ކޯސްޓްގާޑަށް 41 އަހަރު ފުރުން ފާހަގަ ކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ. ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ކޯސްޓްގާޑުގެ ސިފައިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
ކޯސްޓްގާޑުގެ ކޮމަންޑާންޓްގެ ވާހަކައަށް މި ރަސްމިއްޔާތުގައި، ދުވަހާއި ގުޅޭގޮތުން ހާއްސަ ދުއާއެއް ކޮށްފައި ވެއެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ވަނީ ގައުމީ ސަލާމް ކިޔާފައެވެ. މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.
އެމްއެންޑީއެފް ކޯސްްޓްގާޑުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން ހިންގާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލެ ފަޅު ސާފުކުރުމާއި، ކ.ގާފަރުގައި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު ހިމެނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިން ގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ތާރީހަކީ 1980 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތް އެ ދުވަހު ފަށާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ. ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހހާއްސަ އިގްތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުހިންމު އެއް މަސައްކަތެވެ. ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކޮށްދީ، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނާއި ގާތުން އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި އިސްވެ ހަރަކާތްތެރި ވަމުން އަންނަނީ ވެސް އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ