އެއް ރަށުން އައިސްކްރީމް ބޯލައިގެން އަނެއް ރަށަށް އާދެވޭ ވަރަށް ދަތުރުފަތުރުގެ ނިޒާމް ތަރައްގީވެގެންދާނެ: ރައީސް ނަޝީދު

ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފަށާފައިވާ ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެއް ރަށުގައި ހުރި މީހާ އަނެއް ރަށަށް ގޮސް އައިސްކްރީމެއް ބޯލައިގެން އެ ދުވަހު ރަށަށް އެނބުރި އާދެވޭ ފެންވަރަށް އެ ނިޒާމް ތަރައްގީވެގެންދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މައިޒާން އަލިމަނިކުގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުއްވައިދެއްވުމަށް ވަޑައިގެންނެވި މަގުމަތީގައި ހުޅުމާލޭ ފެރީޓާމިނަލް ކައިރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރުގެ ނިޒާމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމުގެ ފަސޭހަކަން އެތައް ބަޔަކަށް މިހާރު ލިބެމުން އަންނަ ކަމަށެވެ. އެ ގޮތުން އަސާސީ ފެންވަރުގައި މިހާރު ދެމުން އަންނަ ހިދުމަތުގެ ދަށުން މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތްދޭ ފެންވަރު އެއް ޕްރޮވިންސަށް ވުރެ އަނެއް ޕްރޮވިންސްގައި ހީނަރުވެދާނެ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތް ތަރައްގީކޮށް ފުރިހަމަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ދުވަހެއް ދުވަހަކަށް ވުރެ ތަރައްގީވެ ފުރިހަމަވަމުންދާ ކަމަށެވެ. އަދި އެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ފެންވަރު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމުގެ ހިދުމަތް ސަރުކާރުން ލަފާކުރި މުއްދަތަށް ވުރެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި އެ ނިޒާމު ތައާރަފުކުރުމުގެ ކުރިން އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑު ހުރަހެއް އެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު ތައާރަފުކުރުމަށް ކުރީގެ ސަރުކާރުން ވެސް ވަރަށް ގިނަ ދިރާސާތަކެއްކޮށް އަދި ބޭރުގެ އެކި ފަރާތްތަކުން ލޯނު ވެސް ނަގާފައި އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ