ސަރުކާރުގެ ދީނީ ކަންކަން ގެންދަނީ އަދާލަތު ޕާޓީގެ ހުށަހެޅުމަށް، އޭގައި ރިޕޯޓަށް އަމަލު ކުރާކަށް ނެތް: ނަޝީދު

މި ސަރުކާރުގެ ދީނީ ކަންކަން އަދާލަތު ޕާޓީން ހުށަހަޅާ ގޮތަށް ގެންދަން އެމްޑީޕީން ގަބޫލު ކުރި ކަމަށާއި އޭގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަށް އަމަލު ކުރަން ޖެހޭ ކަމަކަށް ނެތް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބަށް ނިކުތީ އެމްޑީޕީން ތިން ބަޔަކާއި ގުޅިގެން އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލުކުރި ކަމަށެވެ.
"އޭގައި (އަދާލަތު ޕާޓީގެ ހުށަހެޅުމުގައި) ޕީޕީއެމްގެ ޝިއާރަށް ނުވަތަ 2015 ގައި ނެރުނު ރިޕޯޓް އަކަށް އަމަލު ކުރަން ޖެހޭ ކަމަކަށް ނެތް،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ، އެމްޑީއެން އުވާލުމަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މުޒާހަރާތަކެއް ފަށާފައިވަނިކޮށެވެ. އެ މުޒާހަރާތަކުގައި ގައުމުގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ކަމަށް ބުނެ ރައީސް ސޯލިހުގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ.
އަދި އެމްޑީއެން އުވާލާ، ސަރުކާރުގައި ތިބި އެ ޖަމިއްޔާގައި މީހުން މަގާމުން ވަކިކުރުމަށް ގޮވާލަމުން އަންނައިރު، ރައީސް ނަޝީދު ވާހަކަ ދައްކަވަނީ އެމްޑީއެންގެ ދިފާއުގައި ކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ގޮވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ