ދިރާގުން ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ދެނީ

ދިރާގުން ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ދިނުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓާއެއް ދޭން ނިންމީ ކޮވިޑް 19އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓުގެ ބޭނުން މުހިއްމު ވެފައިވާތީ ކަމަށެވެ.
އޭގެ އިތުރުން އެ ނިންމުމަކީ ސްކޫލް، ކޮލެޖު އަދި ގިނަ އޮފީސްތައް ބަންދު ކޮށްފައިވާއިރު، އޮންލައިން ކްލާސްތަކާއި ގޭގައި މަސައްކަތް ކުރުމުގެ އިތުރުން އާއިލާއާއެކު މުނިފޫހިފިލުމަށް ވެސް އިންޓަނެޓް ބޭނުން ކުރުމަށް ލުޔެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މިމަހުގެ އިތުރުން އަންނަ މަހު ވެސް އެކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓާ އެއް ދޭނެ ކަމަށް ދިރާގުން ބުނެއެވެ.
ހިލޭ ދިނުމަށް ހަމަޖައްސާފައިވާ 10 ޖީބީ ބޭނުންވާ ފަރާތްތަކަށް https://portal.dhivehinet.net.mv/home މެދުވެރިކޮށް މި ބޫސްޓާ އެކްޓިވޭޓު ކުރެވޭނެއެވެ. އަދި އިންޓަނެޓު ބޭނުން ކުރެވޭ ވަރު ބެލުމަށް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓު ކުރެވޭނެއެވެ.
ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދިރާގު ހޯމް ފިކްސްޑް ބުރޯޑްބޭންޑުގެ ހުރިހާ އެޑް އޮންތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ކުރިއަށް އޮތް ތިން މަސް ދުވަހު ނުނަގާ ގޮތަށް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ