ބީއެމްއެލްގެ ބިޒްނަސް ސެންޓަރާއި އެސްޓީއޯގެ ޝޯ ރޫމު ހަދަން ބޭނުންވާ ބިން އަދިވެސް ހަމަޖެހިފައިނުވާ ކަމަށާއި އެކަން އެހެން ދިމާވީ ފިނޭންސް މިނިސްޓްރީ ލިބެން ޖެހޭ ހުއްދަ ނުލިބިގެން ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު ކައުންސިލްތަކުގެ ފަހު ދައުރު ބިން ކުއްޔަށް ދޫކުރުން ވަނީ ހުއްޓުވައިފަ އެވެ.
ބިމުގެ ހުއްދަ ނުލިބުނު ކަމުގައި ވިޔަސް މިދިޔަ އަހަރުގެ އޯގަސްޓް މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ބިޒްނަސް ސެންޓަރުގެ ބިންގާ ވަނީ އަޅައިފަ އެވެ. ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މަޖިލިސް މެންބަރުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެންމެފަހުން ރައްޔިތުންނާ ބައްދަލުކުރަން ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ބިން ކުއްޔަށް ދޫކުރުން ހުއްޓުވުމުން ކައުންސިލްގެ ތިންވަނަ ކުއާޓާގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އެގޮތުން ތެޔޮ ބިންތަކާއި ގޭހުގެ ވިޔަފާރިއަށާއި ޓޫރިޒަމް ބިންތައް ކުއްޔަށް ދޫކުރުން ހުއްޓިފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ހުއްދަ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި ކޮންމެ ހަފުތާއަކު ވެސް ހުއްދައިގެ އަޕްޑޭޓް ހޯދުމަށް ފިނޭންސްއަށް ކައުންސިލުން ގުޅާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިރު އެއްވެސް މަޝްރޫއަކަށް ބިމުގެ ހުއްދަ ދީފައިނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެންމެފަހުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި މޭޔަރު ވާހަކަދައްކަވަނީ--
އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ބިންތައް ވެސް ހިމެނޭކަން ފާހަގަކުރަމުން މޭޔަރު ވިދާޅުވީ، ބީއެމްއެލްގެ ބިޒްނަސް ސެންޓަރާއި އެސްޓީއޯގެ ޝޯ ރޫމަށް ބޭނުންވާ ބިމުގެ އެގްރިމެންޓްގައި ސޮއިނުކުރެވިގެން އުޅެނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުދީގެން ކަމަށެވެ. އަދި މީގެ އިތުރުން ދިރާގު ޓަވަރެއް ޖެހުމަށް ވެސް ބިމަކަށް އެދިފައިވެ އެވެ.
"މި ތިން ބިންވެސް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އަދި އަޅުގަނޑުމެންނަށް ހުއްދައެއް ނުލިބޭ. ސަރުކާރުގައި އެދިގެން މިއުޅެނީ ހުއްދައަށް. ވަރަށް ހެއްވާކަމެއް މިއީ މައިގަނޑުކޮށް މިއޮތީ ސަރުކާރު ކުންފުނިތަކެއް ބީއެމްއެލް އަދި އެސްޓީއޯއަށް ބެޔަސް. އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން. މިއަދު ވެސް ބޭންކް އަޅުގަނޑަށް ގުޅި ބޭފުޅަކު އެ އަވަސްކޮށްދޭށޭ ކިޔާފަ، އެހެންނަމަވެސް އަޅުގަނޑުމެން ކީއްތޯ ކުރާނީ، ފިނޭންސް މިނިސްޓްރީން ހުއްދަށްދިނީމަ އަޅުގަނޑުމެންނަށް ހުއްދަ ލިބޭނީ." މޭޔަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ އެކު ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް ކުރަމުންދިޔަ ގިނަ މަސައްކަތްތަކެއް ވަނީ ހުއްޓި މަޑުޖެހިފަ އެވެ.
ބީއެމްއެލްގެ ބިޒްނަސް ސެންޓަރާއި އެސްޓީއޯގެ ޝޯ ރޫމްގެ ބިމަށް ފިނޭންސުން ހުއްދަ ނުދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ