ރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި ޓީޓީގެ ކުރިމަގު އޮތް ގައުމެއް: އައިޓީޓީއެފް

ރާއްޖެއަކީ ސަރަހައްދީ ލެވެލްގައި ޓީޓީގެ ކުރިމަގު އޮތް ގައުމެއް ކަމަށް އިންޓަނޭޝަނަލް ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) އިން ބުނެފިއެވެ.
އައިޓީޓީއެފް މިހެން ބުނެފައިވަނީ އެ ފެޑްރޭޝަންގެ ވެބްސައިޓްގައި ލިޔެފައިވާ އާޓިކަލެއްގައެވެ. ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ އެ ލިޔުމުގައި ވަނީ ހާއްސަކޮށް ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބު ފާހަގަ ކޮށް ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ތައުރީފު ކޮށްފަ އެވެ.
ޒުވާން އުމުރުގައި ދީމާ ހޯދަމުން އަންނަ ކާމިޔާބު ފާހަގަކުރަމުން އެ ލިޔުމުގައި ބުނީ އުމުރުން 12 އަހަރުގައި ދުނިޔޭގެ ރޭންކިންގެ ފާހަގަ ކުރެވޭ މަގާމެއްގައި ދީމާ ހިމެނިފައި ވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
2018 ވަނަ އަހަރު ސްވިޑަންގައި ބޭއްވި ވޯލްޑް ޓީޓީ ޓީމު ޗެމްޕިއަންޝިޕަށް އިޝާރާތްކޮށް އައިޓީޓީއެފްގެ ވެބްސައިޓްގައި ބުނެފައިވަނީ ދީމާގެ ނަމުގައި ވޯލްޑް ރޭންކިންގެ އެއްވެސް މަގާމެއް ނެތް ވަގުތެއްގައި އޭނާ ވަނީ ސްވިޑްންގެ ހާމްސްޓަޑްގައި ތިން ވަނަ ޑިވިޝަންގެ ޗެލެންޖަށް ރާއްޖެ އުފުލައިދީފައި ކަމަށާއި ދީމާ އަކީ އޭރު އުމުރުން 10 އަހަރުގައި އެ ކެޓަގަރީގައި ވާދަ ކުރި އެންމެ ޒުވާން ކުޅުންތެރިޔާ ކަމަށެވެ.
އައިޓީޓީއެފުން ބުނެފައިވަނީ ޒުވާން ކުޅުންތެރިންނާ އެކު ރާއްޖެ ހޯދި މެޑަލްއަކީ ކުރިމަގުގައި ހާއްސަ ކާމިޔާބަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. މީގެ އިތުރުން އައިޓީޓީއެފްއިން ވަނީ ގައުމީ ޓީމުގައި ދީމާގެ ޑަބަލްސް ޕެއާ އައިޝަތު ރަފާ ނާޒިމުގެ ހުނަރު ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޒުވާން ޓީމަކާއެކު ގޮސް ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއްކަމަށް އެފެޑަރޭޝަނުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ