އާޒިމާއާއި ދެކޮޅަށް ރައީސް ޔާމީންގެ ނަން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފި

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ދައުލަތުން ކުރީގެ ރައީސް ޔާމީން ހުށަހަޅައިފި އެވެ.
އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ ވެސް ރައީސް ޔާމީންްއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލަގައި ކަމަށްވާއިރު ރައީސް ޔާމީންގެ ނަން ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރިއިރު ޔާމީންގެ ވަކީލަކީ ވެސް އާޒިމާ އެވެ.
އޭގެ އިތުރުން މިއަދު ވަނީ އާޒިމާގެ ވަކީލުންގެ ޓީމްގައި ތިބި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ދެ ވަކީލަކު މިމައްސަލައިން ތަނާޒަލުވެސްވެފަ އެވެ.
އާޒިމާގެ މައްޗަށް ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.
މި ތަހުގީގަށް އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
މިއަދު ޝަރީއަތުގެ މަޖިލީހަށް އާޒިމާ ވަޑައިގެންނެވީ ވަކީލަކާއެކު އެވެ. ނަމަވެސް ވަކާލާތު ކުރެއްވީ އަމިއްލައަށެވެ.
އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އެއްސެވުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވެސް ވަޑައިގެންނެވި އެވެ.
މި މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ގާޒީ ވަނީ ދެ ފަރާތަށް ވެސް 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް ވިދާޅުވީ އަންނަ މަހު ބާއްވާ އަޑުއެހުމުގައި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ