ޔާމީން، ފުލުހުންގެ ތަހުގީގަށް މާލެ ގެނެސްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ ތަހުގީގަކަށް މިއަދު މާލެ ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔާމީން މާލެ ގެނައީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި ސުވާލުކޮށް، ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ.
ފުލުހުންގެ އިދާރާގައި މިވަގުތު ވެސް ޔާމީން ހުންނެވިއިރު، އެ މަނިކުފާނާ ސުވާލުކުރުން ނިމޭނެ ވަކި އިރެއް ނޭނގޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި ފުލުހުންގެ ތަހުގީގުގެ މިއަދުގެ ބައި ނިމުމާއެކު، ޔާމީން އަނބުރާ ގެންދަާނީ މާފުށީ ޖަލަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ޔާމީން، މާލެ ގެންނަ ގޮތަށް ހަމަޖެއްސި އެވެ. އެ ދުވަހު ނިންމީ ތަހުގީގުގައި ޔާމީނާ ސުވާލު ކުރުމަށް ފަހު، ހަތަރު ގަޑިއިރަށް އެ މަނިކުފާނު ގެކޮޅަށް ގެންދިއުމަށެވެ. އެކަމަކު އެ ދުވަހު، މާލެ ގެނައުމަށް ނިންމި ނިންމުން ފަހު ވަގުތު ކެންސަލްކުރީ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ވެސް ފުލުހުންގެ އިދާރާ އަށް ޔާމީންް ހާޒިރުކުރި އެވެ. އެ ދުވަހު ހާޒިރުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އިތުރު ރަށެއްގެ މައުލޫމާތުތަކާ ބެހޭގޮތުން ސުވާލު ކުރުމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ވެސް ކުރި އެވެ. އެކަމަކު އެ ކޯޓުން ވެސް ނިންމާފައި ވަނީ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދެމެހެއްޓުމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެ މަނިކުފާނު ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ