ރައީސް ޔާމީން ޤައުމު އާރާސްތުކުރެއްވި ރައީސް ސޯލިހު ކުރެއްވީ ރައްޔިތުން ނިކަމެތި: ޝިޔާމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ޤައުމު އާރާސްތުކުރެއްވި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުން ނިކަމެތިކުރައްވާފައި ކަމުގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޝިޔާމު ވިދާޅުވެފަައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު އަމާޒުހިތްޕެވީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި އޮތް އެންމެ ތަނަވަސް އަދި އެންމެ ފުދުންތެރި ޤައުމުކަމުގައި ހެއްދެވުމަށް ކަމުގައެވެ. އަދި އެމަނިކުފާނު ސަރުކާރު ހިންގެވުމާއި ވެރިކަންކުރެއްވުމުގައި ހިފަހެއްޓެވީ އިސްލާމީ ރިވެތި އުޞޫލުތައް ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އޭގެ އިތުރަށް ޝިޔާމު ވިދާޅުވި ގޮތުގައި ރައީސް ޔާމީންވަނީ ޤައުމު ތަރައްޤީކުރެއްވުމުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިފަހައްޓަވާފައެވެ. ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވަމުން ޝިޔާމު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤައުމާއި ރައްޔިތުން ނިކަމެތިކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގެއްލުވައިލެއްވީ ވެރިކަމުގެ ޖުމްހޫރިއްޔަތުގެ ޞިފަތައް ކަމުގައިވެސް ޝިޔާމު ތުހުމަތުކުރެއްވިއެވެ. ރައީސް ޞާލިޙުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން ދެ އަހަރު ތެރޭގައި ނުހިންގާ މިންވަރަށް މި ސަރުކާރުން މަޝްރޫޢުތައް ހިންގާފައިވާ ކަމުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް ދޭނީ "އެފް" ރިޕޯޓެއް ކަމުގައެވެ. އަދި އިޤުތިޞާދު އިދަޖެހި، އިސްލާމްދީނަށް ގޮންޖެހުން ބޮޑުވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެންދާ ފަދަ ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރަމުންދާ ކަމުގައި އިދިކޮޅުން ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ