ބިދޭސީންގެ ޑިޕޮސިޓް ފައިސާ އާއި ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑްގެ ފައިސާ އޭގެ ހައްގުވެރިންނަށް މިހާރު ނުލިބޭ ކަމަށް ބުނެ ލޭބަރ ޕާޓީން އޭސީސީ އަށް ހުށަހަޅައިފި

ސަރުކާރުގެ ބެލުމުގެ ދަށުގައި ބިދޭސީން ބަހައްޓާ ޑިޕޮސިޓް ފައިސާ އާއި ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑްގެ ފައިސާ އޭގެ ހައްގުވެރިންނަށް މިހާރު ނުލިބޭ ކަމަށް ބުނެ ލޭބަރ ޕާޓީން އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.ލޭބަރ ޕާޓީން  ފޮނުވި ދެ ސިޓީގައި ބުނެފައި ވަނީ ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓަމުން އަންނަ ޑިޕޮސިޓް ފައިސާގެ އަދަދު އެތައް މިލިއަން ފުރިޔާއަކަށް އަރައިގެން އަންނައިރުވެސް، އިމިގްރޭޝަން ޑިޕާޓްމަންޓުންނާއި ހިއުމަން ރިސޯސް މިނިސްޓްރީން ވެސް އެ ފައިސާ އޭގެ ހައްގުވެރިންނަށް ލިބޭނެ މަގު ތަނަވަސްކޮށްދީފައި ނުވުމުން ރާއްޖެއިން ފުރުވާލަންޖެހޭ ބިދޭސީންނާއި ފުރަން ބޭނުންވެފައިވާ ތިބި ބިދޭސީނަށް އެ މީހުންގެ ގައުމަށް ނުދެވި ރާއްޖޭގައި މަޑުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ބިދޭސީ ލޭބަރުންގެ ޑިޕޮސިޓް ފައިސާގެ ހިއުމަން ރިސޯސް މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައިވޭތޯ އާއި އެ ފައިސާ އިން ކުރަންޖެހޭ ހަރަދުތައް ނުކުރެވި ހިފަހައްޓާފައި ވަނީ ކޮން ސަބަބަކާ ހުރެތޯ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.ސަރުކާރު މުވައްޒަފުންގެ ތެރެއިން ޕްރޮވިޑެންޓް ފަންޑްގެ ބައިވެރީންނަށް އެންގުމަކާ ނުލައި އެ ފަންޑް އުވާލައި، ސަރުކާރުން އަޑުފަތުރަމުންދާ ދުވަސްކޮޅެއްގައި އެ ފަންޑުން ފައިސާ ހޯދަން ބޭނުންވާ ފާރާތްތަކަށް މިހާރަކަށް އައިސް ފައިސާ ނުލިބޭ ކަމަށާއި ސަރުކާރުން އެކަން ކުރަމުން ގެންދަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށްތޯ ބަލައިދިނުމަށް ވެސް ލޭބަރ ޕާޓީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ