އިސްތިއުފާ ދެއްވި 7 ފެބްރުއަރީއަކީ ތެލުގެ ވައްކަމާ ގުުޅޭ ރިޕޯޓު ނެރެން އޮތް ދުވަސް: ރައީސް ނަޝީދު

ސިންގަޕޫރުގައި ހުރި އެސްޓީއޯގެ ގޮތްޕެއް މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިކުރި ހިންގި ކަމަށް ތުހުމަތުކޮށް ބޭރުގެ އެކައުންޓިން ފާމެއް މެދުވެރިކޮށް ހިންގި ތަޙުޤީޤުގެ ރިޕޯޓު ނެރެން އޮތް ދުވަހަކީ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި 7 ފެބްރުއަރީ 2012 ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މަޖިލިހުގެ  މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. މިއަދު ފަލާހު ހުށަހެޅުއްވި މައްސަލައަކީ ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ވެރިކަމުގައި އެސްޓީއޯ ސިންގަޕޫރު ކުންފުނިން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ރިޕޯޓެއް ބައިލަވައިގަނެ ފޮރުއްވި ކަމުގެ ތުހުމަތެވެ. އަދި އެރިޕޯޓު ބައްލަވައިގަތީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝުކޫރާއި، ކުރީގެ މާލީވަޒީރު އަދި ފަހުން ނައިބުރައީސްގެ މަޤާމުގައި ހުންނެވި ޖިހާދާއި، އެމްއެމްއޭގެ އެއިރުގެ ގަވަރުނަރު ފަޒީލް ނަޖީބުގެ ބައިވެރިވެވަޑައިގަތުމާއެކު ކަމުގައި މިހުށަހެޅުމުގައި ތުހުމަތުކޮށްފައިވެއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ގްރާންޓް ތޯޓަން އިންޓާނޭޝަނަލް ކިޔާ ކުންފުންޏަކާ އެކަންކަން ބަލަން ހަވާލުކުރީ 2010 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައެވެ. އެކުންފުންޏާ ދިވެހި ސަރުކާރުގެ މެދުގައި ވެވުނު އެއްބަސްވުމަކީ އެކުންފުނިން ހިލޭ ސާބަހަށް އެމަސައްކަތް ކުރުމަށް ކަމުގައާއި، އެކުންފުނިން ހިންގާ މަސައްކަތުން ދިވެހި ދައުލަތުން ގެއްލުނު ފައިސާ ހޯދިއްޖެނަމަ، އެފައިސާގެ 10% އެކުންފުންޏަށް ދިނުމަށް އެއްބަސްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް އެނޫން ގޮތަކަށް އެކުންފުނިން ކުރަމުން އައި މަސައްކަތް ހުއްޓައިލާނަމަ، ދިވެހި ދައުލަތުން 10 މިލިއަން ޑޮލަރު ދޭންޖެހޭ ގޮތަށް އެއްބަސްވެފައިވާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. "ޙަޤީޤަތުގައި 7 ފެބްރުއަރީވަނަ ދުވަހަކީ އެރިޕޯޓު ނެރެން އޮތް ދުވަސް" ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ. މީގެ ކުރިންވެސް އެކިއެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އޮތީ 7 ފެބްރުއަރީގައި ކަމަށް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ވިދާޅުވެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ