ޖޫން މަހަށް ކުރިން ފައިސާ ދެއްކި ބިލުތަކުން ޖުލައި މަހު އެ ފައިސާ އުނިކޮށްދެވޭނެ: ސްޓެލްކޯ

ޖޫން މަހުގެ ކަރަންޓު ބިލަށް ފައިސާ ދެއްކި މީހުންނަށް ޖުލައި މަހުގެ ބިލުން އެ ފައިސާ އުނިކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނީ ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެގެން އާންމުންގެ ޝަކުވާ ބޮޑުވެ، އެ ބިލުންވެސް ސަބްސިޑީ ދޭން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގެ ތަފުސީލު ހާމަކޮށް ނެރުނު ނޫސްބަޔާނުގައެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޖޫން މަހުގެ ބިލަށް ވެސް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކުރީ ދެމަހުވެސް ދިން ގޮތަށް 40 އިންސައްތަ ސަބްސިޑީ ދެވޭނެ ކަމަށެވެ.
މި ނިންމުމާއެކު މިހާރު ފޮނުވާފައިވާ އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްތައް، ސަބްސިޑީ ހިމަނައިގެން ތައްޔާރުކުރުމަށްފަހު ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނާއި، އެސްއެމްއެސް މެދުވެރިކޮށް އަލުން ފޮނުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ޖޫން މަހުގެ ކަރަންޓު ބިލު މިހާރު ދައްކާފައިވާ މީހުންނަށް ޖޫން މަހުގެ ސަބްސިޑީއަށްވާ އަދަދު ޖުލައި މަހުގެ ކަރަންޓު ބިލުން އުނިކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރަށް ކޮވިޑް-19އާ ގުޅިގެން ބިލްތައް ދައްކަން ދަތިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް މި އަހަރުގެ މާރޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ބަހާލައިގެން ދެއްކުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން އެ ހަތަރު މަހުގެ ބިލްތައް ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކުން ޖުލައި 5 ވަނަ ދުވަހުން ފެށިގެން ޖުލައި 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އާދީއްތަ ދުވަހުން ފެށިގެން މި ފޯމު ސްޓެލްކޯގެ ވެބްސައިޓުން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޖޫން މަހުގެ ކަރަންޓު ބިލަށް ވެސް ކުރީ ދެމަހަކޭ އެއްގޮތަށް 40 އިންސައްތައިގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމާފައި މިވަނީ ޖޫން މަހުގެ ބިލުތައް ފޮނުވުމުން ބިލު ބޮޑުވެގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ބިލުތައް ބޮޑުކަމަށް ފާހަގަވީ ކުރީ ދެމަހު ސަބްސިޑީ ލިބިފައި ޖޫން މަހު ސަބްސިޑީއާ ނުލައި ބިލުތައް ފޮނުވުމުން ކަމަށެވެ. އަދި މިދުވަސްވަރަކީ އާންމުގޮތެއްގައި ވެސް ހޫނަގަދަ ދުވަސްވަރަކަށް ވުމާއި، ގޭގައި ބަންދުވެގެން އެންމެން ތިބެން ޖެހުން ވެސް އެއީ ބިލު ބޮޑު ވާން ދިމާވި ބައެއް ސަބަބުތަކުގެ ތެރޭގައި ސްޓެލްކޯއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ