އަގު ބޮޑުކޮށް ޓެކްސީ ކޮށްގެން ތިން ފަހަރު ޖޫރިމަނާ ކޮށްފިނަމަ ލައިސަންސް ބާތިލް ކުރަނީ

ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ޓެކްސީ ކޮށްގެން، ތިން ފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާކޮށްފިނަމަ އެ ކާރަކަށް ދީފައި އޮތް ލައިސެންސް ބާތިލް ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތަކެއް ކަނޑައަޅައިފައެވެ. މިނިސްޓްރީން އާއްމު ކުރި ޓެކްސީގެ އަގުތަކާ ބެހޭ ގަވައިދުގައިވާ ގޮތުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.
މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. މާލެތެރޭގައި ދަތުރަކަށް ނެގޭނީ 25 ރުފިޔާއެވެ. އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް ފަސް ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށް ލާ އެއްޗަކަށް އަގެއް ނުނެގޭނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑުކޮށް، ކަސްޓަމަރުންގެ އަތުން ޑްރައިވަރުން ފީ ނަގާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އަދި އެފަދަ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެއް އަހަރު ތެރޭގައި ތިން ފަހަރަށްވުރެ ގިނައިން އެކަން ތަކުރާރުކޮށްފިނަމަ، އެ ގާނޫނުގެ ދަށުން އެ ފަރާތެއްގެ ލައިސަންސް ބާތިލު ކުރާނެ ކަަމަށް އެ އޮތޯރިޓީގެ އިއުލާނުގައި ބުނެފައިވެއެވެ.
ގަވައިދާ ހިލާފަށް ކަސްޓަމަރުންގެ އަތުން ފީ ނަގާ ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމީ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. ޖޫރިމަނާގެ ގޮތުގައި ނަގަނީ 750 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ