ރައީސް ޔާމީން މިނިވަން ވާތަން ދެކެން ބޭނުން - އަސްލަމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިންސާފު ލިބި މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ދިގު މުއްދަތަކަށް ކުރެއްވާފައިވާ ޔާމީނަށް ކުރާ ތުހުމަތުތައް އިންތިހާ އަށް ގިނަ ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް، ހާއްސަ އިސްކަމެއް ދީގެން ޝަރީއަތާއި ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދައުލަތުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކާއި ބަލާއިރު އެމަނިކުފާނާ ދޭތެރޭ ކުރާ ތުހުމަތުތައް ވަރަށް އިންސާފުވެރި ތަހުގީގަކާއި ޝަރީއަތެއް ހިންގުން މުހިންމުކަމަށެވެ. އަދި މައްސަލަ ޝަރީއަތުގައި އޮތްނަމަ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭ.އެސް.ސީ ގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ނުކުރާ ތުހުމަތެއް ނެތް ކަމަށެވެ. އެގޮތުން ވައްކަމާއި ޚިޔާނާތުން ފެށިގެން ހުރިހާ ތުހުމަތެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
"މި މަޖިލިހުގައި ހާމަކަން ބޮޑު ގޮތެއްގައި ނުދެއްކޭ ވަރަށް ތުހުމަތުތަކެއް އެބަ ކުރެވޭ. އެ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިކަން އެނގެން އެބަ ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.
އަދި ހައްޔަރުކޮށްފައި ނުވަތަ ރާއްޖެ އިން ބޭރަށް ޔާމީނަށް ވަޑައިނުގެންނެވޭ ގޮތް ވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ މި ތުހުމަތުތަކުން ބަރީއަވެވޭ މިންވަރަށް ޝަރީއަތްތަކާއި ތަހުގީގުތައް ހިންގައި އެމަނިކުފާނު މިނިވަން ވެގެންދާ ތަން ފެނުން" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަސްލަމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ