ޑެންގީ ޖެހިގެން 41 އަހަރުގެ މީހަކު މަރުވެއްޖެ

50: 9 - ޑެންގީ ޖެހިގެން އައްޑޫގައި ފަރުވާ ދެމުން އައި 41 އަހަރުގެ ފިރިހެނަކު އިތުރު ފަރުވާ އަށް މާލެ ގެނެސް ފޭބި ތަނުން ރޭ ފަތިހު މަރުވެއްޖެ އެވެ.
މިއީ ޑެންގީ ޖެހިގެން މި އަހަރު ބޮޑު މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހަތް ކުދިން ވަނީ މަރުވެފަ އެވެ.
އައްޑޫގައި ޑެންގީ ކޮންޓްރޯލްކުރަން މަސައްކަތްކުރާ ޓާސްކް ފޯސް އިން ބުނިގޮތުގައި ހިތަދޫ ދުރުމީގެ އަލީ އަހުމަދު ހިތަދޫ ހޮސްޕިޓަލުގައި ޖޫން 28 ގައި އެޑްމިޓްކުރުމަށް ފަހު މިދިޔަ ހަފްތާގައި އޮތީ އައިސީޔޫގަ އެވެ.
ޓާސްކް ފޯސްގެ ޗެއާޕާސަން އަދި އައްޑޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ތޮއްޔިބު މިއަދު ވިދާޅުވީ އަލީ އަހުމަދުގެ ހާލު ދެރަ ކަމުން ޑޮކްޓަރުން އޭނާ މާލެ ނުފޮނުވާ އޮތީ ކަމަށާއި ނަމަވެސް އިއްޔެ ރޭ އާއިލާ އިން އެކަމަށް އެދުމާ ގުޅިގެން ޓާސްކް ފޯސް އިން ޑޮކްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އޭނާ މާލެ ގެނެވިދާނެ ކަން އެނގުނު ކަމަށެވެ.
ތޮއްޔިބު ވިދާޅުވިގޮތުގައި ޓާސްކް ފޯސް އިން ކުރިން ވެސް އައީ އޭނާގެ ހާލު ބަލަމުންނެވެ.
"ހޮސްޕިޓަލުން ދޭ ރިޕޯޓްގައި އޮންނަނީ އޭނާ ސްޓޭބަލް ކަމަށް. މާނައަކީ ޑޮކްޓަރުން އެ ބަލާ މިންވަރަށް ވުރެ ގޯސް ނުވާ ކަމަށް. ނަމަވެސް މިދިޔަ ހަފްތާގައި އޭނާ އައިސީޔޫގައި އޮތީ މެޝިންތައް ގުޅާފައި. އެހެންވީމަ އެ މެޝިންތައް ނައްޓާލައިގެން ފްލައިޓްގައި މާލެ ގެންނަން އުޅުމުގެ ރިސްކް ވަރަށް ބޮޑުވީމަ ޑޮކްޓަރުން އެ ގޮތަށް ކަންތައް ނުކުރީ،" ކައުންސިލަރު ވިދާޅުވި އެވެ. "އެކަމަކު އިއްޔެ ރޭ އާއިލާ އިން ޓާސްކް ފޯސްއާ ބައްދަލުކޮށްފައި ބުނީ އެ ރިސްކް އޮތަސް މައްސަލައެއް ނެތޭ، ގެންނަން ބޭނުމޭ. އެހެންވެ އަޅުގަނޑުމެން ގެނެވިދާނެތޯ ބެލިއިރު ވަކި ގޮތްތަކަކަށް ގެނެވިދާނެ ކަން އެނގުނީ. ދެން އެންމެ އަވަހަށް ޖާގަ ލިބުނު ފްލައިޓުން ރޭ ފަތިހު ފޮނުވާލީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ