ކޮވިޑު-19: 860،000 މީހުންނަށް ވައިރަސް ޖެހި 42،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 860،000 އަށްވުރެ މައްޗަށް އަރައިފިއެވެ.ހިސާބުތަކުން ދައްކާގޮތުން މިއަދުގެ ނިޔަލަށް 851،000 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 42،000 މީހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވެފައެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ. މިގޮތުން އެ ޤައުމުގައި 105،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 12،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެންމެ ގިނަ އަދަދަކަށް ކޮވިޑު-19 ޖެހިފައިވަނީ އެމެރިކާ މީހުންނަށެވެ. އެ ޤައުމުގައި 188،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 4055 މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި 100،000 އަށްވުރެ ގިނަ މީހުން ކޮވިޑު-19 ޖެހިގެން މަރުވެދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ސިއްހީ މާހިރުންވަނީ ދީފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ކޮވިޑު-19 ޖެހިފައިވަނީ ސްޕެއިންގެ މީހުންނަށެވެ. މިގޮތުން ސްޕެއިންގައި 95،000 އަށްވުރެ ގިނަ އިންފެކްޝަން ރިޕޯޓު ކުރެވިފައިވާއިރު 8000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޔޫރަޕުގެ އެހެން ޤައުމުތައް ކަމަށްވާ ފްރާންސް އަދި ޖަރުމަނުގައިވެސް ކޮވިޑު-19 ދަނީ ފެތުރެމުންނެވެ. ނަމަވެސް މި ދެ ޤައުމުގައި މަރުވަމުންދާ މީހުން ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. އޭޝިއާގެ ޤައުމުތަކަށް ބަލާއިރު އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާގައި މި ބަލި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އަދި އާންމު ހާލަތަށް ޗައިނާގެ ގިނަ ހިސާބުތައް މިހާރު ދަނީ މަޑުމަޑުން ރުޖޫއަވަމުންނެވެ. ނަމަވެސް ދެކުނު އޭޝިޔާގެ ޤައުމުތައް ކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގައި ވަރަށް ގަދައަށް ކޮވިޑު-19 ދަނީ ފެތުރެމުންނެވެ. މިގޮތުން އިންޑިއާގައި 1500 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު ޕާކިސްތާނުގައި 2042 މީހަކަށް ވަނީ ކޮވިޑު-19 ޖެހިފައެވެ. ތަޖުރިބާކާރުން ލަފާ ކުރާގޮތުގައި މި ދެ ޤައުމުގައިވެސް އަސްލު މި ބަލި ޖެހުނު މީހުންގެ އަދަދު މިއަށްވުރެ ގިނަވާނެއެވެ. އެފްރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކަށް ބަލާއިރު ކޮވިޑު-19 އަދި ފެނިފައިވަނީ ވަރަށް މަދުންނެވެ. ނަމަވެސް އެ ސަރަހައްދުތަކުގައި ވެސް ގިނަ އަދަދަކަށް މީހުންނަށް މި ބަލި ޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިންވެސް ވަނީ ލަފާކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ