ހައްޔަރުގައި ތިބި ކުރީގެ ފުލުހުން ގޭ ބަންދަށް ބަދަލު ކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި އެސްއޯ ފުލުހުން ޝަރީއަތް ނިމެންދެން ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
އެބޭފުޅުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފައިވަނީ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުންނެވެ. ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އެ 30 ދުވަސް ހަމަވާއިރު ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭ ނަމަ ކޯޓަށް ހާޒިރުކޮށް ބަންދާ މެދު އިތުރު ގޮތެއް އަނެއްކާވެސް ކަނޑައަޅާނެ އެވެ.
ހައްޔަރުގައި ތިބި އެސްއޯ ފުލުހުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ރުހުމަކާ ނުލައި އެ ފުލުހުންގެ ބޯ ބާލާފައިވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންޓި ޓޯޗާގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ އެބޭފުޅުންގެ ވަކީލުން ވަނީ ފުލުހަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
ވަކީލް ނާޒިމް ސައްތާރު "އަވަސް" އަށް ވިދާޅުވީ، މިއަދުގެ ޝަރީއަތުގައި ވެސް އެބޭފުޅުންގެ ބޯ ބާލާފައިވާ މައްސަލަ ފާހަގަކުރެއްވި ކަމަށެވެ. އެފަދަ އަމަލެއް މީހެއްގެ ނުރުހުމުގައި ހިންގިގެން ނުވާނެ ކަމަށް ދައުލަތުންވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަާ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ އިތުރު ބަޔަކާއި ބައިވެރިވެގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ގާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާމެދު އިތުބާރު ގެއްލުވާލަން އުޅުނުކަމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ