އިޒްރޭލު ސިފައިންނަށް އެންޑްރޮއިޑް މަނާކޮށް އައިފޯނު މަޖުބޫރުކޮށްފި

އިޒްރޭލު ސިފައިންނަށް އެންޑްރޮއިޑް ފޯނު މަނާކޮށް އައިފޯނު ގެންގުޅުމަށް މަޖުބޫރުކޮށްފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ އަސްކަރިއްޔާ، އިޒްރޭލު ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ލެފްޓިނެންޓް ކާނަލް ރޭންކުން ފެށިގެން މަތީގެ ކޮމާންޑަރުންނަށް، ރަސްމީ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނީ ހަމައެކަނި އެޕަލް އައިފޯނު ކަމަށް ވަނީ އަންގައިފައެވެ. މިއީ ސިފައިންގެ މައުލޫމާތުތައް ހެކްކުރުމާއި ވަގަށް ނެގުމުން ދިފާޢުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. މި ޕްލޭންގެ ދަށުން އިޒްރޭލު ސިފައިން އެ މީހުންގެ ވެރިންނަށް އެއް ފެންވަރެއްގެ އިލެކްޓްރޯނިކް ސިސްޓަމްތައް ހަމަޖައްސާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި ސިސްޓަމްތަކަށް އަޕްޑޭޓް ގެނައުން ފަސޭހަވެގެންދާނެއެވެ. ނަމަވެސް، މި ޕްލޭން އެއްކޮށް ތަންފީޒުކުރަން ފަށާނީ ކޮން އިރަކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން އިޒްރޭލު ސިފައިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. https://sun.mv/211962 އިޒްރޭލު ސިފައިން މި ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މެސެޖިން އެޕްތައް މެދުވެރިކޮށް ސިފައިންގެ ފޯނުތައް ޓްރެކްކޮށް، ސިފައިން ގޮސް އުޅޭ ތަންތަން ދެނެގަތުމުގެ ފުރުސަތު ބޮޑުކަމަށް ސެކިއުރިޓީ އޮފިޝަލުން އިންޒާރު ދީފައި ވަނިކޮށެވެ. މީގެ ސަބަބުން ސިފައިންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބިރުވެރިކަން ފާޅުކޮށްފައިވެއެވެ. މީގެ ކުރިން އިޒްރޭލު ސިފައިން ވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ތިބި ސިފައިންގެ ހަރަކާތްތައް ބަލަން ހަމާސްއިން ވަޓްސްއެޕް ބޭނުންކުރާ ކަމަށް ބުނެފައެވެ. އެހެންކަމުން، ސިފައިންގެ މީހެއްގެ ފޯނަށް ޝައްކު ކުރެވޭ މެސެޖެއް ލިބިއްޖެ ނަމަ އަންގަން އެދިފައިވެއެވެ. މީގެ އިތުރުން، މިލިޓަރީ އިންޓެލިޖެންސުން ވަނީ "ހަނީޕޮޓް" ސްކޭމްތަކެއް ވެސް ހާމަކޮށްފައެވެ. މިއީ އަންހެން ކުދިން ކަމަށް ހެދިގެން މެސެޖުކޮށް، ސިފައިންގެ ފޯނުތަކުގައި މެލްވެއާ އިންސްޓޯލް ކުރުވި ހާދިސާތަކެކެވެ. މި ކެމްޕެއިންތަކުގެ މަޤްސަދަކީ ސިފައިންގެ ޑިވައިސްތަކުގައި ހުންނަ ކޮންޓެކްޓްތަކާއި، ފޮޓޯ އަދި ރިއަލް-ޓައިމް ލޮކޭޝަން ޑޭޓާއަށް އެކްސެސް ހޯދުން ކަމަށް އެނަލިސްޓުން ބުނެއެވެ. ޒަމާނީ ހަނގުރާމަތަކުގައި 'ސައިބާ ވޯފެއާ' ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ހަނގުރާމައަކީ ކުރިއަރާފައިވާ ގައުމުތަކުން ކުރާ ކަމެކެވެ. ޚާއްޞަކޮށް ސްމާޓްފޯނުތަކަކީ ޖީޕީއެސް މެދުވެރިކޮށް ލޮކޭޝަން ދެނެގަތުމަށާއި، ދައްކާ ވާހަކަތައް ސިއްރުން އަޑުއެހުމަށް ބޭނުންކުރެވިދާނެ ޖާސޫސީ އާލާތްތަކަކަށް ވުމީ ދުނިޔޭގެ އަސްކަރިއްޔާތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އައިފޯނާ ޚިލާފަށް އެންޑްރޮއިޑް ނިޒާމަކީ 'އޯޕަން ސޯސް' ނިޒާމަކަށްވެފައި، ރަސްމީ އެޕް ސްޓޯރުގެ ބޭރުން ނުރައްކާތެރި އެޕްލިކޭޝަންތައް ފޯނަށް އެޅުމުގެ (ސައިޑް ލޯޑިން) ފުރުސަތު އޮތުމުން، ސެކިއުރިޓީ ގޮތުން ނާޒުކު ނިޒާމެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ދެކެއެވެ. މީގެ ކުރިންވެސް ހަމާސް ޖަމާއަތުން ވަނީ، ވޯލްޑް ކަޕް މެޗުތައް ބަލާ އެޕްލިކޭޝަންތަކާއި ޑޭޓިން އެޕްތައް ކަމަށް ހެދިގެން ފެތުރި "މެލްވެއާ" ތައް ބޭނުންކޮށްގެން އިޒްރޭލު ސިފައިންގެ ފޯނުތައް ހެކްކޮށް، ސިއްރު މައުލޫމާތު ހޯދާފައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ސިފައިންގެ ފޯނުތައް ކޮންޓްރޯލް ކުރުމުގެ މިފަދަ ސިޔާސަތުތަކަކީ ހަމައެކަނި އިޒްރޭލުން ގެންގުޅޭ ސިޔާސަތެއް ނޫނެވެ. ރަޝިޔާއިން ވެސް ވަނީ އެ ޤައުމުގެ އޮފިޝަލުން އައިފޯނު ބޭނުންކުރުން މަނާކޮށްފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވެސް ޓިކްޓޮކް ފަދަ އެޕްލިކޭޝަންތައް ސިފައިންގެ ފޯނުތަކުގައި ގެންގުޅުން މަނާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ