ޕްލޭނިން ކައުންސިލުން ދިން ބައެއް ރަށްތައް އެމްޑީޕީ ފަރާތްތަކަށް

ބިޑަށް ނުލައި ރިސޯޓް ތަރައްގީކުރުމަށް، ނޭޝަނަލް ޕްލޭނިން ކައުންސިލުން ދިން ރަށްތައް ލިބުނު ފަރާތްތަކުގެ ނަންތައް އާންމުވިއިރު، އޭގެ ތެރޭގައި އެމްޑީޕީގައި އިސްކޮށް އުޅޭ ބައެއް ފަރާތްތައް ވެސް ހިމެނިއްޖެ އެވެ.
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މަޝްރޫއުތަކާ އެކު ރިސޯޓް ހެދުމަށް ރަށްތައް ދޫކޮށްފައި ވަނީ ފެނާއި ނަރުދަމާގެ ހިދުމަތްދިނުމަށް އެއްބަސްވެފައިވާ ދިހަ ފަރާތަކަށް ދިހަ ރަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އޭރުގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހައިފާ ނައީމް ސޮއިކުރައްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިހާތަނަށް ސަރުކާރުން ޖޮއިންޓްވެންޗާ ކުންފުނި ހަދާފައިވާ ފަރާތްތަކުގެ ލިސްޓެއް ފޮނުވައިފަ އެވެ.
އެ ލިސްޓުގައި ވަނީ ނ. ހޮޅުދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް އެއްބަސްވި މުނި އެންޓަޕްރައިސަސް އަށް ނ. ލޯފަރު، ފ. މަގޫދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހުށަހެޅި މައި ޓްރެވަލްސް މޯލްޑިވްސް އަށް އދ. ތެލުވެލިގާ، ކ. ގާފަރުގައި ނަރުދަމާ ގާއިމުކުރުމަށް އެއްބަސްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް އިބްރާހިމް މުހައްމަދަށް ކ. އަކިރިފުށްޓެވެ. މީގެ އިތުރުން ނ. ވެލިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް އެއްބަސްވި ރިޖްވޫޑް ޕްރައިވެޓް ލިމިޓެޑަށް ނ. ކުރެދިވަރު، ބ. ހިތާދޫ އާއި ކުޑަރިކިލުގައި ފެނުގެ ހިދުމަތް ދިނުމަށް ހުށަހެޅި އިސްމާއިލް ޝަފީއު (ސްޓެޓިކް އިއްސޭ) އަށް ބ. ދިގުފަރުވިނަގަނޑު ވެސް ހިމެނެ އެވެ. އަދި ހދ. ނޮޅިވަރަމްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށާއި ނޭކުރެންދޫގައި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ހުށަހެޅި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ނ. އޮއިވަރު އަދި އދ. މާމިގިލީ އާއި ކާށިދޫގައި ފެނުގެ ހިދުމަތް ދިނުމަށް ހުށަހެޅި އެމްޑީޕީގެ އެކްޓިވިސްޓް ޝަފީގް އިބްރާހިމް (މާމިގިލީ ޝަފީގް) އަށް އދ. ހުރުއެޅި ވެސް ވަނީ ދީފަ އެވެ.
ޕްލޭނިން ކައުންސިލުން ދިން ރަށްތަކުގެ ތެރޭގައި ރ. މަޑުއްވަރީގައި ނަރުދަމާގެ ހިދުމަތް ދިނުމަށް ހުށަހެޅި އެމްޑީޕީގެ އިންތިޒާމް ސެކްރެޓަރީ ފާތިމަތު ޝިއުނާ އަށް ބ. ކެޔޮދޫ އަދި ހދ. ކުމުންދު އާއި ވައިކަރަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހުށަހަޅާފައިވާ ވިއާޖީ މޯލްޑިވްސް އަށް ފ. ހިމިތި އަދި ތ. ކިނބިދު އާއި އޮމަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހުށަހަޅާފައިވާ މެލޭޝިއާގައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ޒަކީ އަށް ތ. ކުރެދިފަރު ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު، ޓޫރިޒަމްގެ މަސައްކަތްތައް ކުރުމަށް ރަށްތައް ދޫކޮށްފައި ވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.
"ޓޫރިޒަމްގެ ގާނޫނުގައި ވަރަށް ސަރީހަކޮށް އެބަ ބަޔާންކުރޭ ޓޫރިޒަމަށް ރަށްތައް ތަރައްގީ ކުރަން ޖެހޭނީ، ބިޑްކޮށްގެން، ބިޑް އުސޫލުގެ ދަށުން އަދި ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓްރީއާ އެގްރީމަންޓް ކުރެވިގެން. ހައުސިން އަށް އެހާ ބޮޑަށް ޕްލޭން ނުކުރެވި، ދެ ތިން ގޮތަކަށް ރަށްތައް ދޫކޮށްފައި އެބަހުރި. އެއީ ލަގްޒަރީ ވިލާގެ ގޮތުގަ އާއި އަދި އެހެންމެ ލަގްޒަރީ ވިލާ އަށް ދޫކުރާއިރު ބައެއް ބޭފުޅުންނަށް ފަޅުރަށް ދެއްވާއިރު އެ ފަޅުރަށުގެ އެއް ބަޔަކީ ދަނޑުވެރިކަން އަނެއް ބަޔަކީ ލަގްޒަރީ ވިލާ،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯފެން ނުވަތަ ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭތީ، ނެޝަނަލް ޕްލޭނިން ކައުންސިލް އިން ވެސް ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތައް ދޫކުރުމުގެ ދައުރެއް ވަނީ އަދާކޮށްފަ އެވެ. އަދި އެވޯޑިން ލެޓާގެ ގޮތުގައި 400 ސިޓީ ދޫކޮށްފައިވާއިރު، އެގްރީމަންޓް ކޮށްފައި ވަނީ ގާތްގަނޑަކަށް 10 ފަރާތަކާ އެކު ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އެގްރީމަންޓުގައި ބުނާ ކަންތައްތައް މިހާތަނަށް އެއްވެސް ފަރާތަކަށް ކުރެވިފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއްވެސް ޕްލޭނެއް ނެތި، ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތައް ދޫކުރުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަން މިހާރު ވަރަށް އުނދަގޫވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެޓާނީ ޖެނެރަލް އާއި އަދި އެހެންމެ އޮޑިޓަ ޖެނެރަލާއި އޭސީސީއާ ބައްދަލުކޮށް އެ ބޭފުޅުންގެ އޮޕީނިއަންސް ނަގައިގެން، ގާނޫނާއި ގަވާއިދުގެ ތެރެއިން ހެދިފައި ހުރި އެގްރީމަންޓްތަކަށް އޮނާ ކުރާނަން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓޫރިޒަމް މާސްޓަ ޕްލޭނަށް އަނބުރާ އެބަ ދާން ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި މާސްޓަ ޕްލޭނެއް އެކުލަވާލަން އެބަ ޖެހޭ. ސަޕްލައި ކޮންޓްރޯލްވާން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ