ހާއްސަ މަޖިލީހުގެ ޖަލްސާ: މިހާރު ހަދަމުން ދަނީ އާ ގާނޫނު އަސާސީއެއް ކަމަށް ކަނޑައެޅުމަށް ރައީސްގެ މެމްބަރަކު ހުށަހަޅުއްވައިފި

އިސްލާހުކުރަމުންދާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އުވުނީ ކަމަށް ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު އަދި ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އަލްއުސްތާޒް މުހައްމަދު އަނިލް ހުށަހަޅުއްވައިފި އަވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީން، އިސްލާހުކޮށް ތަސްދީގުކުރެވޭ ގާނޫނު އަސާސީ އަށް ވާސިލުވުމަށްޓަކައި ހޭދަވާ އިންތިގާލީ މަރުހަލާގައި ކަންތައް ކުރެއްވުމަށް އޭނާ ހުށަހެޅުއްވި 13 ނުކުތާގެ ހުށަހެޅުއްވުމުގައިވަނީ މި ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާނީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ދުވަހުން ފެށިގެން ކަމަށާއި އެ ތާރީޚުން ފެށިގެން، 1 ޖެނުއަރީ 1998 ގައި އަމަލުކުރަމުން ދާ ގާނޫނު އަސާސީ އުވުނީ ކަމަށް، އިންތިގާލީ މަރުހަލާގެ ބާބުގައި ކަނޑައެޅުމަށެވެ.
ނަމަވެސް އޭނާގެ ވާހަކައިގައި "އާ ގާނޫނު އަސާސީ"އޭ ވިދާޅުވުމުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މިއީ އާ ގާނޫނު އަސާސީއެއް ނޫން ކަމަށާއި އިސްލާހުކުރެވެމުންދާ ގާނޫނު އަސާސީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އިންތިގާލީ މަރުހަލާއާ ބެހޭ ގޮތުން ބަހުސްކުރުމަށް 24 މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ މެދު އިއްޔެ މެންދުރު ފަހުގެ ޖަލްސާގަ އާއި މިއަދު ހެނދުނުގެ ޖަލްސާގައި ބަހުސްކުރައްވަމުން، ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އިންތިގާލީ މަރުހަލާގައި އިންތިހާބުތައް ބާއްވާނެ ގޮތުގެ ތަރުތީބުތަކެއްގެ އިތުރުން މިނިވަން މުއައްސަސާތަކާއި ދުސްތޫރީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމާ މެދު ވެސް ގޮތްތަކެއް ހުށަހަޅުއްވައިފަ އެވެ.
ބައެއް މެންބަރުން ހުށަހެޅުއްވީ އިންތިގާލީ މަރުހަލާގައި އެންމެ ފުރަތަމަ ރިއާސީ އިންތިހާބު ބާއްވައި އެއަށް ފަހު އާންމު އިންތިހާބު ދެން ލޯކަލް އިންތިހާބުތައް ބޭއްވުމަށެވެ. އަދި ސިޔާސީ ޕާޓީތައް ޝާމިލުވާ ގޮތުން ފަސް މެންބަރުންގެ އިންތިހާބީ ކޮމިޝަނެއް އެކުލަވާލެއްވުމަށް ވެސް ހުށަހެޅުއްވި އެވެ. މި ގޮތަށް ހިޔާލުފާޅުކުރެއްވީ، ޑީއާރްޕީ އާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނެވެ.
އިދިކޮޅު ބައެއް މެމްބަރުން ހުށަހެޅުއްވީ އެންމެ ފުރަތަމަ ލޯކަލް އިންތިހާބުތަކާއި އާންމު އިންތިހާބު ބާއްވައި އެންމެ ފަހު ކަމެއްގެ ގޮތުން ރިއާސީ އިންތިހާބު ބޭއްވުމަށެވެ. އަދި އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުން ނޫނީ އިންތިގާލީ މަރުހަލާ ފުރިހަމަ ނުކުރެވޭނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މި ބަހުސްގެ މަރުހަލާގައި އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ މެންބަރު އަހްމަދު އަނިލް ވަނީ، "އައު ގާނޫނު އަސާސީ އަށް ވާސިލުވުމުގައި ނިންމަންޖެހޭ ކަންތައް" މި ބާބުގައި ހިމަނަން އޭނާ އަށް ފެނިވަޑައިގަންނަވާ އަސާސީ އުސޫލުތަކާއި ސިފަތައް، މައިގަނޑު 13 ނުކުތާއެއްގެ މައްޗަށް އެކުލަވާލައްވައި ހުށަހަޅުއްވައިފަ އެވެ.
އެ ގޮތުން މި ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާނީ، ރައީސުލް ޖުމްހޫރިއްޔާ މި ގާނޫނު އަސާސީ ތަސްދީގުކުރާ ދުވަހުން ފެށިގެން ކަމަށާއި، އެ ދުވަހުން ފެށިގެން 1 ޖެނުއަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ ގާނޫނު އަސާސީ އުވުނީ ކަމަށް ކަނޑައެޅުމަށް ވެސް އަނިލް ހުށަހަޅުއްވާފައިވެ އެވެ.
މި ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށްޓަކައި ސިޔާސީ ޕާޓީތައް ޝާމިލުވާ ފަސް މެންބަރުންގެ ވަގުތީ އިލެކްޝަން ކޮމިޝަނެއް އެކުލަވާލުމަށާއި އިންތިޚާބުތަކާ ބެހޭ ގާނޫނުތައް ފާސްކުރުމާއި ވަގުތީ ޖުޑީޝަލް ކޮމިޝަން އައްޔަންކުރުމަށް ވެސް އަނިލް ހުށަހެޅުއްވި އެވެ.
އޭނާގެ ހުށަހެޅުއްވުމުގައިވާ ގޮތުން، މި ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބު މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު ބާއްވަންވާނެ އެވެ. އަދި ރައީސް ކަމަށް އިންތިޚާބުކުރެވޭ ބޭފުޅަކު، މަގާމާ ހަވާލުވަންދެން ރައީސް ކަމުގެ މަގާމުގައި ހުންނަވާނީ 1998ގެ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރެވިފައިވާ ފަރާތް (ރައީސް މައުމޫން) ކަމަށް ކަނޑައެޅުމަށް ވެސް އަނިލްގެ ހުށަހެޅުއްވުމުގައިވެ އެވެ.
ޑީއާރްޕީ އަށް ނިސްބަތްވާ އެހެން މެންބަރުން ވެސް ތާއީދުކުރެއްވި މި ހުށަހެޅުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިންތިގާލީ މަރުހަލާގެ މުއްދަތު ދެ އަހަރު ދުވަސް ކަމުގައި ކަނޑައެޅުމަށް އޮތް އޮތުމެވެ. އެ ގޮތުން މި ގާނޫނު އަސާސީގެ ދަށުން ވަކި ގާނޫނެއް ފާސްކޮށްގެން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންތައް އެންމެ ގިނަވެގެން ފަސްކުރެވޭނީ ދެ އަހަރު ދުވަހަށް ކަމަށް ކަނޑައެޅުމަށް އަނިލް ހުށަހަޅުއްވާފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދުގެ ވާހަކައިގައި ވެސް އިންތިހާބުތައް ބޭއްވުމަށް ހުށަހެޅުއްވީ އަނިލް ވެސް ހުށަހެޅުއްވި ތަރުތީބުންނެވެ. އެ ގޮތުން އެންމެ ފުރަތަމަ ރިއާސީ އިންތިހާބު، އޭގެ ފަހުން އާންމު އިންތިހާބު އަދި އަތޮޅުތަކާއި ރަށްތަކާއި މާލޭގެ މުނިސިޕަލް ކައުންސިލްތައް ހިންގުމާ ބެހޭ ލޯކަލް އިންތިހާބުތައް ބޭއްވުމަށް ނަޝީދު ހުށަހެޅުއްވި އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ދުސްތޫރީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމާއި ގަވާއިދެއްގެ ދަށުން ނަމަވެސް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަކާއި ޕާލެމެންޓްރީ އެމްބޮޑްސްމަންއެއް އެކުލަވާލައްވައި، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ބާތިލުވާނެ ތާރީހެއް ކަނޑައެޅުމަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ.
ރައީސްގެ މެމްބަރު އަހްމަދު ޒާހިރުގެ ވާހަކައިގައި ރައްޔިތުންނަށް ޑިމޮކްރެސީ ގެނެސްދޭން މަސައްކަތްކުރާ އިރު ވެރިކަން ބަދަލުކުރަންވާނީ ވެސް އަދި ރައީސުލްޖުމްހޫރިއްޔާއަކަށް ބޭފުޅަކު އައްޔަންކުރަންވާނީ ވެސް ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ރައްޔިތުންގެ ދައުރެއް އޮވެގެން ކަމަށް ވިދާޅުވި އެވެ: "ރައްޔިތުންގެ ދައުރެއް ނެތި ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައެޅުމަކީ ޑިމޮކްރެސީއެއް ނޫން."
މިއާ ހިލާފަށް ރ. އަތޮޅުގެ މެމްބަރު އިބްރާހީމް ޝަހީދު ޒަކީ ހުށަހެޅުއްވީ، އިންތިގާލީ މަރުހަލާގެ ފުރަތަމަ އިންތިހާބެއްގެ ގޮތުން، އަތޮޅުތަކާއި ރަށު ކައުންސިލްތައް އިންތިހާބުކުރުމަށެވެ. ދެ ވަނަ ކަމެއްގެ ގޮތުން ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ފާސްކޮށް އެއަށް ފަހު ޕާޓީތަކުން ވާދަކުރާ އާންމު އިންތިހާބެއް، މޭ މަހުގެ ނިޔަލަށް ބޭއްވުމަށް ވެސް ޝަހީދު ޒަކީ ހުށަހެޅުއްވި އެވެ.
އިންތިގާލީ މަރުހަލާގައި ރިއާސީ އިންތިހާބު ބޭއްވުމަށް ޝަހީދު ހުށަހެޅުއްވީ، އައު ރައްޔިތުންގެ މަޖިލީހުގެ ދަށުން އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލައި މި އަހަރުގެ އޮކްޓޫބަރުގެ ކުރިން އެކަން ކުރުމަށެވެ. އޭގެ އިތުރުން އިންތިގާލީ މަރުހަލާގެ ތެރޭގައި ސިޔާސީ ހުރިހާ ޕާޓީތަކަށް ހަމަހަމަ ގޮތެއްގައި ސަރުކާރުގެ މީޑިއާ އިން ފުރުސަތު ދިނުމަށް ވެސް ޝަހީދު ހުށަހެޅުއްވި އެވެ.
ތ. އަތޮޅުގެ މެންބަރު ހަސަން އަފީފު ވިދާޅުވި ގޮތުގައި ހުރިހާ ޕާޓީތައް ބައިވެރިވާ އިންތިގާލީ ވެރިކަމެއް އޮވެގެން މެނުވީ މިނިވަން ރިއާސީ އިންތިހާބެއް ނުބޭއްވޭނެ އެވެ. އަދި އެކަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހަށް ވެރިކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔުމުގެ ރޫހަކީ ވެސް، ދެ ދައުރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އަލުން ވެރިކަމަށް ކުރިމަތިނުލެއްވުން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
ފ. އަތޮޅުގެ މެމްބަރު އަހްމަދު ހަމްޒާ ހުށަހެޅުއްވީ އިންތިގާލީ މަރުހަލާގެ ރައްޔިތުންގެ މަޖިލީހުގެ ގޮތުގައި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސްގެ އަށް މެންބަރުން އުނިކުރުމަށް ފަހު އެ މަޖިލިސް ކަނޑައަޅައި އެ މަޖިލީހުގެ ބެލުމުގެ ދަށުން އިންތިގާލީ މަރުހަލާގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން އެ މަޖިލީހުން ފަސް މެންބަރުންގެ ވަގުތީ އިންތިހާބީ ކޮމިޝަނެއް އެކުލަވާލައި އިންތިހާބުތަކުގެ ކަންތައް އެ ކޮމިޝަނުން ކުރުމަށް ވެސް ހަމްޒާ ހުށަހެޅުއްވި އެވެ.
އިންތިގާލީ މަރުހަލާގައި ފައިސާގެ ކަންތައް ބެލުމަށް ފަސް މެމްބަރުންގެ އޮޑިޓިން ކޮމިޓީއެއް އެކުލަވާލުމަށާއި އިންތިހާބާ ގުޅޭ ޝަކުވާތައް ބެލުމަށް ތިން މެމްބަރުންގެ ފަނޑިޔާރުންގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ހަމްޒާ ހުށަހެޅުއްވި އެވެ.
އައްޑު އަތޮޅުގެ މެމްބަރު ހުސްނުއް ސުއޫދު ހުށަހެޅުއްވީ، އިސްލާހުކުރެވޭ ގާނޫނު އަސާސީ ތަސްދީގުކުރާތާ ތިން މަސްދުވަސް ތެރޭގައި އާންމު އިންތިހާބު ބާއްވައި ރައްޔިތުންގެ މަޖިލިސް އެކުލަވާލެއްވުމަށެވެ. އެއަށް ފަހު އިންތިގާލީ މަރުހަލާގެ ގާނޫނުތައް ހަދައި އެ ގާނޫނުތަކުގެ ދަށުން ރިއާސީ އިންތިހާބު ބޭއްވުމަށެވެ.
މީގެ އިތުރުން، ރައީސް މައުމޫން އެ މަނިކުފާނުގެ ޕާޓީގެ ޒައާމަތުން އިސްތިއުފާ ދެއްވައި، ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ވެވަޑައިނުގެން، ދިވެހި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން އިންތިގާލީ މަރުހަލާގެ ކަންތައް ފުރިހަމަކުރުމަށް ވެސް ސުއޫދު ހުށަހެޅުއްވި އެވެ. އަދި، ރައީސް މައުމޫންގެ ވެރިކަމުގެ ތަފާތު ސިފަތަކުން މިސާލު ޖައްސަވައި މި ވެރިކަމުގެ ދަށުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރ. މެންބަރު އަލީ ވަހީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ވާސިލުވުމަށްޓަކައި އިންތިގާލީ މަރުހަލާއެއް ނުފުދޭ ކަމަށާއި އިންތިގާލީ ސަރުކާރެއް ވެސް ބޭނުންވާ ކަމަށެވެ.
"އިންގިލާބީ ސަރުކާރަކަށް ތާއީދު ނުކުރާތީ އިންތިގާލީ ސަރުކާރަކަށް ތާއީދުކުރަނީ. އިންތިގާލީ ސަރުކާރެއް ނުގެނެވިއްޖެ ނަމަ އިންގިލާބީ ސަރުކާރެއް ނާންނާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް."
އިންތިގާލީ މަރުހަލާއާ ބެހޭ ގޮތުން ބަހުސްކުރުމަށް ކަނޑައަޅާފައިވާ ތިން ގަޑިއިރު މިއަދު ހެނދުނުގެ ޖަލްސާގެ މެދަކާ ހަމައިން ހަމަވިއިރު، ވާހަކަދެއްކެވުމަން އެދިވަޑައިގެން 16 މެންބަރަކު ތިއްބެވުމާ އެކު، ރިއާސަތުން އިތުރު ވަގުތު ކަނޑައަޅުއްވައި އެ މެންބަރުންނަށް ފުރުސަތު ދެއްވި އެވެ. އިއްޔެގެ ޖަލްސާގައި ވަނީ ބަހުސްކުރުމަށް އެދިވަޑައިގަތުމުގެ ފުރުސަތު ބަންދުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ