އައްޑޫގެ ތަރައްގީގެ ވަސީލަތަކަށް މަޖިލިސް ހެދުމަކީ އަމާޒެއް: ނަޝީދު

އައްޑޫ ސިޓީގެ ތަރައްގީގެ ވަސީލަތަކަށް ކުރިއަށް އޮތް 19 ވަނަ މަޖިލިސް ހެދުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަލްފާގައި ވާހަކަދައްކަވަމުންނެވެ.
މިރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޖަޒީރާ އައްޑޫ ސިޓީ އެއް ބިނާކުރުމުގެ ތަސައްވަރު އެމްޑީޕީ އަށް ވަރަށް ސާފު ކަމަށާއި އެގޮތުން އެޕާޓީގެ ކޮންމެ މެނިފެސްޓޯއެއްގައި ވެސް އައްޑޫގެ ތަރައްގީ މިސްރާބު ހިފާނެ ގޮތާއި އެ މިސްރާބުގައި ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީ އަށް މީގެކުރީގެ އެއްވެސް ސަރުކާރަކުން ދުވަހަކުވެސް ހަރަދު ނުކުރާ މިންވަރަށް އަދި ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެއީ އެމްޑީޕީ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"19 ވަނަ މަޖިލީހަށް އެމްޑީޕީ ކުރިމަތިލާއިރު، އެ މަޖިލީހަކީ އައްޑޫގެ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީގެ އަމާޒެއް. އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށް ބޮޑު މިސްރާބެއް. އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުުގައި ތަރައްގީ އަކީ ވަކި ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވުމުން އިންސާނާ އަށް އަންނަ ބަދަލެއް ކަމަށާއި އެ ބަދަލު އަންނަނީ ވަކި ބާވަތެއްގެ މަސައްކަތްތަކެއް ކުރެވުމުން ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުޅާ މިނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހިންގޭނެ ގާނޫނީ އޮނިގަނޑެއް އޮތުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމު ފުރިހަމަވެގެން އަންނައިރު އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް އެ ސިޓީގެ ކައުންސިލަށް ލިބިދޭންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ސިޓީގެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނެންޖެހޭ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބީލަން ނެރުމުގެ ބާރު. އަދި އެ ބީލަން ނެރުމަށްފަހު ކޮންޓްރެކްޓް ދޭނެ ފަރާތެއް ނިންމާ، އެ ފަރާތަކަށް ކޮންޓްރެކްޓެއް ދީ އެ ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ކުރުމަށް ބާރު އަޅާ ބެލެހެއްޓުމުގެ ބާރު އައްޑޫ ސިޓީ ކައުންސިލަށް ލިބިދޭންޖެހޭ. ސިޓީ ކައުންސިލަކީ ދަރަންޏަށް ޒިންމާވެވޭ އަދި ދަރަނި އަމިއްލަ އަށް ހޯދޭ އިދާރާއެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅަންޖެހޭ" ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވަނީ އައްޑޫގެ ބިމުގެ މިލްކުވެރި ފަރާތަކަށް އައްޑޫ ސިޓީ ކައުންސިލް ވާންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަަދި އައްޑޫ ސިޓީ ގަން އެއާޕޯޓު ތަރައްގީ ކުރެވިގެންދާއިރު ބޭރުގެ އަދި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންގެ ހިއްސާ އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެކަމުގައި ވެސް ސިޓީ ކައުންސިލްގެ ހިއްސާ ބޮޑުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ގަން އެއާޕޯޓަށް މިހާރަށް ވުރެ ގިނައިން ބޭރުގެ ފްލައިޓުތައް އަންނަންޖެހޭ ކަމަށާއި ކުރިއަށް އޮތް މަޖިލީހުން މަސައްކަތް ކުރަންޖެހޭނީ ބޭރުގެ އެއާލައިންތަކަށް ގަން އެއާޕޯޓަށް ފަސޭހައިން އާދެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މަޖިލިސް 19 ވެގެންދާނީ އައްޑޫ ގަން އެއާޕޯޓު ތަރައްގީ ވެފައިވާ އެއާޕޯޓަކަށްވެ، ބައިނަލްއަގުވާމީ އެއާޕޯޓަކަށްވެ، އެ އެއާޕޯޓަށް ވެސް އެއް މިލިއަން ފަތުރުވެރިން ޖެއްސުމުގެ ފަހިކަން ފޯރުކޮށްދޭ މަޖިލީހަކަށް" ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ވެސް މިރޭގެ ހަފްލާގައި ނަޝީދު ވަނީ އައްޑޫ ސިޓީ ކައުންސިލަށް ބާރުތަކެއް ދީގެން އެ ސިޓީގެ ތަރައްގީ އަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ