ބަރުލަމާނީގެ މަސައްކަތް ކުރަނީ ރައީސްއާ މަޝްވަރާކޮށްގެން: ރައީސް ނަޝީދު

ބަރުލަމާނީ މަސައްކަތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކޭނީ ރައީސް ސޯލިހާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މެއި 6 ގައި ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެމަނިކުފާނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމު ގެންނަން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު އަމާޒުވި އެވެ.އެ ސުވާލާ ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވާނީ ރައީސް ސޯލިހާ ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ."އެހެންވެ މި މައުޟޫއުގައި އިތުރަށް އެއްޗެއް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއާ އެކަމާ ގުޅޭ ގޮތުން ފުރިހަމަ އަށް މަޝްވަރާކޮށްފައި. އެހެން ނޫސްވެރިއަކު ވެސް އަޅުގަނޑު ގާތުގައި އެ މައުޟޫއުގައި ސުވާލެއް ކުރައްވައިފި ނަމަ، އަޅުގަނޑު އަނެއްކާ ވެސް ތަކުރާރު ކުރާނީ މި ޖަވާބު،" ނިޒަމާ ގުޅޭ އިތުރު ވާހަކައެއް ނުދައްކަވާނެ ކަމަށް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.ނިޒާމު ބަދަލުކުރުމުގެ ހިޔާލުތަފާތުވުމުގެ ތެރެއިން، ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު އިތުރަށް ހުރެވެން ނެތް ކަމަށް ވެސް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.ނަމަވެސް، އޭގެ ފަހުން ދެ ރައީސުންގެ ކޯޅުން މައިތިރިވެފައިވާ ކަމުގެ މަލަމަތި ފެންނަން ފަށާފައިވާއިރު އެކަމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދަށް މިއަދު ސުވާލެއް އަމާޒުވި އެވެ.އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ނަޝީދު ވިދާޅުވީ އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާއާ ނުވަތަ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވާހަކަ ނުދައްކާ ހުންނެވުމުގެ ވިސްނުމެއް ނޫނީ ނިޔަތެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ދަނީ ކުރަމުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ޓީމުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ