ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން، މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ދޫކޮށްލުމުން އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އިއްޔެ ހަވީރު އައިޖީއެމްއެޗަށް ގެނައުމަށް ފަހު، ރައީސް ޔާމީން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ 24 ގަޑިއިރަށެވެ. އެމަނިކުފާނު އަނބުރާ ޖަލަށް ގެންދެވީ އެ ވަގުތު ހަމަވުމުން، ހޮސްޕިޓަލުން ދޫކޮށްލުމުން މިއަދު ހަވީރެވެ.
ނަމަވެސް އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެއްވީ ކޮން ކަމަކާ ގުޅިގެން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެގޮތުން އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުން ވެސް އަދި ކަރެކްޝަންސް އިން ވެސް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މިދިއަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި މަނީ ލޯންޑަރިން މައްސަލާގައި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކުރުމާ ގުޅިގެން އެ މަނިކުފާނު ބަހައްޓާފައި ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގަ އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިއަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ބަހައްޓާފައި ހުންނެވި ގޮޅި އެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެމަނިކުފަނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯދާ، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ