އިބުރާއާ ދެކޮޅަށް މުޒާހަރާ ކޮށްފި

އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ދައްކާކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް، އިބްރާއާއި ދެކޮޅަށް މިރޭ މާލޭގައި މުޒާހަރާ ކޮށްފިއެވެ.
ޒުވާނުންތަކެއް އެއްވެ މުޒާހަރާކޮށްފައިވަނީ މަޖީދީމަގުގައި މަންދު ކޮލެޖް ކުރިމަތީގައެވެ. މަންދު ކޮލެޖަކީ އިބްރާގެ މަސްލަހަތު އޮންނަ ތަނެކެވެ.
މުޒާހަރާގައި ބައިވެރިވި ޒުވާނުގެ ތެރޭގައި މައިގަނޑު ގޮތެއްގައިތިބީ މޯލްޑިވްސް ތާޑްވޭ ޓްމޮކްރޭޓްސް ޕާޓީގެ ހަރަކާތްތަކުން ފެންނަ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދިފާއުގައި މަސައްކަތްކުރާ ޒުވާނުންނެވެ. މިރޭގެ މުޒާހަރާގައި އިބުރާ ހައްޔަރުކުރުމަށް ގޮވާލުމުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފާޑުކިޔާ ލިޔެފައިވާ ޕޯސްޓަރުތައްވެސް ބޭނުން ކޮށްފައިވެއެވެ.
އިބުރާއާ ދެކޮޅަށް މިރޭ މުޒާހަރާ ކޮށްފައިވާއިރު، ރޭ އިބްރާވަނީ ފުލުސް އޮފީހަށްވެސް ހާޒިރުކޮށްފައެވެ. ފުލުހުންބުނީ އިބްރާ ފުލުސް އޮފީހަށް ހާޒިރުކުރީ މިހާރު ސޯޝަލް މީޑިއާގައި ނަފްރަތު އުފެދޭގޮތައް ދައްކާ ވާހަކަތަކާއި ގުޅިގެން ފުލުހުން ފިޔަވަޅުއަޅާ އުސޫލުގެ ދަށުން ކަމުގައެވެ.
މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ހިލާފް ވާހަކަތަކާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ވާހަކަތައްވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. އަދި އިބްރާ އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާ ހިލާފު ވާހަކަތައް ދައްކާކަމަށް ބުނެ ގިނަ ބަޔަކުވަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ނުވަތަ އެމްޑީޕީއާއި ގުޅުން އޮންނަ ބައެއް ފަރާތްތަކުން މި ފަހަކަށް އައިސް އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް އެކަމާ އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުގެންދާތީ ސަރުކާރަށާއި ފުލުހުންނަށްވެސްވަނީ ފާޑު ކިއުން އަމާޒުވެފައެވެ.
ލާދީނީ ވާހަކަތައް ދައްކާ މީހުންނަށް ފުލުހުން ފިޔަވަޅު ނާޅާތީ އެކަމާ ހިތާމަ ކުރައްވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ