ކޮންމެ ހާލަތެއްގައިވެސް މަޖިލިސް ބޭއްވޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކޮންމެ ހާލަތެެއްގައިވެސް ހުޅުވޭ ގޮތަށް ޖަލްސާތައް ބުދަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިކަން އިއުލާން ކުރެއްވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ވެސް 1 ހަފްތާއަށް ބަންދުކުރަން ނިންމާފައިވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބަންދުކުރަނީ ސަރުކާރު ނޫން ކަމަށާއި ބަންދު ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އޭވިއޭޝަންގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރަށް އެކިއެކި ޕޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިހުގެ ގަވާއިދުގެ 247 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިޚްތިޔާރު މަޖިލިހުގެ ރިޔާސަތަށް ލިބޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އެބާރު ރިޔާސަތަށް ދީފައިވަނީ މަޖިލިހަށް ލިބިދާނެ ގެއްލުމަކުން މަޖިލިސް ސަލާމަތް ކުރުމަށް ކަމަށެވެ.
މަޖިލިހުގެ ޖަލްސާތަަކަށް ކޮންމެ ވަގުތެއްގައިވެސް ގޮވާލަންޖެހިދާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަކަށް ކޮންމެ ވަގުތެއްގައި ގޮވާލި ނަމަވެސް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވޭނެ ފަދަ ގޮތަކަށް ތިއްބަވަން ޖެހޭނެ ކަމަށެވެ. އެކަމަކު މަޖިލިހުގެ މުވައްޒަފުންނާއި މަޖިލިހުގެ ގިނަ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންވެސް މަޑުކުރައްވާނީ ގޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިމައްސަލައިގައި މެމްބަރުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ގިނަ މެމްމަބަރުން ތާއީދު ކުރެއްވީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެއްގޮތަށް މިވަގުތު މަޖިލިސް މެދުކަނޑާލުމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ސަރުކާރުން ނިންމަވާފައިވާ ނިންމުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅުތަކުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި މަޖިލިހުގެ ކަންކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިދާނެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މަޖިލިހުގައި 5000 މީހުން ތަމްސީލުކުރައްވާ އިރު އެ ރައްޔިތުންގެ ހައްގުތަކެއް ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.
ޖަލްސާތައް މެނދުކަނޑާލުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދޅުވީ ސަރުކާރުގެ ނިންމެވުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި މަޖިލިސްވެސް 1 ހަފްތާއަށް ބަންދުކުރަން ތާއީދުކުރައްވާ ކަމަށެވެ.
ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ އަދި ރައްޔިތުންނަށް ދެ ފުށްފެންނަން ޖެހޭނެ ފިޔަވަޅުތަކެއް ކަމަށްވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ