މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ހަ މީހުންނާ އެކު ކާށިދޫ ކަނޑަށް ފެތިއްޖެ

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހަ މީހުންނާ އެކު ދަތުރު ކުރި ދޯންޏެއް ކ. ގާފަރު ބޭރުން ކާށިދޫ ކަނޑަށް ފެތިގެން އުޅެނިކޮށް އޭގައި ތިބި މީހުން މިއަދު ސަލާމަތްކޮށްފި އެވެ.
މާލެއިން ޅ. އަތޮޅަށް ދަނިކޮށް 120 ފޫޓުގެ "ހާބަ ކްއީން 4" ފެތުނީ ކަނޑުގަދަވުމާ ގުޅިގެން ރޭ ގާފަރު ކައިރީގައި މަޑު ކުރުމަށް ފަހު މިއަދު އަނެއްކާވެސް ދަތުރު ކުރަމުން ދަނިކޮށް މެންދުރުފަހު އެވެ. އޭގެ ކުރިން މިއަދު ހެނދުނު 30: 10ގައި ވަނީ އެ ދޯންޏާ މުވާސަލާތީ ގުޅުން ކެނޑިފަ އެވެ.
ދޯންޏާ ގުޅުން ކެނޑުމާ އެކު ކޯސްޓްގާޑުގެ ލޯންޗަކާއި ދޯނީގެ ވެރިފަރާތުން ފޮނުވި ދެ ދޯންޏާއި ގާފަރު ދޯންޏަކުން ހޯދަމުން ދަނިކޮށް އެ ދޯނި ފެނިފައި ވަނީ މެންދުރު ފަހު 00: 3 ހާއިރު އެވެ. ދޯނީގައި ހުރި މުހައްމަދު ރަފީގު އޭގެ ކުޑައިރުކޮޅެއް ފަހުން ފޯނުން ހަވީރާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ހަ މީހުންގެ ހާލު ވެސް ރަނގަޅެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންގެ ހާލު ވެސް ރަނގަޅު. ދޯނި ވެސް މަރާމާތު ކޮށްގެން ބޭނުންކުރެވޭވަރު ވާނެ. ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މި ދަނީ،" ރަފީގު ބުންޏެވެ. އޭނާގެ ފަރާތުން އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
ނަމަވެސް އެ ދޯނީގައި ހުރި މުދަލުގެ ވެރިފަރާތް ކަމަށްވާ ލިއޯ ޓްރޭޑިންގެ ހަސަން ޒަރީރު ދޯންޏާ ފޯނުން ވާހަކަ ދެއްކުމަށް ފަހު ހަވީރަށް ކިޔައިދިން ގޮތުގައި ދޯނި އަރިއަޅާލަން އުޅުމުން އޭގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލައިފަ އެވެ. ނަމަވެސް ދޯނި އަނެއްކާ ވެސް ފެން މައްޗަށް އެރުމުން އެ މީހުން ދޯންޏަށް އެރި އެވެ. އޭނާ ބުނީ ހުރިހާ މުދަލެއް އަޑިއަށް ގޮސްފައިވާ ކަމަށާއި ދޯނީގެ އިންޖީނު ވެސް ވަނީ ހަލާކުވެފައި ކަމަށެވެ.
"ދޯނީގެ ދޮޅު ފޫޓެއް ވަރު ފެންމަތީގައި އޮތް ނަމަވެސް އިންޖީނާ ހުރިހާ އެއްޗެތި ވަނީ ލޮނުއެޅިގެން ހަލާކުވެފައި. އަޑިއަށް ދާން ފެށީމަ އެންމެން ކަނޑަށް ފުންމާލީ. ގާތްގަނޑަކަށް 300 ޖަމްބޯ ބޭގްގެ މުދާ ހުންނާނެ، ހިލަޔާއި ހިލަވެއްޔާއި ސިމެންތި ފަދަ ތަކެތި،" އޭނާ ކިޔައިދިނެވެ.
ގާފަރު ކައުންސިލަރު އަހުމަދު އާޒިމް މިއަދު ވިދާޅުވިގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އެ ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
"ވަރަށް ކަނޑުގަދަ. އަދި ހެނދުނުން ފެށިގެން ހުއްޓާނުލާ ވާރޭވެހެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
16: 15 - ކޯސްޓްގާޑަށް ދޯނި ފެނިއްޖެ އެވެ. ހާލުގައި ޖެހުނު ދޯނީގައި ހުރި މުހައްމަދު ރަފީގު ދެންމެ ހަވީރަށް ކިޔައިދިންގޮތުގައި ކޯސްޓްގާޑުގެ އިތުރުން އެހެން ދޯންޏެއްގެ އެހީތެރިކަން އެ މީހުންނަށް ދަނީ ލިބެމުންނެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންގެ ހާލު ވެސް ރަނގަޅު. ދޯނި ވެސް މަރާމާތު ކޮށްގެން ބޭނުން ކުރެވޭ ވަރު ވާނެ. ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މި ދަނީ،" ރަފީގު ބުންޏެވެ.
43: 14 - ދޯނީގައި ހުރި މީހަކާ ފޯނުން ގުޅިއްޖެ ކަމަށާއި ހަ މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. އެ ދޯނީގައި ހުރި މުދަލުގެ ވެރިފަރާތް ލިއޯ ޓްރޭޑިންގެ މުވައްޒަފެއް ކަމަށްވާ ހަސަން ޒަރީރު ދޯނީގައި ހުރި މީހަކާ ވާހަކަ ދެއްކުމަށް ފަހު ހަވީރަށް ކިޔައިދިން ގޮތުގައި ދޯނި އަރިއަޅާލުމާ ގުޅިގެން އޭގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފަ އެވެ. އަދި އެއަށް ފަހު މިހާރު އަލުން ދޯންޏަށް އަރާފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ހުރި ހުރިހާ މުދަލެއް އަޑިއަށް ގޮސްފައިވާ އިރު އިންޖީނު ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ކޯސްޓްގާޑަށް ގުޅިތާ މިހާރު ތިންގަޑިއިރު ވެއްޖެ. އެކަމަކު އަދި ކޯސްޓްގާޑާ ދޯންޏާ ދިމާވާ ގޮތެއް ނުވޭ،" ޒަރީރު ބުންޏެވެ. "ދޯނީގެ ދޮޅު ފޫޓެއް ވަރު ފެންމަތީގައި އޮތް ނަމަވެސް އިންޖީނާ ހުރިހާ އެއްޗެތި ވަނީ ލޮނުއެޅިގެން ހަލާކުވެފައި. ކަނޑުގަދަވެގެން މުދާތައް ވަނީ ކަނޑުތެރެއަށް ގޮސްފައި. އަޑިއަށް ދާން ފެށީމަ އެންމެން ކަނޑަށް ފުންމާލީ. ގާތްގަނޑަކަށް 300 ޖަމްބޯ ބޭގްގެ މުދާ ހުންނާނެ، ހިލަޔާއި ހިލަވެއްޔާއި ސިމެންތި ފަދަ ތަކެތި."
ގާފަރު ކައުންސިލަރު ވިދާޅުވީ އެ ރަށުން ދިޔަ ދޯންޏަށް ވެސް "ހާބަ ކްއީން 4" ފެނިފައި ނުވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަނިކޮށް ކަނޑުގަދަވުމާ ގުޅިގެން އެ ދޯނި ވަނީ ރޭ ގާފަރު ކައިރީގައި މަޑު ވެސް ކޮށްފަ އެވެ.
20: 14 - ގުޅުން ކެނޑުނު "ހާބަ ކްއީން 4" ދޯނި ހޯދުމަށް، ދޯނީގެ ވެރިފަރާތުން ވެސް ވަނީ ދެ ދޯނި ފޮނުވާފަ އެވެ. ގާފަރު ކައުންސިލަރު އާޒިމް ވިދާޅުވީ "ހާބަ ކްއީން 4" ދޯނިން އުކާލާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި މިހާރު ކަނޑުމަތިން ފެންނަމުންދާ ކަމަށެވެ. ނަމަވެސް އެ ދޯނި އަދި ނުފެނެ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ކަނޑުގަދަވެގެން މިއަދު ހެނދުނު އެ ދޯނިން މުދާ އުކާލަން ވަނީ ފަށާފަ އެވެ. އާޒިމް ވިދާޅުވީ މޫސުން ވަރަށް ގޯސް ކަމަށެވެ.
"ވަރަށް ކަނޑުގަދަ. އަދި ހެނދުނުން ފެށިގެން ހުއްޓާނުލާ ވާރޭވެހެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
51: 13 - ހަ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏަކާ ގުޅުން ކެނޑިގެން އެ ދޯނި ހޯދުމަށް ކޯސްޓްގާޑުގެ އުޅަނދެއް ފޮނުވައިފި އެވެ. ދޯނި އޮތް ކަމަށް ބެލެވެނީ ކ. ގާފަރާ 10 މޭލު ބޭރުން ކާށިދޫ ކަނޑުގެ ސަރަހައްދާ ކައިރިންނެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ކޯސްޓްގާޑު ލޯންޗެއް އެ ސަރަހައްދަށް ދަތުރު ކުރަމުން އެބަ ގެންދެ އެވެ. އަދި 00: 2 ހާއިރު އެ ހިސާބަށް ފޯރާނެ ކަމަށާއި މިކަމާ ބެހޭ އިތުރު މައުލޫމާތެއް އެނގޭނީ އެއަށް ފަހު ކަމަށް ސިފައިން ބުންޏެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ހަތަރު ބިދޭސީންނާއި ދެ ދިވެހިން ތިބި "ހާބަ ކްއީން 4" މުދާ އުފުލާ ދޯނި އަޑިއަށް ދިޔައީ މާލެ އިން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށެވެ. އަދި 120 ފޫޓުގެ އެ ދޯންޏާ ގުޅުން ވަނީ ކެނޑިފަ އެވެ.
ގާފަރު ކައުންސިލަރު އަހުމަދު އާޒިމް ވިދާޅުވިގޮތުގައި ގުޅުން ކެނޑުނު ދޯނި ކައިރިއަށް ދިޔުމަށް އެ ރަށު ދޯންޏެއް ވެސް ވަނީ ފުރާފަ އެވެ. އެ ދޯންޏަށް ވެސް 00: 2 ހާއިރު ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ގާފަރުގެ އިރުމަތީ ފަރާތުން ކަމަށް. ނަމަވެސް އެއަށް ވުރެ ތަންކޮޅެއް ހުޅަނގަށް ދާން ޖެހިފައިވާ ކަމަށް މިހާރު މި އެނގެނީ. ދޯންޏަށް އެ ހިސާބަށް ދެވުނީމަ އިތުރު އެއްޗެއް ސާފުވާ ވަރު ވާނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ