ޝީޝާގެ ތިން ބެއިންގެ އެކައުންޓުން ފައިސާ ގެއްލުމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ: އެސްބީއައި

ޝީޝާގެ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި އެކަމުގެ ޒިންމާ އެސްބީއައި އިން ނަގަން ނުޖެހޭ ކަމަށް އެ ބޭންކްގެ ވަކީލު މިއަދުގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ. ސިވިލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުވާ އަށް ޖަވާބުދާރީ ވަމުން އެސްބީއައިގެ ވަކީލް ހަސަން ފަލާހް ވިދާޅުވީ ޖުލައި ،10 2011 ވަނަ ދުވަހު އެ ތިން ބެއިންނާ އެކު އެސްބީއައި އިން ފައިސާ ޓްރާންސްފާ ކުރުމާ ބެހޭ އެއްބަސްވުމެއް ހެދި ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ތިން ބެއިންގެ ތެރެއިން ބޭފުޅެއްގެ ސޮއި އޮންނަ ޗެކެއް ހުށަހެޅުމުން ފައިސާ ޓްރޭންސްފާ ކުރުމުގެ ބާރު އެސްބީއައި އަށް ލިބިދީފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ފެކްސް މެދުވެރިކޮށް ފައިސާގެ މުއާމަލާތު ކުރަން ބޭނުން ނުވާ ނަމަ އެކަން ލިޔުމަކުން ބޭންކަށް އަންގަން ޖެހޭނެ ކަމަށާއި އެގޮތަށް ދައުވާކުރާ ފަރާތުން އަމަލުކޮށްފައި ނުވާ ކަމަށް ވެސް ވަކީލް ފަލާހް ވިދާޅުވި އެވެ. އެހެންކަމުން އެ ފައިސާ ގެއްލުމުގެ ޒިންމާ އެސްބީއައި އިން ނަގަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. ފަލާހްގެ ވާހަކާގައި ވިދާޅުވީ ނަމާއި ސޮއި ދިމާވޭތޯ ބަލަން ނުޖެހޭނެ ކަމަށާއި ބޭންކުން ބަލަން ޖެހޭނީ ސޮއި ރަނގަޅުތޯ ކަމަށާއި ސޮއި ރަނގަޅު ނަމަ އެ ފައިސާގެ މުއާމަލާތު ކުރެވޭނެ ކަމަށެވެ. އަދި ސޮއި ފޯޖްކޮށްފައިވާ ކަމަށް ދައުވާކުރާ ފަރާތުން ބުނާ އިރު ސޮއި ފޯޖްކުރެވޭ ގޮތަށް މީހެއްގެ ނަން ލިޔެލުމަކީ ވެސް އެކަން ކުރާ ބަޔަކަށް އުނދަގޫ ކަމެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ޝީޝާގެ ވަކީލް އިބްރާހިމް ނާސިރު ވިދާޅުވީ ނަން ނެތީސް ސޮއި ދިމާވުމުން ފައިސާ ދޫކުރުމާއި ނަން އޮއްވާ ނަމަށް ނުބަލައި ސޮއި ދިމާވުމުން ފައިސާ ދޫކުރުމާ ތަފާތު ކަމަށެވެ. އަދި މި މައްސަލައިގައި އެސްބީއައިގެ މުއައްޒަފުންނާއި މިކަމުގެ ތަޖުރިބާކާރުން ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ނާސިރު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނިކޮށް ދައުވާ ނުކުރެވޭނެ ކަމަށް އެސްބީއައި އިން ބުނާއިރު މައްސަލާގައި ޖިނާއީ ބަޔަކާއި މަދަނީ ބައެއް ވެސް ހިމެނެ އެވެ. އަދި މިއީ އެ މައްސަލައިގެ މަދަނީ ބައި ކަމުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. މީގެ އިތުރުން ނާސިރު ވިދާޅުވީ އެސްބީއައި އިން ފާހަގަކުރި ކަންތައްތަކަށް ލިޔުމުން ޖަވާބުދާރީ ވާނެ ކަމަށެވެ. މި މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ކަމުގެ ތަޖުރިބާކާރުން ހާޒިރުކުރަން ބޭނުން ނަމަ އެކަން ބަޔާނުގައި ހިމަނަންވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 22 ވަނަ ދުވަހަށް ތާވަލްކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ