އޭސީސީ އަށް މެންބަރުން އައްޔަން ކުރަން ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށް ތުހުމަތު ކުރެވިއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ބޭފުޅުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރައްވަން އެމަނިކުފާނު ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ކުރެވިއްޖެއެވެ.
އޭސީސީގެ މެންބަރުންގެ ދައުރު ހަމަވާތީ އޭސީސީ އަށް ފަސް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.
އޭސީސީގެ މެމްބަރުކަމުގެ ފަސް މަގާމަށް ކުރިމަތިލާން ކުރި އިއުލާނާ ގުޅިގެން 68 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލިއިރު، ހުރިހާ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެކަމަކު، އޭގެ ތެރެއިން ކޮމިޝަނަށް އައްޔަން ކުރަން ރައީސް ފާހަގަ ކުރައްވާ 12 ބޭފުޅެއްގެ ނަން ވަކިން ފާހަގަ ކުރެއްވި އެވެ.
މަޖިލީހަށް ރައީސް ޞާލިހް ފޮނުއްވި 12 ބޭފުޅުންގެ ތެރޭގައި "ނަޝީދަށް ކަމުނުދާ ބޭފުޅުންތަކެއް އެބަތިއްބެވި" ކަމަށް ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭސީސީ އަށް އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ފަހު ކޮމެޓީގެ ރިޕޯޓް އެކުލަވާލިތާ ހަފްތާއެއް ވެފައި ވާއިރު ވެސް އެރިޕޯޓްގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ތިން ދުވަހެއްގެ މަތިން ރިޕޯޓަށް ބަހުސް ކުރުން މަޖިލީހުގައި ތާވަލް ކުރިއެވެ. ކޮންމެ ދުވަހަކު ވެސް ރިޕޯޓަށް ބަހުސް ކުރުން ތާވަލް ކުރުމަށް ފަހު ޖަލްސާ ނިންމާލާފައި ވަނީ ރިޕޯޓަށް ބަހުސް ނުކޮށެވެެ.
އޭސީސީ އަށް އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ފަހު ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާ އަށް ވެސް ވަނީ ތާވަލް ކޮށްފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލް ވިދާޅުވީ "ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ކޮންމެވެސް އުކުޅަކުން އޭސީސީގެ މެންބަރު ކަމަށް ނަޝީދު ބޭނުންފުޅުވާ ބޭފުޅުންތަކެއް ގެންނަވަން" ކަމަށެވެ.
"ރައީސް ޞާލިހް 12 ބޭފުޅަކު ސެލެކްޓް ކުރައްވާފައި ވަނިކޮށް އެއިން ބޭފުޅަކު ކަޓުވާލުމަށް އަނެއްކާ އިތުރު ނަންތަކެއް ހުށަހަޅުއްވަން ރައީސް އަށް އަންގަވައިފިނަމަ މައްސަލަ ގޯސްވެދާނެތީ ނަޝީދު މިހާރު ރޭއްވެވުމެއް ރާއްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބެނީ." އޭނާ ވިދާޅުވިއެވެ.
ނަޝީދު މިހާރު ވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުން ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ކޮމެޓީއެއް އުފެއްދެވުމުގެ މަސައްކަތް ވެސް ފައްޓަވާފައެވެ. އެކޮމެޓީގައި ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެން ކޮމެޓީގެ އިތުރު މެންބަރުންގެ ގޮތުގައި ކޮމެޓީގެ ތަކުގެ މުގައްރިރުންނާއި، ޕާޓީތަކުގެ ލީޑަރުން ހިމަނުއްވަން ނަޝީދު ވަނީ ނިންމަވާފައެވެ.
އޭސީސީ އަށް މެންބަރުން އައްޔަން ކުރަން ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށް ތުހުމަތު ކުރެވިފައި ވާއިރު ސަރުކާރު ހިންގުމުގެ ނިޒާމްގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވަންނަ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ