ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ދައުރު ތަނަވަސްކޮށްދިނުމަށް ރައީސަށް އިލްތިމާސްކުރައްވައިފި

ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ހިދުމަތްކޮށްދިނުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުގައި މިދިޔަ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައިވާ އެސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހިދުމަތް ދިނުމަށް ޓަކައި ސަރުކާރުގެ މުށު ތެރެއިން ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި މިއަދު އެ ފުރުސަތު ލިބިވަޑައިގެންފައިވާ އިރު އެކަން ފުރިހަމަ ކޮށްދެއްވުމަށް އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ރާއްޖޭގައި ބްރޯޑްކާސްޓިން ފެށުނީއްސުރެ ދައުލަތުގެ މީޑިއާ އައީ، ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ދައުރު ވެސް އަދާކުރަމުންނެވެ. އެ ދުވަސްވަރަކީ، ބްރޯޑްކާސްޓިން އަށް ޤާނޫނެއްގެ ޙިމާޔަތާއި ބާރު، ލިބިފައިވާ ދުވަހެއް ނޫނެވެ. ނަމަވެސް، މިއަދު ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކަކާއި ގޮތްތަކެއް ކަނޑައެޅި، ޤައުމު ދަތުރު ކުރަމުން މިދަނީ، ފުރިހަމަ ޑިމޮކްރަސީއަކާ ދިމާލަށެވެ،" ބަދުރު ވިދާޅުވެފައިވެ އެވެ.
ބަދުރު ވިދާޅުވީ އެމްބީސީގެ ބޯޑުގައި ތިބީ ކޮން ބޭފުޅުންނެއްތޯ ނުބައްލަވައި ދައުލަތުގެ މީޑިއާ އެ ބޯޑާ ހަވާލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ބޯޑަކީ ޤާނޫނެއްގެ ދަށުން، ޤާނޫނަކުން ކަނޑައެޅިފައިވާ ކަންތައްތަކެއް ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން އުފައްދަވާފައިވާ ބޯޑަކަށްވާ އިރު އެ ބޯޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޤާނޫނީ ތަރަހައިގެ ތެރޭގައި މަސައްކަތްކުރާނެ ކަމުގެ އިތުބާރު ބޯޑަށް ދެއްވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް އެސިޓީގައި ބަދަރު ވިދާޅުވެފައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އިޖްތިމާއީ ފޭރާން ވަނީ ވީދިކުނޑިކުނޑިވެފައި ކަމަށާއި ދިވެހިންގެ ތެރޭގައި ކުރީއްސުރެ ހިނގަމުން އައި އާއިލީ ލޯތްބާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރު މިއަދު މިވަނީ ނެތިގެން ގޮސްފައި ކަމަށެވެ. އަދި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި، އަހުވަންތަކަމުގެ ކުލަވެސް މިއަދު މި ދިވެހި މުޖްތަމައުން މަދުން މެނުވީ ފެންނާކަށް ނެތޭ ދެންނެވުން އެއީ ކުށަކަށް ނުވާނެ ކަމަށް ވެސް ބަދުރު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމަށް ރައްޔިތުންގެ އެއްބައިވަންތަކަމާއި އިހުލާސްތެރިކަން ސަރުކާރަށް ލިބިގެން މެނުވީ، އަމާން އޮމާން ވެއްޓެއް ގާއިމް ކުރުމުގައި ސަރުކާރު ހިންގާ ފަރާތްތަކަށާއި ހުދު ރައީސް ނަޝީދަށް ވެސް ތަފާތު އެތަކެއް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ދިމާވާ ދަތިތައް މަދުކޮށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ސަރުކާރަށާއި އެހެނިހެން ފަރާތްތަކަށް ވެސް ލިބޭނެ އެންމެ ފަސޭހަ އެއް މަގަކީ، ރައްޔިތުންނަށް ސާފު މައުލޫމާތު ދެވި، ރައްޔިތުންގެ ހޭލުންތެރިކަން ހުރިހާ ދާއިރާއަކުން ވެސް އިތުރު ކުރެވިގެން ކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. މިކަން މިހާރު ކުރެވޭނީ، ޤާނޫނެއްގެ ބާރުލިބިގެން ހިންގާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަކަށެވެ. މިކަހަލަ ނާޒުކު ވަގުތެއްގައި، ތެދު ހަބަރާއި މައުލޫމާތު، ދެފަރާތް ހަމަހަމަވާ ގޮތަށް ގެނެސްދެވޭނެ މީޑިއާއެއް ދައުލަތުން އުފައްދާ ބާރުވެރި ކުރުވުމަކީ، ނުހަނު ބޭނުންތެރި ކަމެކެވެ،" އެސިޓީގައި ބަދުރު ވަނީ ވިދާޅުވެފަ އެވެ.
އެސިޓީގެ ވާހަކަ ފުރަތަމަ ފަހަރަށް ބަދުރު ވިދާޅުވެފައި ވަނީ އެކޮމިޝަންގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ލޯންޗް ކުރުމަށް މިދިޔަ ބުދަ ދުވަހު ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްކޮންފަރެންގަ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ ދެމަހެއްހާ ދުވަސް ފަހުން އެސިޓީ ފޮނުވި ކަމުގެ މައުލޫމާތު ދޭން ޖެހުނީ އެކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެކޮމިޝަނުން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ހާމަކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ