ހަސަން އަބޫބަކުރުގެ މަރުގެ ޝަރީއަތް ކެންސަލްކޮށްފި

ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިޚް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހަސަން އަބޫބަކުރު މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލްގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންނަށް ޗިޓް ރައްދު ނުކުރެވޭތީ ކަމަށެވެ.
"ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންނަށް ޗިޓް ރައްދު ނުކުރެވޭތީ،" މަނިކު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފަ އެވެ. ނަމަވެސް އެ ހެކިތަކުގެ ތެރޭގައި އެ ދެ މީހުން ކުށުގެ ވެށިން ފެނުނު އެއްވެސް މީހަކު ނެތެވެ.
އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިތުރު ހެކި ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.
ދައުލަތުން ފައިސަލް އާއި ނައުޝާދުގެ މައްޗަށް ކުރި ދައުވާގައި ބުނަނީ އެ ދެ މީހުން އިތުރު މީހަކާ ބައިވެރިވެގެން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާ އިރު ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެ އިން ވައްކަން ކުރުމަށް ރާވައި، ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ. ތިން މީހުން އެގެއަށް ވަނުމަށް ފަހު ހަސަން އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އަނެއް މީހާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިއުލެޝަން ޓޭޕުން ދެއަތް ބަދެފައިވާ ކަމަށާއި އެ މީހުންގެ އެ އަމަލުތަކުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.
އެ ދެ މީހުންނާ ބައިވެރިވެގެން ހަސަން އަބޫބަކުރު ގަސްތުގައި މަރާލާފައިވާ ކަމަށް ބުނެ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ އެ ދައުވާ އެކުއްޖާގެ މައްޗަށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ