ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި މައްސަލައިގައި، މަނީލޯންޑާކުރުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ. މިހާރު ކުރިއަށްދަނީ ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އިއްވި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި ވަނީ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާތީއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި 1.1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށްވެސް އެ ދައުވާގައިވެއެވެ.
ދައުލަތުގެ ފަރާތުން ދައުވާ އިއްވުމަށްފަހު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ރައީސް ޔާމީނަށް އެ ދައުވާ ސާފު ވެއްޖެތޯ ސުވާލު ކުރައްވައިފައެވެ. ރައީސް ޔާމީން ވަނީ ދައުވާއާ ގުޅިގެން ހޯދަން އެދިވަޑައިގެންފައިވާ ލިޔެކިޔުންތައް ލިބިފައިނުވާތީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައާ ރައީސް ޔާމީން ގުޅޭ ގޮތްވެސް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ދައުލަތުގެ ފަރާތުން ފޯރުކޯށްދޭންޖެހޭ ލިޔެކިޔުންތައް އަދިވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.
ގާޒީ ވިދާޅުވީ މި ދައުވާއަށް ބޭނުންވާ ލިޔެކިޔުންތައް ދައުލަތުން ފޯރުކޮށްދީފައިވާ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މިހާރު ދިފާއަށް ދީފައިވާ ލިޔެކިޔުންތަކަކީ މި މައްސަލައިގައި ކުރިއަށް ދިއުމަށް އެކަށީގެންވާ ލިޔެކިޔުން ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާ އިތުރަށް ކުރިއަށްދާ ވަރަކަށް އިތުރު ލިޔުންތައް ފޯރުކޮށްދޭންޖެހޭ ކަމަށް ޝަރީއަތަށް ފެންނަނަމަ އެކަމަށް ނެރެންޖެހޭ އަމުރެއް ނެރެދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަމަވެސް ދިފާއީ ވަކީލުން ވަނީ އެކަންކަން އިސްތިއުނާފު ކުރުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ. އަދި އިސްތިއުނާފް ކުރުމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަމަށްވެސް ދިފާއީ ވަކީލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވީ ޝަރީއަތުން ނިންމާ ކަންކަމުގެ ލިޔުންތައް އޮންނަ އުސޫލުގެ މަތިން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި އިސްތިއުނާފަށް ކޯޓުން ލިޔުން ފޯރުކޮށްދޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ދައުވާ ސާފު ނުވާ ކަމަށް ދިފާއުން ވިދާޅުވުމުން ގާޒީ ވަނީ ދައުވާގެ ބައިތައް ވަކިވަކިން ސާފުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ދައުލަތުގެ ވަކީލުން ވަނީ ދައުވާގައި ހިމެނޭ ބައިތައް ވަކިވަކިން ކިޔައިދީ ސާފުކޮށްދީފައެވެ. ނަމަވެސް ޔާމީންގެ ވަކީލުންގެ ފަރާތުން އެދިވަޑައިގެންނެވީ އިސްތިއުނާފް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށެވެ. ނަމަވެސް ގާޒީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ބޭނުންވާ ލިޔެކިޔުންތައް ކޯޓުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ދައުލަތުގެ ފަރާތުން ދައުވާ އިތުރަށް ސާފުކޮށްދެމުން ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުންވެސް ސަންގެ ދެ ކުންފުނި މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ސާފުވެފައިވާތީ، ރައީސް ޔާމީނާ މައްސަލަ ގުޅޭ ގޮތް ސާފުވާނެކަމަށް ގަބޫލު ކުރާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިވެރިންނަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެންމެ އިސްކޮށް ހިމެނޭ ދެފަރާތް ކަމަށާއި އެހެންކަމުން އެފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެ ހެކިވެރިންގެ ހެކިބަހަށް ރިއާޔަތްވެސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެކަންކަމަށް ވާހަކަދެއްކުމުގެ ފުރުސަތު ހެކި ހުށަހެޅުމުގެ މަރުހަލާގައި ދެވިގެންދާނެ ކަމަށެވެ.
ގާޒީ ނިންމެވީ މި މައްސަލައިގައި މިއަދު ޝަރީއަތުގައި އެ ދައުވާ ރައީސް ޔާމީނަށް ސާފުކޮށްދެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ އެ ދައުވާއަށް އިންކާރު ކުރުން ނުވަތަ ގަބޫލުކުރުމަށް ދެން އޮންނަ ޝަރީއަތުގައި ފުރުސަތު ދިނުމަށެވެ.
މީގެ އިތުރުން މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީލޯންޑަރިންގެ ކުށުގެ ދައުވާގައިވަނީ ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ސަން ކޮންސްޓްރަކްޝަނުން އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެފަހުން އެ ފައިސާ ޔާމީންގެ ނަމުގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާއިން މަންފާ ހޯދުމަށްޓަކައި 36 މަސް ދުވަހަށް އިންވެސްޓްކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން 1.1 މިލިއަން ޑޮލަރާއި 2.2 މިލިއަން ޑޮލަރު ދައުލަތަށް ނަގައިދިނުމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.
އެ ދައުވާ ސާފުވެއްޖެތޯ ގާޒީ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދައުވާ ސާފު ނުވާ ކަމަށެވެ. އަދި ރިޝްވަތު ދިން ބަޔަކުވެސް ސާފު ނުވާ ކަމަށެވެ. އަދި ކްރިކް ރިޒާ ދެ ފަހަރެއްގެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުން ވިދާޅުވި ނަމަވެސް، ރައީސް ޔާމީނާ އެފައިސާއާ ގުޅެނީ ކޮން ގޮތަކުންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.
ދައުލަތުން ވަނީ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން ސާފުކޮށްދެއްވައިފައެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ރިޝްވަތުގެ ތަފްސީލުތައް ކިޔައިދިން ނަމަވެސް އެކަންކަމަކީ ހަމައެކަނި ދައުލަތުން ގަބޫލުކުރާ ކުރުންތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ދައުލަތުން އެފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވިގޮތް ކިޔައިނުދެވޭ ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކުރީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކާ ގުޅިގެން ކަމަށާއި އެއީ ކުށެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ވިޔަފާރިއަކީ ކުށެއްކަމުގައި ދައުލަތުން މާނަކޮށް، ކުށުގެ ދައުވާ އުފުލާނަމަ، ހައްޖަށް ދާ އެންމެން ވެސް ޑޮލަރު ގަންނަ ކަމަށާއި އެހެންކަމުން އެ ކުރަނީ ވެސް ވިޔަފާރި ކަމަށެވެ. މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަކަށް ބަދަލު ކުރުމަކީ ވިޔަފާރިއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ދެ ދައުވާވެސް ދިފާއުއަށް ސާފުވެއްޖެ ކަމަށް ގާޒީ ނިންމަވައި، މި ދެ ދައުވާއަށް ޖަވާބުދާރީވުމަށް އަންނަ ހަފްތާގައި އަޑުއެހުން ބޭއްވުމަށް ގާޒީ ނިންމެވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެދިލެއްވީ ދެ ހަފްތާ ފަހުން އަޑުއެހުމެއް ބޭއްވުމަށެވެ. އެގޮތަށް ކަނޑައަޅުއްވައި މިއަދު އަޑުއެހުން ގާޒީ ވަނީ ނިންމަވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ