ދަމާސްގެ މުވައްޒަފުންނަށް ހެލްތް ސްކްރީނިން ޕްރޮގްރާމެއް ހިންގައިފި

ދަމާސް ކުންފުނީގެ މުވައްޒަފުންގެ ސިއްހީ ހާލަތު ހުރި ގޮތް ބެލުމަށް ދަމާސް ކުންފުނިން އިސްނަގައިގެން ދަމަނަވެއްޓާ ގުޅިގެން ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ދަމަނަވެށީގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއަ މި ޕްރޮގްރާމްގައި ދަމާސްގެ 207 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ވީނިއުސްއަށް މައުލޫމާތުދެއްވަމުން ދަމާސް ކުންފުނީގެ އިސް މުވައްޒަފަކު ވިދާޅުވީ މި ހަރަކާތަކީ މުވައްޒަފުންގެ ދުޅަހެޔޮކަން ދެނެގަތުން ކަމަށެވެ. އަދި މުވައްޒަފުންގެ ސިއްހީ ހާލަތު މިހާރު ހުރި ގޮތް ބެލުމަށްފަހު މައްސަލައެއް ހުރިނަމަ އިތުރު ފަރުވާ ހޯދައިދިނުމުގެ ފުރުސަތުވެސް ދަމާސްއިން ހަމަޖައްސައިދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން މި ސްކްރީނިންގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރެއްކަމަށްވާ ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ މި ސްކްރީންގައި އެމީހެއްގެ ހުންނަ ސިއްހީ މައްސަލަތައް ދެނެގަތުމަށް ޓެސްޓުތަކެއް ހަދާނެ ކަމުގައެވެ. އަދި މި މައްސަލަތައް ދެނެގަނެ އެ ކަންކަމަށް އިތުރުފަރުވާ ހޯދުމަށް ދެން ކުރަންޖެހޭ ކަންކަމުގެ ލަފާދޭނެ ކަމުގައެވެ.
މީގެ އިތުރަށް ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރުވާކަން ފާހަގަކުރައްވައި ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ މި ސްކްރީންގެ ތެރެއިން އެކަންކަންވެސް ފާހަގަކުރެވިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ