ރަކީދޫއަކީ އާބާދީ ކުޑަވުމުން ބާކީކޮށްލާފައިވާ ރަށެއް!

ވ. ރަކީދޫ އަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ކަމަށްވާތީ ހުރިހާ ސަރުކާރު ތަކަކުން ވެސް އެރަށް ވަނީ ވަރަށް ބޮޑަށް ބާކީ ކޮށްލާފައި ކަމަށް ރަކީދޫ ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ ރަކީދޫ އަކީ އާބާދީ ވަރަށް ކުޑަ ރަށަކަށް ވުމުގެ ސަބަބުން އެންމެ އަސާސީ ހިދްމަތްތަކުން ވެސް އެރަށް ވަނީ ވަރަށް ބޮޑަށް މަހްރޫމް ކުރެވިފައި ކަމަަަށެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ރަކީދޫގައި ތައުލީމީ ހިދްމަތް ފޯރުކޮށްދޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި 2007 ވަނަ އަހަރުން ފެށިގެން ސްކޫލް ވަނީ ބަންދުކޮށްފައި ކަމަށްވެސް ސާމީ ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އޭގެ ފަހުން އައި ހުރިހާ ސަރުކާރުތަކަކަށް މި މައްސަލަ ވާނީ ހުށަހަޅާފައި ކަމަށާއި ނަމަވެސް އެއްވެސް ސަރުކާރަކުން މިކަމަށް އެއްވެސް ކަހަލަ އަޅާލުމެއް ދީފައި ނުވާ ކަމަށްވެސް ސާމީ ވިދާޅުވި އެވެ. އެއްވެސް ބަޖެޓެއްގައި މިކަމަށް ހައްލެއް ހޯދައިދިނުމަށް އެއްވެސް މިންވަރެއް މިވީހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އާބާދީގެ ގޮތުން ކުޑަ ރަށަކަށް ރަކީދޫ ވުމަކީ މިރަށް މިގޮތަށް އެކަހެރި ވެފައި އޮތުމަށް މެދުވެރި ވާންޖެހޭ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ސާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވި ފަހުންވެސް ރަކީދޫގެ މައްސަލަތައް ފާހަގަކޮށް ރައީސް އޮފީހަށް ދެފަހަރު މަތިން ސިޓީ ފޮނުއްވާފައިވާނޭ ކަމަށެވެ. ދެވަނަ ސިޓީ ފޮނުވި ފަހުން މިހާރު 11 ވަރަކަށް ދުވަސްވީ ނަމަވެސް އަދިވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަންވެސް ސާމީ ވަނީ ފާހގަކުރައްވާފަ އެވެ.
ސާމީ ވިދާޅުވީ 2007 ވަނަ އަަހަރާ ހަމައަށް ރަކީދޫ ސްކޫލްގައި ގްރޭޑް ހަތަކާ ހަމައަށް ކިޔަވައިދެމުން އައި ކަމުގައިވީ ނަމަވެސް އޭގެ ފަހުން އެރަަށުގައި ތައުލީމު ލިބޭނެ އެއްވެސް ގޮތެއް ހަމަޖެހިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް 2010 ވަނަ އަަހަރު 14 ކުދިންނާއެކު ޕްރީސްކޫލެއް ހިންގަން ފެށުނު ކަމަށާއި އެކަމަކު ކުދިން މަދުވުމުގެ ސަބަބުން ޕްރީސްކޫލު ވެސް ހުއްޓާލަން ޖެހިފައިވާ ކަމަށްވެސް ސާމީ ވިދާޅުވި އެވެ.
ރަކީދޫގެ ރައްޔިތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒަންވެރިވެ ދަރިންނަށް ތައުލީމް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރަށުގެ ޖުމްލަ އާބާދީއަކީ 372 މީހުން ކަމުގައިވިޔަސް މީހުން މަދުވުމުގެ ސަބަބުން ރަށުގެ ގިނަ ގެތަކެއް ފަޅުވެ، ރަށުގައި މިހާރު ދިރިއުޅެމުންދަނީ ގާތްގަނޑަކަށް އެންމެ 60 މީހުން ކަމަށްވެސް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ