މިހާރުން މިހާރަށް މިވެރިކަން ވައްޓާނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ: މޮސްޓާ

މިހާރުން މިހާރަށް ނިކުމެ މިވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 ޖެހުމާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން އެޗްޕީއޭ އިން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ނިންމުމަށް މިރެއިން ފެށިގެން އަމަލުކުރަން ފަށާއިރު، މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު، ވިޔަފާރިތައް ފުނޑޭ ފަދަ ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށާއި އެހެން ނޫނީ ރައްޔިތުން ނިކުންނާނެ ކަމަށެވެ.
"ރައްޔިތުން މިހާރުން މިހާރަށް ނިކުމެ މިވެރިކަން ވައްޓާނުލައިފިނަމަ، ރައްޔިތުން ބަނޑަށް ޖެހޭނެ" އޭނާ ވިދާޅުވިއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއް ކަމަށާއި މި ފިޔަވަޅުގެ ބޭނުމަކީ ބޭރުގައި އުޅޭ މީހުންގެ އަދަދު ވީހާވެސް ބޮޑަކަށް މަދުކުރުން ކަމަށެވެ.
މި އެންގުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތް ދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
މި ފިޔަވަޅު އަޅަން ނިންމާފައިވާއިރު ރޭގަނޑު 10 އިން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި މިހާރުވެސް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި މާލެ ސަރަހައްދުގައި ބޭރުގައި އުޅޭއިރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. މި ދެ އެންގުމާ ހިލާފުވާ ފަރާތްތައް ވެސް 1،000 ރުފިޔާ އިން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ