނގަޅު ނުރަނގަޅަށް، ހެވާއި ނުބަޔަށް، ބެލުމެއްނެތި، މީހުން މެރުމާއި ވައްކަންކުރުމާއި ދޮގުހެދުން ފަދަ ނުބައި ކަންކަން ވެސް ކުރަންވީއެވެ. އެފަދަ ކަންކަން ކުރުމަށް ހުރަސްއަޅާނޭ، މަސްލަހަތު ނިޔާކުރާގޮތުން، ބަދަލުނުވެ އޮންނާނެ، ހަރުދަނާ އަޚުލާގީ މިންގަޑެއް ކަނޑައަޅާނުލެވޭނެތީއެވެ. ކީރިތި ގުރުއާނުގައި މިކަމަށް ވެސް އިޝާރަތްކުރެވިފައިވެއެވެ. ޣާފިރު ސޫރަތުގެ 58ވަނަ އާޔަތުގައެވެ. وما يستوي الأعمى والبصير والذين آمنوا وعملوا الصالحات ولا المسيئ قليلا ما تذكرون (ލޯ ކަނުމީހަކާއި ލޮލަށް ފެންނަމީހަކާއި ހަމަހަމަވެގެންނުވެއެވެ. ހަމައެހެންމެ އީމާންވެ، ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބޭ މީހުންނާ ނުބައިކަންތައް ކޮށްއުޅޭ މީހަކާ ވެސް ހަމަހަމަ ވެގެން ނުވެއެވެ. ކަލޭމެން މިކަން ހަނދާންކޮށް [މިކަމާ މެދު ފިކުރުކޮށްލަނީ] ހާދަހާ ވެސް މަދުންނެވެ.) އަދި މީގެ އިތުރުން، ހަޔާތުގެ މަގުސަދެއް ބޭނުމެއް އޮތްކަމަށް ބެލެވެނީވެސް ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރެވިގެންނެވެ. އެހެން ނޫންނަމަ، އުފަންވުމާއި، ދިރި ހުރުމާއި، މަރުވެ ދިޔުމުގެ ވެސް ބޭނުމެއް މާނައެއް އޮތްކަމަކަށް ނުފެނެއެވެ. މިކަމަށްވެސް އިޝާރަތްކޮށް ކީރިތި ގުރުއާނުގައި އާޔަތްތައް ބާވާލެއްވިފައިވެއެވެ. މިސާލެއްގެ ގޮތުން މުއުމިނޫން ސޫރަތުގެ 115ވަނަ އާޔަތް ފުދެއެވެ. أفحسبتم أنما خلقناكم عبثا وأنكم إلينا لا ترجعون (ތިމަން ރަސްކަލާނގެ ކަލޭމެން ހެއްދެވީ ހަމަ ކުޅިވަރަކަށްކަމަށާއި އަދި ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަޟްރަތަށް އަލުން އަނބުރާ ނުގެންދެވޭނެކަމަށް ތިއަބައިމީހުން ހީކުރަނީ ހެއްޔެވެ؟)
ދީނަކީ ބާތިލު އެއްޗެއްކަމާއި އިލާހަކު ވޮޑިގެންވުމަކީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން ލާއިލާހިއްޔަތުގެ ވާހަކަތައް މައިގަނޑުގޮތެއްގައި އަމާޒުކުރެވެނީ މިބަޔާންކުރި ކަންކަމާއިއެވެ. ކައުނާއި ކާއިނާތު އުފެދުނީ ކިހެނެއްކަން ސައިންސުގެ ހޯދުންތަކުގެ އަލީގައި މިކަންކަން އޮޅުންފިލުވާދިނުމާއި އަދި ހަމަ އެހެންމެ، ސައިންސުގެ އަލީގައި އަޚުލާގީ މިންގަނޑުތަކެއް ކަނޑައަޅާލައި ހަޔާތުގެ މަގުސަދުވެސް ބަޔާންކޮށްދިނުމާއެވެ. މިގޮތުން ކާއިނާތުތައް އުފެދުނީ ކިހިނެއްކަން އޮޅުންފިލުވައި ދިނުމުގެ ގޮތުން ޗާރލްސް ޑާރވިންގެ ތަތައްވުރުގެ ނުވަތަ އެވޮލޫޝަންގެ ނަޒަރިއްޔާ ބޭނުންކުރެވެއެވެ. އެ ނަޒަރިއްޔާ ދައްކުވައިދޭން މަސައްކަތްކުރަނީ ކާއިނާތުތައް އުފެދުމަށް އިލާހީ ބާރެއް ބޭނުންނުވާކަމެވެ. އެންމެ ސެލްއެއްގެ މައްޗަށް އެކުލެވޭ ސާދާ ކާއިނެއްގެ ސެލް، އެތައް އެތައް މިލިޔަން  އަހަރުތަކަކަށް ފަހު، ގިނަގުނަވެ، މުއައްގަދު (ކޮމްޕްލެކްސް) އެހެން ކާއިނާތުތަކަށް ބަދަލުވެ، ތަފާތު ކާއިނާތުތައް އުފެދިދަނީ ކަމަށް ބުނެ، ކާއިނާތުތަކުގެ އުފެދުން އޮޅުންފިލުވައިދީގެންނެވެ. މީގެ އިތުރުން، އިލާހަކު ނުލައި، ކައުނު އުފެދިފައިވަނީ ކިހިނެއްކަން ވެސް އޮޅުންފިލުވައިދެވޭތޯ ލާއިލާހިއްޔަތުގެ ފޮތްތައް މަސައްކަތްކުރެއެވެ. މިގޮތުން މިހާތަނަށް އެންމެ ވަރުގަދަ އިލްމީ ނަޒަރިއްޔާއެއް ހުށަހަޅާލެއްވީ ޕރ. ސްޓީވަން ހޯކިންއާއި ޕރ. ލިއޯނާރޑް މްލޯޑިނޯވްއެވެ. ކުވަންޓަމް ފިޒިކްސްގެ އަލީގައި މި ދެ އިލްމުވެރިން ލިއުއްވި ‘ދަ ގްރޭންޑް ޑިސައިން’ މި ފޮތުގައެވެ. އަދި މީގެ އިތުރުން، އަޚުލާގިއްޔާތުގެ މައްސަލައާއި އަދި ހަޔާތުގެ މަގުސަދުވެސް ސައިންސުގެ އަލީގައި ކަނޑައެޅިދާނޭކަމުގެ މައްޗަށްވެސް ލާއިލާހިއްޔަތުގެ ވާހަކަތައް އަމާޒުކުރެވެއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން މިހުރިހާ އޮޅުންފިލުވައިދިނުމެއް ވެސް ސާފުކޮށްދެނީ ކަންކަން ވާ ގޮތެވެ. އެކަން އެހެންވާން ދިމާވި އެންމެ ފުރަތަމަ ސަބަބު އިލްމީ ތަޖުރިބާގެ އަލީގައި ބަޔާންކޮށެއް ނުދެވެއެވެ. އެ ފުރަތަމަ ސަބަބަކީ މާތްﷲއެވެ. އެހެންވެ، ކުރިންވެސް ބުނެވިދިޔަ ފަދައިން، ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާ ކަން ގަބޫލުކުރުމަށެވެ.
ޕރ. ލެނޮކްސްގެ ތަގުރީރުގައި ލާއިލާހިއްޔަތުގެ މައިގަނޑު ވާހަކަތަކުގެ މައްޗަށް ބައްލަވާލައްވައި އެކަމަށް ރައްދުދެއްވާފައިވެއެވެ. މިރައްދުގެ ވާހަކަތައް، ސާފުކޮށްދިނުމުގެ ގޮތުން އިތުރުކޮށްލެވޭ ށބައެއް އިތުރުކޮށްލުންތަކާއިއެކު، ތަގުރީރުގެ ޚުލާސާގައި އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭނެއެވެ.  (ނުނިމޭ)
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ