"އިންޑިއާ އައުޓް" އޭ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ސެލްތަކުން: ރައީސް ނަޝީދު

"އިންޑިއާ އައުޓް" އޭ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ސެލްތަކުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، "އިންޑިއާ އައުޓް" އޭ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ސެލްތަކުން ކަމަށާއި، އެކަން މިހާރު ވަރަށް ގިނަ ބައިނަލްއަގްވަމީ އިދާރާތަކަށް ސާފުކަމަށެވެ.
ޕީޕީއެމް-ޕީއެންސީން މި ޝިއާރު ބޭނުންކުރަން އެދެނީނަމަ ބާރު އެދެވެނީ އައިސިސްއިން މިރާއްޖެ ހިފުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މި މޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ "އިންޑިއާއައުޓް" މިނަމުގައި ހޭޝްޓެގެއް ހަދައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި، އިންޑިއާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުންވެސް ޝުއޫރުތައް ފާޅުކުރަމުން ގެންދެއެވެ.
އިންޑިއާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން މަގުފަހިވާ ގޮތަށް ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުންވެސް ކަންކަން ބައްޓަން ކުރަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އެހެން ނަމަވެސް، މިކަމާއި އައިސިސްއާ ގުޅުވައި ރައީސް ނަޝީދު ޓްވީޓް ކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ.
އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާއަތަކީ އިސްލާމްދީނުގެ ނަމުގައި ދުނިޔޭގައި ހަރުކަށި ފިކުރު ފަތުރައި، އިސްލާމްދީނުގެ ޓެގް ޖަހައިގެންތިބެ މީހުން މެރުމާއި، ބޮންގޮއްވުމާއި، ޓެރަރިޒަމްގެ ބޮޑެތި ޖަރީމާތައް ހިންގަމުންގެންދާ ގްރޫޕެކެވެ.
މުސްލިމުންނަށް ނަސްރުދޭން އުޅޭ ބައެއް ކަމަށްބުނެ އެ ޖަމާއަތުގެ އަނިޔާވެރިކަމުން މުސްލިމުންވެސް ސަލާމަތެއް ނުވެއެވެ. ކުށެއްނެތް އެތައް އާންމުންވެސް މަރާފައި ވެއެވެ.
އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ގޮފިތައް ހަރަކާތްތެރިވަމުން ދިޔަ ހުރިހާ ގައުމުތަކުންވެސް އެ ޖަމާއަތް ބަލިކޮށް ވިއްސިވިހާލި ކޮށްލާފައިވާއިރު، އެޖަމާއަތުގެ ސެލްތައް ނުވަތަ އެމީހުންނަށް ހަމްދަރުދީވާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ކަމަށް ބުނެއެވެ.
ދިވެހިރާއްޖޭގައިވެސް އައިއިސްއަށް ހަމްދަރުދީވާ ސެލްތައް ހަރަކާތްތެރިވާ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ