އެންމެ މޮޅު ތިން ކޯޗުންނަކީ މިކޭލްސް، ފާގަސަން އަދި ސާޗީ

ޕެރިސް (މާޗް 20) – ފްރާންސްގެ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު 50 ކޯޗުންގެ ލިސްޓުގެ ގަދަ ތިނެއްގައި، ޓޯޓަލް ފުޓްބޯޅަ ދުނިޔެ އަށް ތައާރަފްކުރި ނެދަލެންޑްސްގެ ރިނަސް މިކޭލްސް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އަދި އޭސީ މިލާނާއި އިޓަލީގެ ކުރީގެ ކޯޗު އަރީގޯ ސާޗީ ހިމެނިއްޖެ އެވެ.
ކުޅުންތެރިން މަގާމް ދޫކޮށް ކުރިއަށާއި ފަހަތަށް ޖެހި، ފުޓްބޯޅަ އަކީ ބަލާހިތްވާ ފަދަ ކުޅިވަރަކަށް ބަދަލުކޮށްލި ޓޯޓަލް ފުޓްބޯޅައިގެ ބާނީ މިކޭލްސް ވަނީ ނެދަލެންޑްސް 1974 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ގެންގޮސްދީ އަދި 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ބާސެލޯނާ އަށް ސްޕެނިޝް ލީގު ވެސް ކާމިޔާބުކޮށްދިނެވެ.
ފާގަސަން އަކީ 1986 އިން 2013 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދީ ޕްރިމިއާ ލީގު 13 ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެ ކްލަބް ދުނިޔޭގެ ބާރަކަށް ބަދަލުކޮށްލި ކޯޗެވެ.
ލިސްޓުގެ ތިން ވަނަ އަށް ދިޔަ ސާޗީ އަކީ މިކޭލްސްގެ "ޓޯޓަލް ފުޓްބޯލް" ސިސްޓަމަށް ޑިފެންސިވް ފީޗާތަކެއް އިތުރުކޮށް، ފުޓްބޯޅަ އަށް ޒަމާނީ އިންގިލާބީ ގެނައި ކޯޗެކެވެ. އޭނާ ވަނީ މިލާނަށް ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކޮށްދީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް އިޓަލީ ގެންގޮސްދީފަ އެވެ.
މިކެލްސްގެ ސިސްޓަމް ބާސެލޯނާގައި ދަމަހައްޓައި މަޝްހޫރޫ "ޓިކި-ޓަކާ" ޕާސިން ސްޓައިލް ފުޓްބޯޅަ އަށް ތައާރަފްކުރި ޔޮހާން ކްރައިފް ދިޔައީ ހަތަރު ވަނަ އަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ކުޅެ ފަހުން ބާސެލޯނާގައި އެ ސިސްޓަމް ދިރުވި ޕެޕް ގާޑިއޯލާ އޮތީ ލިސްޓުގެ ފަސް ވަނައިގަ އެވެ.
ލިސްޓުގެ އެހެން މަގާމްތަކަށް ބަލާއިރު ޕޯޓޯ، ޗެލްސީ، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑާ އެކު ކާމިޔާބީ ހޯދާފައިވާއިރު ހޯސޭ މޮރީނިއޯ ދިޔައީ 13 ވަނަ އަށެވެ. ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މާސެލޯ ލިއްޕީ އޮތީ 16 ވަނައިގަ އެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާން 22 ވަނަ އަށް ދިޔައިރު ލިވަޕޫލުގެ ޔާގެން ކްލޮޕް އޮތީ 27 ވަނައިގަ އެވެ.
ގިނަ ބަޔަކު ހައިރާންވީ އާސެނަލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި އިނގިރޭސި ފުޓްބޯޅަ އަށް މުހިއްމު ބަދަލުތަކެއް ގެނެސްދިން އާސެން ވެންގާ 32 ވަނައިގައި އޮތުމުންނެވެ. އެތުލެޓިމޯ މެޑްރިޑުގެ ޑިއެގޯ ސިމިއޯނީ ވެސް އޮތީ އޭނާ އަށް ވުރެ ކުރީގައި، 31 ވަނައިގަ އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު ރައިކާޑް 45 ވަނައިގައި އޮތްއިރު ލީޑްސް ޔުނައިޓެޑުގެ ކޯޗު އަދި ގާޑިއޯލާ ފަދަ އެތައް ކޯޗުންނަށް ކޯޗިން ފިލާވަޅުތައް ނަގައިދީފައިވާ މާސެލޯ ބިއެލްސާ ދިޔައީ 48 ވަނަ އަށެވެ. ޔުވެންޓަސް، އިޓަލީ އަދި ޗެލްސީގެ ކާމިޔާބު ކޯޗު އެންޓޯނިއޯ ކޮންޓޭ އޮތީ 49 ވަނައިގަ އެވެ.
ފްރާންސް ފުޓްބޯލް ލިސްޓުގެ ގަދަ 20 ކޯޗުން:
ރިނަސް މިކޭލްސް، އެލެކެސް ފާގަސަން، އަރީގޯ ސާޗީ، ޔޮހާން ކްރައިފް، ޕެޕް ގާޑިއޯލާ، ވަލޭރީ ލޮބަނޮވްސްކީ، ހެލެނިއޯ ހެރޭރާ، ކާލޯ އަންޗެލޮޓީ، އާންސްޓް ހަޕެލް، ބިލް ޝަންކްލީ، މެޓް ބަބްސީ، ޖިއޮވާނީ ޓްރަޕައްޓޯނީ، ހޯސޭ މޮރީނިއޯ، މިގުއެލް މުނޯޒް، ބްރިއަން ކްލޯ، މާސެލޯ ލިއްޕީ، ލުއީ ވެން ހާލް، އޮޓްމާ ހިޒްފެލްޑް، ބެލާ ގުޓްމަން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ