ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ދަރިވަރުންތަކެއް އިސްނަގައިގެން ފޯރަމެއް ބާއްވައިފި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ދަރިވަރުންތަކެއް އިސްނަގައިގެން ފޯރަމެއް ބާއްވައިފި

މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން އިއްޔެ ބޮޑު ފޯރަމެއް ބާއްވައިފި އެވެ.
އެމްއެންޔޫގައި ކުރިއަށް ގެންދިޔަ ފޯރަމްގައި މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި އެވެ. ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމަކީ މި ކެމްޕެއިނުގެ މައިގަނޑު މަގްސަދެވެ.
ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ، ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.
ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ.
މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި "ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅާ ދިމާލަށް ދިއުމުގެ ފެށުމެއް ކަމަށެވެ.
ނޯ-ކެޕް ޖަސްޓް ފެކްޓްސްގެ ނަމުގައި ބޭއްވި ފޯރަމްގެ ތެރެއިން -- ފޮޓޯ: އެމްއެންޔޫ
މިނިސްޓަރު ވިދާޅުވީ މީގެ ޒަމާންތަކެއް ކުރިން 100,000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސްނަގާނެ ކަމަށެވެ. ނަމަވެސް, އެއް ސިކުންތުގެ ތެރޭގައި މިހާރު އެކަން ހާސިލްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކުރިން އެއް ލައްކަ މީހުންނަށް ވާހަކަ ސްޕްރެޑް ކުރަން ނަގާ އެއް އަހަރުގެ ތެރޭގައި އޭގެ ހަގީގަތް ހާމަކުރުމަށާއި އެ މައުލޫމާތު ރަނގަޅުކުރުމަށާއި އެއަށް ޓެކުލް ކުރުމަށް ހަމަ އެބަ ލިބޭ އެއް އަހަރު ދުވަސް. މިހާރު ޓެކުލްކުރަން އޭނާ އެ މައުލޫމާތު ލިބޭއިރު އޮންނަނީ ސްޕްރެޑްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ އެ ބެޗުގެ ޑިގްރީއަށް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ އެމްއެންޔޫގެ ތާރީހުގައި މުހިންމު ސޮފުހާއެއްގައި ތިބި ދަރިވަރުންތަކެއް ކަމަށެވެ.
ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި ދަސްކޮށް, އަމަލީ މައިދާނުގައި އެ މައުލޫމާތު ބޭނުންކޮށް އަދި އިތުރަށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކިޔައިދިނުމަކީ ފޯރަމުގެ އެއް ބޭނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރިވަރުން އެ ކިޔަވާ އެއްޗެއްގެ އަމަލީ ތަޖުރިބާ ވަރަށް ރަނގަޅަށް, މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދޭން ކޮމިއުނިކޭޝަން ކެމްޕެއިނެއް އެ ހިންގީ،" އާސިމް ވިދާޅުވި އެވެ.
މި ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ވަނީ ދީފަ އެވެ. އެ ލެޕްޓޮޕް ލިބުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12 ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ އަހުމަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ