އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ފުލުހުން ހޯދަނީ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖަނަވަރީ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސައްކަތްކުރަން ޖެހޭނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ވަޒީފާއަށް ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި، ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަށްވުރެ ކުރުނުވުން އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މީގެ އިތުރުން، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވެސް ވާންޖެހޭނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ