ޑރ. ކަލާމް ރާއްޖެ އިން ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމް މިއަދު ފުރާވަޑައިގެންފި އެވެ. މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިމާރާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލްކަލާމް ވިދާޅުވީ ރައީސް ނަޝީދު ގެންގުޅުއްވާ ކާބަން ނިއުޓްރަލް ޕްލޭނަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. އަދި 2010 ވަނަ އަހަރު މި ތަސައްވަރު ހާސިލް ކުރުމަށްޓަކައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ކަރުދާހެއްގެ ސިފައިގައި ރައީސް ނަޝީދަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ. މި ލަނޑުދަނޑި ރާއްޖެ އަށް ހާސިލް ކުރެވިދާނެ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ޑީސަލްގެ ބަދަލުގައި "ހަކަތަ އުފެއްދުމުގެ އަސްލަކަށް ދިވެހިރާއްޖެ އަށް މުހިންމީ އިރާއި ވަޔާއި ބައޯ ފިއުލް" ކަމަށެވެ. ޑރ. ކަލާމްގެ މިދަތުރުފުޅުގައި މިއަދު މާލޭގެ ތައުލީމީ މުއައްސަސާތަކާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރެއްވި އެވެ. އިންޑިޔާގެ ނިއުކްލިޔާ ޓެކްނޮލޮޖީގެ ބާނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޑރ. ކަލާމް ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމަށް ހެއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވާ ތަސައްވަރަށް މަރުހަބާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ