ފުވައްމުލަކު ފެނުގެ ނިޒާމަށް ކުރީގެ 2 ސަރުކާރުން އިހުމާލުވި: ފަޒާދު

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ނިމިދިޔަ ދެ ސަރުކާރުން ވެސް އިހުމާލުވެފައިވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ފަޒާދު ވަނީ ފުވައްމުލަކަށް ސާފު ފެން ނުލިބުމުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
ތަފްސީލް - މެންބަރު ވިދާޅުވީ، އެ ރަށު ފެނުގެ ނިޒާމަކީ ނިމިދިޔަ ދެ ސަރުކާރުގައި އިހުމާލުވެފައިވާ ކަމެއް ކަމަށާއި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަށޭނަ ގޮތަކަށް ނޫން ކަމަށެވެ.
"ނިމިދިޔަ ސަރުކާރުގެ ކުރީ ސަރުކާރުގައި [ޕީޕީއެމްގެ ސަރުކާރު] ފުވައްމުލަކު ފެނާއި ނަރުދަމާގެ ބިޔަ ބޮޑު ޕްރޮޖެކްޓެއް ހިންގި. އެހެން ނަމަވެސް އެ ޕްރޮޖެކްޓު ހިންގި ގޮތަށް ބަލާއިރު އެއީ އެންމެ އެކަށީގެންވާ ގޮތަށް ކުރެވިފައިވާ ކަންތައްތަކެއް ނޫން،" ފަޒާދު ވިދާޅުވި އެވެ.
"އާހިރު ނަތީޖާއަކީ އެ މަގުތަކުގައި ވަޅުލެވިފައިވާ ހޮޅިތައް ވަޅުލާފައިވަނީ އެ މަގުތަކުގައި ތާރު އަޅާނެ ކަމަށް ވިސްނައިގެންނެއް ނޫން."
މަގުތަކުގައި ތާރު އެޅުމުގެ ސަބަބުން ފެން ހޮޅި ލައިންތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ފަޒާދު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ފުވައްމުލަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިިރިއުޅުމަށް ދަތިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަކީ ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ބުނެ ރިޔާސަތުން ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.
އެ ރަށުގައި ފެނަކައިން ދޫކުރާ ފެން ޑަބްލިޔުއެޗްއޯގެ ބޯފެނުގެ މިންގަނޑަށް ފެތޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އެނގުން މުހިންމު - ފުވައްމުލަކަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.
ފެނަކައިން ބުނާ ގޮތުގައި، ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ އެވެ.  ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާ ގޮތުގައި، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ