ފޭދޫން އަނދައި ހުލިވި ގޭގެ އާއިލާ އަށް ހުޅުވި ފަންޑުން ލިބުނު ފައިސާ ހަވާލުކޮށްފި

ސ. ފޭދޫ ސީސަންމާގޭގައި ރޯވެ އެ ގެ އަނދައި ހުލިވި ހާދިސާގައި ލިބުނު ގެއްލުންތަކަށް އެހީވުމަށް ހުޅުވި ފަންޑަށް ލިބުނު 3،000 އަށް ވުރެ ގިނަ ރުފިޔާ އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް އެކަން އިންތިޒާމު ކުރި ފަރާތުން ބުނެފި އެވެ.
އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ސައީދު (ރަން ހަދާ މުހައްމަދު) މިއަދު ވިދާޅުވީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުޅުވި ފަންޑު ފޮށްޓަށް ލިބުނު ފައިސާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
މުހައްމަދު ވިދާޅުވީ އާއިލާ އާ ހަވާލުކޮށްފައި ވަނީ ފަންޑު ފޮއްޓަށް ލިބުނު 3،252.50ރ. އާއި އެއް ޑޮލަރު ކަމަށެވެ.
"އަސްލު އަޅުގަނޑުމެން އުންމީދު ކުރި ވަރަކަށް އެ ފަންޑަށް ފައިސާ ލިބޭ ގޮތެއް ނުވި، އެހެން ދިމާވީ އެ ދުވަސްވަރާ ސާކް ސަމިޓާ ވެސް ދިމާވެ، ގިނަ ބަޔަކު އެކަމުގެ ތެރޭގައި ޝާމިލްވުމުގެ ސަބަބުން ފޮށްޓެއް ބަހައްޓާފައި ވެސް ހުރިކަން އާންމުންނަށް އެހާ ބޮޑަށް އެންގޭ ގޮތް ނުވުމުން ކަމަށް ގަބޫލް ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ގެ އެއްކޮށް އަނދައިގެން ހުލިވި ހާދިސާ އާ ގުޅިގެން އެ އާއިލާ އަށް ދާއިމީ ހިޔާވަހިކަމެއް ހޯދައިދިނުމަށް ފޭދޫ އެމްޑީޕީ ދާއިރާ އިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެޗްޑީސީން ފޭދޫގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ޔުނިޓެއް އެ އާއިލާ އަށް ސަރުކާރާއި އެމްޑީޕީގެ އިސް ފަރާތްތަކާ ވާހަކަ ދައްކައިގެން ހަމަޖެހޭނެ ގޮތެއްވޭތޯ މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ފަސް މެމްބަރުން ތިބޭ އެ އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ އައްޑޫ ސިޓީ ކައުންސިލުން ވަގުތީ ގޮތުން ހަމަޖައްސައި ދީފައިވާ ފޭދޫ އަތަމާ ގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ