ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމަށް ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމެއް

މެދު މަދުރަސީ ތައުލީމު ހާސިލްކުރާ ދަރިވަރުން ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
މޯލްޑިވްސް އިންސްޓްޓިއުފް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ން މިއަދު ފެށި މި ޕްރޮގްރާމްގައި ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތައް ދަރިވަރުންނަށް އޮޅުންފިލުވައިދޭނެ އެވެ. އަދި އާއްމުކޮށް ދިވެހިން ކުރިމަތިނުލާ ވަޒީފާތައް އެ ދަރިވަރުންނަށް އަންގައިދޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އެމްއައިޓީގެ ޑައިރެކްޓާސް އޮފް ޕްރޮގްރާމް އާދަމް ހަލީމް (އެޑަމް) ވިދާޅުވި ގޮތުގައި މަސައްކަތްތެރި ކަމުގެ ވަޒީފާތަކަށް ކުރިމަތިލާނެ ދިވެހިން ނުވާއިރު، އެ ދާއިރާތަކުގައި މަސައްކަތް ކުރާ ދިވެހިންނަކީ ގިނަ ފަހަރަށް ތައުލީމީގޮތުން ދަށް މީހުންނެވެ. އެހެންވެ، މިކަން ބަދަލު ކުރުމަށް ޅަފަތުގައި މި މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވަނީ މާލޭގެ އެކި ސްކޫލުތަކުގެ ގްރޭޑް 8،7،6 ގައި ކިޔަވާ ދަރިވަރުންނެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ޒުވާނުން މި ފަދަ ވަޒީފާތައް ވެލިއު ކުރުން. މި ފަދަ ވަޒީފާތަކަކީ އެކަޑަމިކަލީ ދަށް ބައެއްގެ ކަމެއް ކަން ގަބޫލުކޮށް ޒުވާނުން މި ވަޒީފާތަކަކަށް ކުރިމައްޗެއް ނުލާ. އެހެންވެ، ތައުލީމީ ކުދިންތަކަކަށް ހާއްސަކޮށްގެން މި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީމަ މި ވަޒީފާތައް އެ ކުދިން ވެލިއު ކުރާނެ. އަދި ޒުވާނުން ގަބޫލު ކުރާނެ މިއީ ވަކި ބަޔަކަށް އޮންނަ ވަޒީފާތަކެއް ނޫން ކަން ވެސް" އެޑަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ކޮމްޕިއުޓަރާއި ކެއްކުމާއި ފޮޓޯގްރަފީ އާއި ބިއުޓީ ފަދަ ދާއިރާތަކުން ކިޔަވައިދޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަކީ "ސްމާޓް" ކުދިންތަކެއް ކަމަށާއި މި ކުދިންގެ ސަބަބުން ވެސް މި ދާއިރާ އަށް ޒުވާނުން ޝައުގުވެރިވާނެ ކަމަށް އެޑަމް ދެކިވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެ ކުދިން އޯލެވެލް އިން ފަސް އޭ ހޯދައިގެން ސްކޮލަޝިޕެއްގައި ބޭރު ގައުމަކަށް ފުރުމުގެ ކުރިން ރާއްޖޭގައި ކުރިއަށް ދެވެން ހުރި މިފަދަ ދާއިރާތަކުން ތަމްރީނު ކުރުވަން. އޭރުން އެ ކުދިންނަށް އިނގޭނެ މި މަސައްކަތްތައް ވެލިއު ކުރަން،" އެޑަމް ވިދާޅުވި އެވެ.
އެލިއާ ސްޓޯރު ކައިރީގައި ހުންނަ އެމްއައިޓީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލާފަ އެވެ. ފީގެ ގޮތުގައި 1050ރ. ނަގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އަމަލީ ތަޖުރިބާތަކާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ