ދޫކުރި ރަށްތައް ތަރައްގީ ނުވެ، އާރަށްތައް ދިނުމުގެ ބޭނުމަކީ ކޮބާ؟

މީގެ ނުވަ ވަރަކަށް އަހަރު ފަހަތަށް، 2004 ވަނަ އަހަރަށް ޖެހިލާއިރު ޓޫރިޒަމް ތަރައްގީ ކުރުމަށް 11 ރަށަށް ވުރެ ގިނަ ރަށް ބީލަމަށް ހުޅުވާލި އެވެ. ޝައުގުވެރިކަން ފާޅުކުރި އެތައް ބަޔަކަށް އެ ރަށްތައް ދޫކޮށްލުވުނެވެ. އޭގެ ފަހުން އަނެއްކާވެސް އިތުރު 60 އަކަށް ވުރެ ގިނަ ރަށް ހަމަ އެ އަހަރު ތެރޭގައި ކަހަލަ ގޮތަކަށް އާންމުކޮށް ހުޅުވާލި އެވެ. އެ ރަށްތައްވެސް ޓޫރިޒަމްގެ މާކެޓާއި އެކުވެއްޖެ އެވެ. އެ ރަށްތަކުގެ މަތިން ހަދާން ހުރި ބަޔަކު މިއަދު މަދެވެ. އަނެއްކާވެސް 2008 ގައި ގިނަ ރަށްތަކެއް ޓޫރިޒަމް ތަރައްގީކުރުމުގެ ނަމުގައި ދޫކޮށްލި އެވެ. އޭރު ރަށްތައް ދޫކުރެވުނީ ސީއެސްއާރު ކޮމްޕޮނެންޓްގެ ދަށުން ކަމަށްވިޔަސް އަމާޒަކީ އެއް އަމާޒެކެވެ. ޓޫރިޒަމް ޑިވެލޮޕް ކުރުމެވެ. އެ އަމާޒުގައި އިތުރު 14 ރަށެއް، ރިސޯޓް ތަރައްގީއަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އިންޓަނޭޝަނަލް ބިޑަށް ދޫކޮށްލަން ތައްޔާރުވެފަ އެވެ.
ކިތަންމެ ރިސޯޓެއް ހަދަން ކިތަންމެ ރަށެއް ކުއްޔަށް ދިނަސް ހަނދާނުން ކައްސާލާފައިވާ ކަމަކީ އޭގެ އަނެއް ފަރާތެވެ. އެއީ ވާހަކަ ދެކެވޭ ވާހަކަ އެއް ނޫނެވެ. އެކަން އޮތީ ޓޫރިޒަމް އިންޑަސްޓްރީގެ އެތެރޭގެ ސިއްރެއްގެ ގޮތުގަ އެވެ. ރިސޯޓް ހަދަން ރަށްތަކެއް ދިނުމަކީ ބޭރުފުށަށް ވަރަށް ޕޮޒިޓިވް ސައިންއަކަށް ވެދާނެ އެވެ. ނަމަވެސް އޭގެ ނަތީޖާ އޮތީ ނުއަތަށް އެނބުރިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ބުނަނީ ޓޫރިޒަމަށް 2004 ގައި ދޫކުރި 63 ރަށުގެ ތެރެއިން ހަދާ ނިމުނީ އެންމެ 14 ރަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ދޫކުރި 26 ރަށުގެ ތެރެއިން ނިމުނީ ހަމަ އެންމެ ރަށެކެވެ. ރަށްތަކެއް ދޫކުރުމުގެ ނަތީޖާ ހިސާބު ނަމްބަރު ބުނަނީ އެހެންނެވެ. ގިނަ ރަށްތަކެއް ހުރީ އެއްބައި ތަރައްގީކޮށް ހުއްޓިފަ އެވެ. އަނެއްބައި ރަށްރަށް އަދި ތަރައްގީވާނެ ދުވަހެއްވެސް ނޭނގެ އެވެ. އަނެއްބައި ރަށްތައް ވީރާނާވެގެން ދަނީ އެވެ. ޓޫރިސްޒަމްގެ އާ މާސްޓާ ޕްލޭން ކަމަށް ބުނެ މުޅީން އައު ރަށްތައް އަބަދުވެސް މާކެޓަށް ފުލަޑް ކޮށްލާއިރު މިލިއަން ރުފިޔާގެ އިންވެސްޓަރުންނަށް ތިބެނީ އެކަހެރި ގޮޅި އެކެވެ. އެމީހުން އިތުރަށް މާކެޓްގައި ނިކަމެތިވަނީ އެވެ.
"ވަރަށް މަދުބަޔަކަށް އަސްލު ރަށްތައް މިހިރީ ހެދިފައި، މިއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް، އެކަން އެބަޖެހޭ ވަރަށް ރަނގަޅަށް ދިރާސާ ކުރެވި ބަލަން ކިހިނެތްތޯ މި ވަނީ، އެތައް އިންވެސްޓަރުންނެއް އެ ތިބީ އަދިވެސް ބިކަވެފައި، އަޅުގަނޑުގެ ވިސްނުމުގައި ޑިވެލޮޕް ނުވެގެން މިއުޅެނީ ދުނިޔޭގެ މާލީ ބާޒާރުގެ ތެރެއަށް ވަނުމުގައި މައްސަލަތަކެއް ހުރީމައި،" ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މަތީން ވިދާޅުވި އެވެ.
އެތައް ރަށެއް ނުހެދި ހުންނަ މައްސަލައަށް އަލިއަޅުވާލައްވައި މަތީން މައިގަނޑު އެންމެ ބޮޑު މައްސަލައަކަށް ފާހަގަ ކުރައްވަނީ ގާނޫނު ތަކުގެ ދެރަވަރު ކަމެވެ. ދުނިޔޭގެ މާލީ ބާޒާރުތަކަށް އެކަށީގެންވާ ގޮތަށް ރާއްޖޭގެ މާލީ ގާނޫނުތައް ބައްޓަންވެފައި ނެތުމެވެ. އޭޝިޔާ ބައްރަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސޯދަށް ވާއިރުވެސް ރާއްޖެ އަންނަ ގިނަ އިންވެސްޓަރުން ބިރު ގަންނަނީ އެހެންވެ ކަމަށް މަތީން ފާހަގަކުރައްވަ އެވެ.
"އެ ހުރަސްތައް ގިރާ ނުކުރެވި ނުވާނެ، ތަންކޮޅެއް ފަހަތައް ބައްލަވައި 1980 – 1990 ގައި ރަށްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ދިން އިރު އޭރުގައި ރަށަކަށް 20 – 30 މީހުން ބިޑްކުރި މަންޒަރު ފެނުނު، މި ރީޖަންއަށް އައި ބަދަލު ބައްލަވައި ރާއްޖޭން އެއްކަލަ އެތި ކޮންޓްރޯލް ކޮށްގެން ދިންތަން ބަލަން ތިބެފައި، ދުބާއީ ގަތަރު ތަންތަނުން މެލޭޝިޔާ ތަންތަން އެ މީހުން އާޓިފިޝަލް ރަށްތައްވެސް ހަދައިގެން އޭރުގައި އަޅުގަނޑުމެންނަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުން ގެންގޮސްގެން އާމްދަނީ ހޯދަމުން އެ ދަނީ،" މަތީން ވިދާޅުވި އެވެ.
އެތައް ރަށްތަކެއް ޑިވެލޮޕްނުވެ ހުންނައިރު ކޮންމެ އަހަރަކުވެސް އެތައް ރައްތަކެއް މާކެޓަށް އަދިވެސް ދަނީ ފުލަޑް ކުރަމުންނެވެ. އޭގެ ތެރެއިން ކާމިޔާބު ވަނީ މަދު ވިޔަފާރީވެރިއަކަށެވެ. ހާއްސަކޮށް ބަޖެޓް އެންމެ ތާށިވާ، އަހަރުގެ ފަހުކޮޅު އެތައް ރަށެއް ވިއްކާލައި އަޕްފްރޮންޓަށް މިލިއަނުން ޑޮލަރު ހޯދުމަކީ ސަރުކާރުގެ އަމާޒަކަށް އޮންނަނީ ވެފަ އެވެ.
ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވީ ރިސޯޓް ހަދަން ދެވި ޑިވެލޮޕްނުވެ ހުރި ރަށްތަކުގެ އަދަދު 50 އަށް އަރާއިރު އިންވެސްޓަރުންނަށް ދޫތަކެއް ދޭންޖެހެ އެވެ. އެކްސްޓާނަލް ފައިނޭންސް އިތުރުކޮށް އިންވެސްޓަރުންނަށް އިތުރު ފައިސާ ހޯދަދޭން މިވަގުތަށް ވެސް މަސައްކަތް ކުރަންޖެހެ އެވެ.
"ދިވެހިރާއްޖޭގެ ބެންކް ތަކުގައި ފައިނޭންސް ނެތުން މައްސަލައެއް މިއީ، ރިސޯޓެއް ހެދުމަކީ މާފަސޭހަ ކަމެއް ނޫން، އެތައް ބަޔަކު އިނދަވެސް ޖެހޭ ކަމެއް، މި ސަރުކާރުގެ މަގުސަދަކީ ގިނަ ރަށްތަކެއް ދިނުމެއް ނޫން، މަދުން ދީގެން ނަމަވެސް ހުޅުވި އޮޕަރޭޝަނަށް އައުން، ވަޒީފާތަކާއި ޓެކްސްތައް ލިބުން މިއީ މީގެ މުހިންމު ކަމަކީ،" އަދީބު ވިދާޅުވި އެވެ. "400 އެތައް ރަށްވެސް ފްލަޑްނުކޮށް އަޅުގަނޑުމެން އެ ޕްރޮޖެކްޓްވެސް މަޑުޖައްސާފައި، މި 14 ރަށްވެސް އިއުލާން މި ކުރީ މާކެޓް ފުލަޑް ނުކުރަން، އެހެން ހަދައިފިނަމަ އެ މީހުން [ކުރިން އިންވެސްޓް ކޮށްފައި ތިބި މީހުން] ގެ ދުވަސްދާނެ،"
ހަގީގަތް އޮތް ގޮތް އަދީބު ވެސް ގަބޫލު ކުރައްވަ އެވެ. ނަމަވެސް އަލަށް ހުޅުވާލައި 14 ރަށުގެ މައްސަލަ އޭނާ ދިފާއުކުރައްވަ އެވެ. އެއީ ފްލަޑްކޮށްލުން ނޫން ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާގެ ނަޒަރުގައި ސަރުކާރެއްގެ ވިސްނުން ހުންނަން ޖެހޭނީ ދެ ފަރާތައް ބެލެންސް ހަމަވާ ގޮތަކަށް ޓޫރިޒަމް ކުރިއަށް ގެންދިޔުމަށެވެ. ކުރިން ނެހެދި ހުރި ރަށްތައް ބަހަނާ ދައްކައި ޓޫރިޒަމް އިތުރަށް ޑިވެލޮޕްކުރުމުގެ ފަހަތަން ޖެހެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުވާލަކީ ނުހެދި ހުރި ރަށްތައް ހެދެންދެން އަހަރުމެން މަޑުކުރަންވީހޭ، ނޫން، ލ އާއި ގއ މިތަންތަން ޑިވެލޮޕް ކުރަން އެބަޖެހޭ، އަލަށް މި ހުޅުވާލައި ރަށްތައް ވެސް މި ހުރީ ބަލާފައި މިހާރުވެސް އެނދު މަދު ދިމަދިމާލަށް ބަލައިގެން ކުރީގެ އިންވެސްޓަރުންނަށް ވެސް އުނދަގޫ ނުވާނެހެން މިފަހަރު ރަށްތަކެއް ދޫކޮށްލެވެނީ، ކުރިން ހެން އެގޮތަށް ހަމަ ރަށްތަކެއް ދޫކޮށްލަން ދޫކޮށްލަނީއެއް ނޫން،" އަދީބު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ މިހާރުވެސް އެ ދާއިރާގެ ތެރޭގައި އުޅުއްވާ މުހަންމަދު މިހާދު (މިއްތު) ގެ ވިސްނުން މުޅީންހެން ތަފާތެވެ. ސަރުކާރުގެ ޓޫރިޒަމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މިއްތު ވިދާޅުވީ ސަރުކާރުން ބަލަންވީ އިތުރު ރިސޯޓްތަކެއް ދިނުމުގެ ބަދަލުގައި މިހާރު ނުހެދި ހުރި ރިސޯޓްތަކަށް ސަރުކާރުން މާލީ އެހީތެރިކަމާއި ގާނޫނުގެ ތެރެއިން ދޫތައް ދިނުމެވެ.
"އެބަހުރި 30 ޕަސެންޓް ނިމިފައި ހުރި ރިސޯޓްތައް، އެމީހުންނަށް ހަމަ ބޮޑެތި ލޮސް މިވަނީ، ދެން މި ފެންނަނީ އިތުރު ރަށްތައް މާކެޓަށް ދޫވާތަން، އެތަންތަން ވެސް ނުހިނގާ، އަނެއްކާ އެއްކަލަ ނުހެދޭ ރިސޯޓްތައް އިތުރުވަނީ، ބައްލަވާ މީގެ ކުރިން މިދިޔަ އަހަރުތަކުގައި ދޫކުރެވުނު ރަށްތަކުގެ ކަންތައްތައް ވެސް ކާމިޔާބެއް ނުވި، ހަމަ އެ ގޮތަށް މިދަނީ، އެހެންވީމަ ސަރުކާރުން އެބަ ޖެހޭ ގެރެންޓީދީގެން ނަމަވެސް އެކްސްޓާނަލް ފައިނޭންސް ހޯދައިގެން މި ހުރި ތަންތަން މީހުން އަތުން ހަދުވާފައި އެތަންތަން އޮޕަރޭޝަނަށް ގެންނަން،" މިއްތު ވިދާޅުވި އެވެ. "ދެން ނިކުންނަން މިއުޅޭ ރިސޯޓްތަކުގައި ވެސް ސްކޯޕަކީ ކޮބައިތޯ މިކަހަލަ އަނެއްކާ ދަނޑިވަޅެއްގައި،"
ރިސޯޓްތައް ނެހެދި އާ ރިސޯޓްތަކެއް މާކެޓަށް އައުމަކީ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ. އެގޮތަށް ގިނަ ރިސޯޓްތައް މާކެޓަށް އައުމަކީ މިހާރު އިންވެސްޓްކޮށްގެން ތިބެ ހުލިވުމާ ގާތްވެފައިވާ އިންވެސްޓަރުން އިތުރަށް ނިކަމެތި ވުމުގެ ސަބަބެކެވެ. ކޮންމެ ސަރުކާރަކުން ވެސް ޓޫރިޒަމް ޑިވެލޮޕްކުރަން އެތައް މަސައްކަތެއް ކުރާއިރު އެކަމަށް އޮންނަނީ ފަރުވާލެއް ނުބަހައްޓައި ދޫކޮށްލެވިފަ އެވެ. ކޮންމެ މިނިސްޓަރަކުވެސް ދުވަނީ އިތުރު އިންވެސްޓަރުން ގެންނާށެވެ.
"މީގެ މައްސަލަތަކާ މެދުގައި އެޑްރެސް ކުރެވޭތަނެއް ނުފެނޭ، ހަމަ މި ފެންނަނީ އިތުރު ރަށްތައް ވެސް ދެވޭތަން، އެކަމަކު މީގެ ބަދަލުގައި އެބަޖެހޭ އިންވެސްޓާ ފޯރަމްތަކަށް ދިވެހިން އެކްސެސްވެ އެތަންތަނުން އެކި އޮޕަޗްނިޓީސް ހޯދަން، އެ ދޮރު ހުޅުވައިދޭން ދިވެހި އިންވެސްޓަރުންނަށް، އަދި މިހިރަ ގާނޫނުތަށް މިސާލަކަށް؛ ރާއްޖޭގައި ވިޔަފާރި ކުރަން އަންނަ މީހުންނަށް ހާއްސަ ވިސާ އާއި މިކަންކަން ފަހިކޮށްދޭން އެބަޖެހޭ، ނޫނީ މިކަންކަން ހައްލެއް ނުވާނެ،" ކުރިންވެސް ވާހަކަ ދެއްކެވި، އެމްޓީޑީސީގެ މިހާރުގެ އެމްޑީ ވިދާޅުވި އެވެ.
އާ ރަށްތަކެއް ދޫކުރުމަށް ވުރެ ގޮތެއް ނެތިފައި ކަރުއެލުވާލަން ޖެހިފައި ތިބި އިންވެސްޓަރުންނަށް ގޮތެއް ހޯދައިދިނުމަކީ ސަރުކާރުން ވިސްނަންޖެހޭ ކަމެކެވެ. ވީރާނާވަމުންދާ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާ މެދު ފުން ވިސްނުމަކުން ޕޮލިސީ ލެވަލްގެ ބޭފުޅުން ވިސްނަންޖެހިއްޖެ އެވެ. ވަގުތީ ފައިދާއަށްޓަކައި ހަމައެކަނި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އޭރަކަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ޓޫލްއަކަށް ރިސޯޓްރަށްތަކެއް ބޮޑެތި އަގުތަކުން ދޫކޮށްލުމަކީ ދޫކުލަންޖެހޭ ބޯދާ ހިޔާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ